ޚަބަރު

ރައީސް ނަޝީދުގެ ފުރާނަ ދުއްވައިލާން އުޅުނު އަދުހަމް ޖަލަށްލީ 23 އަހަރަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި އަހަރު މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގައި، ބޮން ގޮއްވައިލި އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

Ads by STELCO

އަދުހަމް ވަނީ ކުށަށް އިއުތިރާފްވެފައެވެ. އަދުހަމް ކުށަށް އިއުތިރާފްވުމުން، މި މައްސަލަ ކުރިޔަށް ގެންދިޔައީ އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައެވެ. އަދި މިއަދު އަދުހަމްގެ މައްޗަށް ވަނީ ޙުކުމްކޮށްފައެވެ.

އަދުހަމްގެ މައްޗަށް ދައުވާ އުފުލައިފައި ވަނީ މިދިޔަ އޮގަސްޓް ތިން ވަނަ ދުވަހުއެވެ. ދައުލަތުން އަދުހަމްގެ މައްޗަށް ކޮށްފައި ވަނީ ނިރުބަވެރި އަމަލެއް ކުރުމާއި، އެފަދަ އަމަލެއް ރޭވުމުގެ އިތުރުން އެ ފަދަ ޖަމާއަތަކަށް ތާއީދު ކުރުމާއި ނުރައްކާތެރި ހަތިޔާރެއްގެ ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރައިލާން އުޅުނުކަމުގެ ދައުވާއެވެ. އަދުހަމްގެ މައްޗަށް 23 އަހަރުގެ ހުކުމެއް އައިސްފައި ވަނީ ދައުލަތާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުމުގެ ސަބަބުންނެވެ. އިއުތިރާފް ނުވެ، ކުށް ސާބިތުވި ނަމަ އަދުހަމްގެ މައްޗަށް 40 އަހަރަށް ވުރެ ބޮޑު ދައުވާއެއް އަންނާނެއެވެ.

23 އަހަރުގެ ޖަލު ހުކުމެއް އަދުހަމްގެ މައްޗަށް އިއްވި ނަމަވެސް، އަދުހަމް ޖަލުގައި ހޭދަ ކުރަން ޖެހެނީ 22 އަހަރާއި 4 މަހާއި 23 ދުވަހެވެ. އެއީ ހުކުމާއި ހައްޔަރާ ދެމެދު ހިނގި 221 ދުވަސް ހުކުމުން އުނި ކުރުމުންނެވެ.

މެއި ހަވަަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން މަސައްކަތްކޮށްފައި ވަނީ ސައިކަލެއްގައި އައިއީޑީއެއް ގޮއްވައިލައިގެންނެވެ. އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގައި ސައިކަލާ އަރައި ހަމަވުމުން ރިމޯޓަކުން އައިއީޑީ އެކްޓިވޭޓްކޮށްފައި ވަނީ އަދުހަމެވެ.

ރައީސް ނަޝީދާއި އެ ހަމަލާގައި ގެއްލުން ލިބުނު ހުރިހާ ފަރާތްތަކުގެ ކިބައިން މަޢާފަށް އެދިފައެވެ. އަދި ބުނެފައި ވަނީ އެފަދަ ހަމަލާއެއް ދީފައި ވަނީ ދީނީ ޤަބޫލު ކުރުންތަކުގެ ސަބަބުން ކަމަށެވެ.

މިފަދަ ކަމެއް އަދުހަމްގެ ފަރާތުން ތަކުރާރު ނުވާނެ ކަމަށް ބުނަމުން އޭނާ ބުނެފައި ވަނީ، ދިވެހި ހުރިހާ ރައްޔިތުންގެ ކިބައިން ވެސް އޭނާ މަޢާފަށް އެދެން ބޭނުންވާ ކަމަށެވެ.

"ހަމަލާއަކީ އަޅުގަނޑަށް ކުރެވުނު ކުށެއް. އެއީ އަޅުގަނޑަށް ދީނީ ގޮތުން ގަބޫލު ކުރެވުނު ކަންތައްތަކަކާ ގުޅިގެން." އަދުހަމް ވަނީ އެކުށަށް އިއުތިރާފްވެ، ތައުބާވެފައިވާ ކަމަށް ބުނެފައެވެ.

Ads by Allied Insurance
  1. އާދަނު

    ހަމަ މިގޮތަށް އާންމު ރައްޔިތުންގެ މައްސަލަތައްވެސް އަވަހަށް ނިންމާނަމަ،

  2. ހުދުހުދު

    ބަލަ ކަލޯ އިސްލާމް ދީނެއްގަ ނުއޮވޭ ތިގޮތަށް ބޮން ގޮއްވައިގެން މީހުން މެރުމަކަށް….ތި އުޅެނީ ދީން ނޭނގި ދީނުގެ ނަމުގައި ހައްދު ފަހަނަ އެޅިގެން. ތިޔަ މީހުން ގަބޫލު ކުރާ ގޮތުގައި ވަކި ހާލަތެއްގަ ކައިވެނި ހެޔޮނުވާ މީހަކާ އިނދެވިވެސްދާނެ. ނަޢޫޛު ބިﷲ……! ﷲ އިސްލާމް ދީން ފޮނުއްވީ އިންސާނިއްޔަތުގެ ދީނެއްގެ ގޮތުގައި. އުސޫލު ތަކާއި ރިވެތި ހަމަތަކެއްގެ މަތިން…. ކުށެއް ކުރެވިއްޖެ ނަމަ ތައުބާވެ މާފަށް ވެސް އެދެން ޖެހޭނެ. * ނަޝީދުވެސް ޑެންމާކު ގައި ދެއްކެވި ވާހަކަ ތަކަށް ތައުބާވެ މާފަށް އެދެން ވާނެ….!

  3. ލދއނނ

    މީގަ ސިޔާސީ މަގުސަދެއް އެބައޮތް ހެންހީވޭ ހަމްދަރުދީ އާއި ސަޕޯޓް ޯދަން ކުޅުންޑރާމާއެއް ނޫންބާ