ޚަބަރު

"އިންޑިއާ އައުޓް" ކެމްޕެއިންގެ ހިނގައިލުން ކ.ގުރައިދޫގައި

ދެން އެމްވީ ، ދެން އޮންލައިން
ހިނގައިލުމަށް ފަހު ރައީސް ޔާމީން އާންމުންނާ މުޚާތަބު ކުރައްވަނީ

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމާ ދެކޮޅަށް އިދިކޮޅު ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް"ކެމްޕެއިންގެ ހިނގައިލުން މިއަދު މާލެއަތޮޅު ގުރައިދޫގައި ކުރިއަށް ގެންގޮސްފިއެވެ.

Ads by Hajj Corporation

މިއަދު ހަވީރު ބޭއްވި މި ހިނގައިލުމުގައި އިދިކޮޅު ލީޑަރު ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގުރައިދޫން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އިދިކޮޅު ލީޑަރަށް މަރުޙަބާ ދަންނަވައިފައި

މި ހިނގައިލުމުގައި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. އިންޑިއާގެ އަސްކަރިއްޔާ ގައުމުން ބޭރުކުރުމަށާއި ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ ޝުޢޫރުތައް ހިނގައިލުމުގައި ފާޅުކޮށްފައި ވެއެވެ. ހިނގައިލުމަށް ފަހު ރައީސް ޔާމީން ވަނީ ބައިވެރީންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވައިފައި ވެއެވެ.

އެ މަނިކުފާނު ވިދާޅުވީ ޒަމާނުއްސުރެ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތީ ރަޙުމަތްތެރި ގުޅުމެއް ކަމަށާއި ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަކީ ދިވެހީން އެދޭ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ މެހެމާނުންގެ ގޮތުގައި އިންޑިއާ މީހުން އެބައުޅޭ ، އެކަމަކު އަސްކަރިއްޔާއިން ތިބީކީ އަޅުގަނޑުމެންގެ މެހެމާނުންގެ ގޮތުގައެއް ނޫން ، އެ މީހުން ޖެހޭނީ ފައިބާން ، އިންޑިއާ ސިފައިން ޖެހޭނީ ފައިބާން"ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިނަކީ ޕީޕީއެމްގެ ހަރަކާތެއް ނޫން ކަމަށާއި އެއީ ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތެއް ކަމަށެވެ.

އިދިކޮޅުން ވިދާޅުވެފައި ވަނީ "އިންޑިއާ އައުޓް"ކެމްޕެއިން ފުޅާ ކުރައްވާނެ ކަމަށާއި މާދަމާ ވެސް މިފަދަ އިވެންޓެއް ކ.ތުލުސްދުއާއި މާލޭގައި އޮންނާނެ ކަމަށެވެ. އިދިކޮޅުން ދަނީ އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވައިލާ ޕެޓިޝަނެއްގެ މަސައްކަތް ވެސް ކުރައްވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!