ރިޕޯޓް

ގުރުއާން އުނގަންނައިދިނުމަކީ ދިރިއުޅުމުގެ މަގްސަދުކަމުގައި ހެދި އަޒްހީނާ

  • އަބަދުވެސް ޓީޗަރަކަށް ވާން ބޭނުން
  • ފެހުން ދަސްކުރުން
  • ކައިވެނި ޕާޓީތަކަށް ހާއްސަ ޝައުގެއް
ލަޠީފާ ޢަދުނާން ، ދެން އޮންލައިން
އަޒޫ: އޮންލައިން ކްލާހެއްގައި ކިޔަވައިދެނީ

އަހަރެމެންނަކީ މުސްލިމުން ކަމުގައި ވާއިރު، ގުރުއާން ކިޔެވުމާއި ދިރިއުޅުމުގެ ބޮޑު ބައެއް ކަމުގައި ގުރުއާން ހެދުމަކީ ނުހަނު މުހިންމު ކަމެކެވެ. މިގޮތުން ރ. މަޑުއްވަރީއަށް އުފަންވި އަޒްހީނާ އިބްރާހީމް(އަޒޫ)އަކީ 2012އިންސުރެ ގުރުއާން ކިޔަވައިދެމުން އަންނަ މީހެކެވެ. މީހަކާ އިނދެ އަދި ދެކުދިންގެ މަންމައެއް ކަމުގައިވި ނަމަވެސް، އަޒޫގެ މަސައްކަތާއި އޭނާގެ ހުވަފެންތަކަށް ކުޑަ ވެސް ގުޑުމެއް ނާދެއެވެ. އަޒޫގެ ހާއްސަކަމަކީ ހަމައެކަނި ގުރުއާން ކިޔަވައިދިނުމެއް ނޫނެވެ. އަހަރެންނަށް އެންމެ ފާހަގަވީ އެކަމަށް އޭނާގެ އޮންނަ ޝައުގުވެރިކަމާއި ފޯރި ހުންނަ ސަބަބާއި އެކަން އޭނާއަށް މުހިންމު ވަރެވެ. ގުރުއާން ކިޔަވައިދިނުމުގެ އިތުރުން ފާހަގަ ކޮށްލެވޭ އެހެން ބައެއް މަސައްކަތް ވެސް އޭނާ ކުރެއެވެ. މިކިޔައިދެނީ އަޒޫގެ ވާހަކައެވެ.

Ads by STELCO

އަބަދުވެސް ޓީޗަރަކަށް ވާން ބޭނުން

ގުރުއާން ޓީޗަރަކަށް ވެވުނީ އިސްލާމް ދީނަށް ޓަކައި އޮންނަ ލޯތްބާއި ޝައުގުވެރިކަމުގެ ސަބަބުން ކަމުގައި އޭނާ ބުންޏެވެ. މީގެ އިތުރުން އެކުގައި އުޅޭ ރައްޓެހިންނަކީ ވެސް އިސްލާމް ދީނަށް ލޯބިކުރާ ދީނީ ކަންކަމުގެ ތެރެއަށް ވަނުމަށް ހިތްވަރުދޭ މީހުންނަށް ވެފައި، ދަރުސްތަކަށް ގޮސް ހެދުމުން ދީނުގެ ތެރެއަށް ވަދެވޭނީ ދީނީ އިލްމު އުނގެނުމުން ކަމުގައި އޭނާއަށް އިހުސާސް ވިއެވެ. ގުރުއާން ލެވެލް 1 ހެދުމަށް ފަހު ކުރިއަށް ދަމުން އެޑްވާންސްޑް ޓީޗިންގ ހެދުމަށް ފަހު ޤުރުއާން ޓީޗިންގެ ޑިގްރީއާ އެކު އަޒޫ ދަނީ އަރަބި ބަސް ވެސް ކިޔަވަމުންނެވެ.

އަޒޫ ބުނީ ކުޑައިރު ރަށުގައި ހުރި އެދުރުގެއަށް ކިޔަވަން ދިޔަ އިރު ބައެއް ފަހަރު އެހެން ކުދިންނަށް ވެސް ކިޔައިދީފައި ހުންނާނެ ކަމަށެވެ.

'ކުރީގައި އެންމެ ކުޑައިރު އެދުރުގެއަށް ދިޔައިރު، އެންމެ ރަނގަޅުހެން ހީވާ ކުދިން ލައްވާ އެދުރު ދައިތަމެން، އެހެން ކުދިންނަށް ކިޔުއްވައި ދޭނެ، އެހެން ކުދިންނަށް ފިލާވަޅު ނަގައިދީ ބުނެދީ ހަދަން.'

އަދި ބޮޑުވެގެން ކުރިއަށް ދާނެ ދާއިރާއަކާ ދޭތެރޭގައި ކުޑައިރު ވިސްނައިލުމުން އޭރު ވެސް އަޒޫގެ ހިތުގައި އޮންނަނީ ޓީޗަރަކަށް ވުމުގެ އަޒުމެވެ. އެއީ އޭރުގައި ފެންނަން ތިބެނީ ހަމައެކަނި ޓީޗަރުން ކަމަށް ވާތީ އެ ޓީޗަރުން ރޯލް މޮޑެލުންގެ ގޮތުގައި ނެގޭތީ ކަމަށް ވެދާނެ ކަމަށް ވެސް އަޒޫ އިތުރު ކޮށްލިއެވެ. މިގޮތުން ގްރޭޑް 10 ނިންމައިފައި މަސައްކަތުގެ ތަޖުރިބާ ނުވަތަ ވާކިންގ އެކްސްޕީރިއަންސް ހޯދުމަށް ޓަކައި ވެސް އަޒޫ ނިންމީ ޕްރީސްކޫލަށް ވަނުމަށެވެ.

ކުދިންނަށް ކިޔަވައިިނުމުގެ މަސައްކަތް ފެށުނީ 2012ގައި ގެއަށް ކުޑަކުދިން ގެނެސްގެން ކަމުގައި އަޒޫ ބުންޏެވެ. އަދި އޮންލައިންކޮށް ގުރުއާން ކިޔަވައިދެވެން ފެށުނީ ލޮކްޑައުންގައި ގޭގައި މަޑުކުރަން ޖެހުމުގެ ސަބަބުން ގުރުއާން ކިޔަވައިދިނުމަށް ހުރަސް އެޅުމުގެ ސަބަބުން ކަމުގައި އޭނާ ބުންޏެވެ.

އަޒޫގެ މަސައްކަތުން އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ 50 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން ހިލޭ ސާބަހަށް ކިޔަވައި ދިނުމެވެ. އޭނާ މި ފިޔަވަޅު ނަގަން ނިންމި ސަބަބަކީ އެ އުމުރުފުރައިގައި ވަރަށް ގިނައިން ގުރުއާން ރަނގަޅަށް ކިޔަވަން ނޭނގޭ މީހުން ނުވަތަ އެއްވެސް ވަރަކަށް ގުރުއާން ކިޔަވަން ނޭނގޭ މީހުން ތިބޭތީ ކަމަށް އޭނާ ބުންޏެވެ. ހާއްސަކޮށް އެ އުމުރުގެ މީހުންނަށް ކްލާހަކަށް ދިޔުމަކީ ބައެއް ފަހަރު ޖެހިލުންވާ ކަމަކަށް ވެދާނެއެވެ. އެހެންވީމާ އެމީހުންނަށް ގުރުއާން ކިޔަވަން އުނގަންނައިދީ ގުރުއާނުގެ އިލްމުގެ ތެރެއަށް ވެއްދުމަކީ އަޒްލީނާ މިކަންތައް ފެށި އެއް ސަބަބެވެ. މިހާރު 100އަށް ވުރެ ގިނަ މީހުންނަށް ހިލޭ ގުރުއާން ކިޔަވައިދީފައި ހުންނާނެ ކަމުގައި އޭނާ ބުންޏެވެ. އޭގެ ތެރޭގައި އަޒޫގެ ފަރާތުން ބިންގާ އެޅިގެން އިތުރު ކޯސްތައް ފުރިހަމަ ކުރަމުންދާ ކުދިން ވެސް އުޅޭ ކަމުގައި އޭނާ ބުންޏެވެ. ބައެއް މީހުންނަށް އަޒޫއަގު ދީގެން އިތުރު ކްލާސްތައް ކިޔަވާ ގޮތަށް ވެސް ކުރިއަށް ދެއެވެ.

މިގޮތަށް މަސައްކަތް ކުރެވެނީ ފިރިމީހާގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭތީ ކަމުގައި އަޒޫ އިތުރު ކޮށްލިއެވެ. ކިޔަވަން އެންމެ ފުރަތަމަ ދިޔަ އިރު، ފުރަތަމަ ދަރިފުޅު ވަރަށް ކުޑަ ވާނެ ކަމަށާއި އޭރު ކިޔަވަންދާ ވަގުތުތަކުގައި ދަރިފުޅަށް ކައްކައިފައި ކާން ދިނުމުގެ އިތުރުން ދަރިފުޅުގެ ހުރިހާ ކަމެއް ވެސް ފިރިމީހާ ކޮށްދޭ ކަމަށް ބުންޏެވެ.

އަޒޫގެ ކުދިން މިހާރު ވަނީ ތުއްތު އުމުރުން ވީއްލިފައެވެ. އެ ކުދިންގެ ހިތުގައި ވެސް ގުރުއާނަށް ލޯބި އުފެއްދުމަށް ޓަކައި އޭނާ މަސައްކަތް ކުރެއެވެ. އެކުދިން ބޮޑުވެގެން އަޒޫ ފަދަ ގުރުއާން ޓީޗަރަކަށް ވުމަށް ޕްރެޝަރ ނުކުރިއަސް އެ ކުދިންނަށް ގުރުއާނުގެ ތެރެއަށް ވަނުމަށް ބާރު އަޅާކަމުގައި އޭނާ ބުންޏެވެ.

އަޒޫއަކީ މޫނު ބުރުގާ އަޅައިގެން އުޅޭ މީހެއް ކަމަށްވާތީ ނިގާބްގެ ސަބަބުން އެއްވެސް ގޮންޖެހުމަކާ ކުރިމަތި ލާން ޖެހޭތޯ އޭނާކުރެން އަހައިލީމެވެ. އޭނާ ބުނީ މިހައިތަނަށް 100އަށް ވުރެ ގިނަ ކުދިންނަށް ކިޔަވައިދިން އިރު އެކަމާ ބެހޭ ގޮތުން ކުއްޖަކަށް އުނދަގޫ ވެގެން ބުނީ އެންމެ ފަހަރަކު ކަމަށެވެ. ބައެއް ފަހަރު ބައެއް މީހުންގެ ފަރާތުން ފާޑުފާޑުގެ ސުވާލުތައް ކުރިމަތިވާ ކަމުގައިވީ ނަމަވެސް މޫނު ބުރުގާ ސަބަބުން އެއްވެސް އުނދަގުލަކާ ހަގީގަތުގައި ކުރިމަތިވެފައި ނުވާ ކަމަށް ބުންޏެވެ.

ފެހުން ދަސްކުރުން

އަޒޫގެ ފާހަގަ ކޮށްލެވޭ އަނެއް ހުނަރަކީ ފެހުމެވެ. އޭނާ ބުނި ގޮތުގައި ކޮންމެ ވައްތަރެއްގެ ކޮންމެ ހެދުމެއްވިޔަސް ފަހައިލެވިދާނެއެވެ. މިކަމުގެ ތެރެއަށް ވަދެވުނު ގޮތާ ބެހޭ ގޮތުން ދެއްކި ވާހަކަ ފަށަމުން އަޒޫ ބުނީ މިހެންނެވެ.

'އެއްވެސް އިރެއްގައި ނުފަހާ ހަނދާނެއް ނުވޭ'

މަންމައަކީ ފެހުމުގެ ތެރެއަށް އަޒޫއަށް ވަދެވުނު ސަބަބެވެ. ފެހުމަށް ޝައުގުވެރިކަން އުފެދި، އަޒޫގެ ފެހުމުގެ ޓީޗަރަކީ ވެސް އަދި އިންސްޕިރޭޝަންއަކީ ވެސް އޭނާގެ މަންމައެވެ. މަންމަ ރަށު މީހުންނަށް ޔުނީފޯމާއި ލިބާސް އަދި އެހެން ވައްތަރުގެ ހެދުން ވެސް ފަހައިދީ ހަދައެވެ. އަޒޫ ބުނި ގޮތުގައި އެންމެ ކުޑައިރުއްސުރެ ލައި އުޅެނީ މަންމަ ފަހާ ހެދުމެވެ. މަންމަ ހެދުން ކަނޑައިގެން ފަހާތަން އަބަދުހެން ފެނެއެވެ. އެގޮތުން މަންމަ ކަނޑައިފައި ދިނުމުން އަޒޫ ފަހައެވެ.

އަޒޫ: އެކި ވައްތަރުގެ ހެދުން ފަހާ

ފަތި ޖެހުމާއި ކެނޑުމާއި ފެހުމުގެ އަސާސީ ކަންކަން އަޒްލީނާ ދަސްކުރީ މަންމަގެ ފަރާތުން ކަމުގައި ވިޔަސް، އޭގެ ފަހުން އަޒޫ ހުރިހާ ކަމެއް ވެސް ދަސްކުރީ އަމިއްލައަށެވެ. ނަމަވެސް އެއްވެސް ކޯހަކަށް ނުދެއެވެ. އެއްޗެއް ނޭނގިއްޖެ ނަމަ އެއެއްޗެއް އޮލުން ފިލުވަނީ އަދި ދަސްކުރަނީ، ގޫގުލް ކޮށްގެން އަދި ޔޫޓިއުބްއިން ވީޑިއޯ ބަލައިގެންނެވެ. މިގޮތުން އެކި ވައްތަރުގެ ހެދުން ފަހައިދީފައި ހުންނާނެ ކަމުގައި އޭނާ ބުންޏެވެ. ގައުމީ ހެދުމާއި، މާމެއިޑް ސްޓައިލްގެ ކައިވެނި ހެދުމުން ފެށިގެން ޕާޓީ ހެދުމާއި އެކި ވައްތަރުގެ ހެދުން ފަހައެވެ. ނަމަވެސް މިހާރު މޮޑަރން ޑިޒައިންތައް ދޫކޮށްލައިފައި އޭނާ ނަގަނީ ހަމައެކަނި އިސްލާމީ ހެދުން ކަމުގައި ފާހަގަ ކޮށްލިއެވެ.

އަޒޫ ފަހައިފައިވާ ހެނދުންތަކެއް

ފެހުމުގެ މަސައްކަތުގައި ވެސް އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އޭނާގެ ފިރިމީހާގެ ސަބަބުން ކަމުގައި އުފަލާ އެކުގައި އޭނާ ފާހަގަ ކުރިއެވެ. ގޭގައި އިނދެގެން ފެހުމަށް ބޭނުންވާ ހުރިހައި އެއްޗެއް ވެސް ހޯދުމަށް ބާޒާރުކުރަން ދަނީ އޭނާގެ ފިރިމީހާއެވެ.

'އަހަރެން އިންނާނީ ގޭގައި. އޭނަ ދާނީ ފޮތި ގަނެދޭން ވެސް، ބަރަނި ގަނެދޭން ވެސް. ބޭނުންވާ ހުރިހައި އެއްޗެއް ގަނެދޭން ވެސް. ވަރަށް ގަދަ ވާނެ އޭނަ. މިވެނި ކަހަކަ ފޮއްޗެކޭ މިއަށް ބޭނުން ވާނީ މިވެނި ކަހަލަ ބަރަންޏެކޭ ރޭނދަލެކޭ ބުނީމަ ގޮސް ފޮޓޯ ފޮނުވައިލައިފައި ބަރަނި ވެސް ގުޅުވައިލައިފައި ގެނެސްދޭނެ ގަނެލައިގެން.'

މިހާރަކަށް އައިސް ފަހާ މީހުން ވަރަށް ގިނަ ވެއްޖެ ކަމަށް ފާހަގަ ކުރަމުން އަޒޫ ބުނީ ކިޔެވުމާއި ކިޔަވައިދިނުމާ ހުރެ ބިޒީ ކަމުން ފެހުމަށް އެހައި ވަގުތު ނުދެވޭ ކަމަށެވެ.

ކައިވެނި ޕާޓީތަކަށް ހާއްސަ ޝައުގެއް

ގުރުއާނު ކިޔަވައިދިނުމާއި ފެހުމުގެ ވާހަކައިން އަޒޫގެ ހުނަރުތަކުގެ ވާހަކަ އަދި ނިމުނީއެއް ނޫނެވެ. އަޒޫއަކީ ކައިވެނި ކުރާ މީހުންނަށް ވަރަށް ރީތިކޮށް ރަން ވެސް ތައްޔާރުކޮށްދޭ މީހެކެވެ. މިކަމުގެ ތެރެއަށް ވަދެވުނު ގޮތާ ދޭތެރޭގައި ސުވާލު ކޮށްލުމުން އޭނާ ބުނީ ކައިވެނީގެ ރަން ހަދަން ޝައުގުވެރިކަން އުފެދުނީ ޔޫޓިއުބްގައި ހުންނަ ވީޑިއޯތައް ފެނިގެން ކަމަށެވެ. އެ އެއްޗެހި ފެނުމުން އަޒޫއަށް ހިޔާލެއް އައެވެ. އެއީ ކައިވެނި ހެދުން ފަހާއިރު ޕެކޭޖެއް ތައްޔާރު ކޮށްފައި ރަން ވެސް އޭގެ ތެރޭގައި ހިމެނުމެވެ. އަދި މިކަމަކީ ވެސް އާމްދަނީ ހޯދަން ކުރެވިދާނެ ކަމެއް ކަމަށް ވިސްނުނެވެ.

އަޒޫ ހަދައިދިން ރަނާ އެކު ދެމަފިރިން

އެގޮތުން ފިރިމީހާގެ ކޮއްކޮއެއްގެ ކައިވެނީގެ ހުރިހާ ކަމެއް ކުރީ އަޒޫއެވެ. ދިވެހި ތީމަކަށް ހެދި އެ ކައިވެނީގެ ރަން އެއީ އެންމެ ފުރަތަމަ އޭނާ ކުރި އެ ކަހަލަ މަސައްކަތެވެ. އޭގެ ފަހުން ވެސް އެކި މީހުންނަށް ރަން ހަދައިދީފައިވާނެ ކަމުގައި އޭނާ ބުންޏެވެ. އެ އެއްޗެހީގެ ފޮޓޯތައް އޭނާގެ ފޭސްބުކް ޕޭޖްގައި ފެންނަން އެބަ ހުއްޓެވެ. މިހާރަށް ބަލައިލާއިރު ރަން ހަދައިދޭ ވަރަށް ގިނަ މީހުން އުޅޭތީ މާބޮޑު އާމްދަނީއެއް އޭގެން ލިބޭނެހެން ހީނުވާތީ އެކަންތައް ކުރިއަށް އޮތް ތަނުގައި ކުރާން ނުވިސްނާ ކަމުގައި އޭނާ ބުންޏެވެ. އެހެން ނަމަވެސް ކޮންމެ ވެސް ހިސާބަކުން ވެޑިން ޕްލޭނިންގެ ކޮންމެ ވެސް ކަމެއް ކުރުމުގެ އުއްމީދު އެބައޮތް ކަމުގައި އޭނާ ބުންޏެވެ.

ރަން ތައްޔާރުކުރުމަކީ ވެސް އަޒޫގެ ޝައުޤެއް

މުޖުތަމައުއަށް އަޒޫގެ މެސެޖް

އަހަރެމެންގެ މުޖުތަމައުގައި ގުރުއާނަކީ ކިހައި ވަރެއްގެ އެއްޗެއްކަން ނޭނގި އަދި އަހަރެމެން ދަސްކުރަންވީ އެއްޗަކީ އަރަބި ބަސްކަން ނޭނގޭތީ އެއީ ވަރަށް ދެރަ ކަމެއް ކަމުގައި އަޒޫ ފާހަގަ ކުރިއެވެ. އެ ގޮތުގެ މަތީގައި އަހަރެމެންގެ ކާބަފައިންގެ ތެރެއިން ބަޔަކު ނިމި ގޮސްފައިވާ ކަމަކީ ވެސް ހިތާމަ ހުރި ކަމެއް ކަމުގައި އޭނާ އިތުރު ކޮށްލިއެވެ. އަދި ހަގީގަތުގައި ގުރުއާން ކިޔެވުމުގެ ފޮނި މީރުކަން އެނގޭނީ އަރަބި ބަސް ދަސްކުރުމުންނެވެ. އެ ކިޔަވާ އެއްޗެއްގެ މާނަ އެނގުމުންނެވެ. އޭރުން ގުރުއާނުގެ ތެރޭގައި އުޅޭ މީހުންގެ އަދަދު ވެސް އިތުރު ވާނެއެވެ.

އަޒޫ ބުނީ ގުރުއާނުން މިންވަރެއް ނުކިޔެވޭ ދުވަހެއް ހަޔާތުން ފާއިތުވެ ނުގޮސް ވޭތޯ ބަލަން ވާނެ ކަމަށެވެ. އޭނާ ދެކޭ ގޮތުގައި ގުރުއާން ކިޔަވަން އެނގުމަކީ ހަމައެކަނި ދެލިގަނޑު ކިޔަވައިލާން އެނގުމެއް ނޫނެވެ. އަހަރެމެން ގުރުއާން ކިޔަވަން ދަސް ކުރަންވީ ނަބިއްޔާގެ އަރިހުން އަހަރެމެންނާ ހިސާބަށް އައި ގޮތަށް ތަޖްވީދުގެ ހަމަތަކާ އެއްގޮތަށެވެ. ނޭނގެއޭ ނުވަތަ ވަގުތެއް ނެތޭ ކިޔައިފައި ދޫކޮށްލެވޭކަށް ނެތެވެ. ގުރުއާނަކީ އަހަރެމެން މުސްލިމުންނަށް ވީތީ އަހަރެމެންނަށް އެއްފަރާތް ކޮށްނުލެވޭ ވަރުގެ އިލްމެކެވެ. އަޒޫގެ ނަސޭޙަތަކީ ކޮންމެ މީހަކު ވެސް މި އިލްމުގައި ކުރިއަށް ދެވޭތޯ، އެންމެ ކުޑަ މިނުން ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވައިލެވޭތޯ މަސައްކަތް ކުރުމެވެ.

ހުވަފެން

އަޒޫގެ ހުވަފެނަކީ ކުރިއަށް އޮތްތާނގައި ޕާޓްނަރއާ އެކު ގުރުއާން ކްލާހެއް ހިންގުމެވެ. އަދި އެތަނުގައި ހިލޭ ކިޔަވައިދޭ ކްލާސްތަކެއް ވެސް ހިންގުމެވެ. އޭނާ އަބަދުވެސް ބޭނުން ވަނީ ގުރުއާން ކިޔެވުމާއި ގުރުއާނުގެ އިލްމު އުނގެނުމުގެ ފޮނިމީރުކަމުގެ ތެރެއަށް ވީހައި ވެސް ގިނަ ބަޔަކު ވެއްދުމެވެ. އިރާދަކުރެއްވިއްޔާ އެގޮތުގައި އަބަދުވެސް އަޒޫ ދެމިހުންނާނެއެވެ.

  1. ސާބަސް ދަރިޔާ. މާތްﷲ އަޒޫގެ ތިމަސައްކަތުގައި ބަރަކާތް ލައްވާށި. ޢާމީން…

  2. ފާތި

    ވަރަށް އުފާވެރިކަން ހިތަށް ލިބުނު ލިޔުމެއް. ގިނަ އަދަދެއްގެ 60 އަހަރަށް ވުރެމަތީގެބޭފުޅުން ވެސް ތިއްބަވާނެ ތަޖްވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން ބޭނުންފުޅުވާ. އަޒްހީނާ ފަދަ ބޭފުޅުން ނަކީ މުޖްތަމަޢު ގައި މަދު ބައެއް. ތިކުރައްވާ ގިނަމަސައްކަތްތަކުން ފުރިހަމަ ކާމިޔާބު ލިބުމަށް އެދެން. ގުޅޭނެ ނަމްބަރެއް މިލިޔުމުގައި އޮތްނަމަވަރަށް ފުރިހަމަ ވީސް.