ދީން

ބުއްދީގެ އަހުލުވެރިންނޭވެއެވެ. ފަހެ ތިޔަބައިމީހުން އިބުރަތް ލިބިގަންނާށެވެ: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Namaadhu, ނަމާދު hukuru, ހުކުރު

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by STELCO

މިއަދު ޚުތުބާގައި ހަނދުމަކޮށްދެއްވައިފައި ވަނީ އަޅުގަނޑުމެންނަކީ ބުއްދީގެ އަހުލުވެރީންނަށް ވީ ހިނދު، އިބުރަތް ލިބިގަތުމަށެވެ.

އެގޮތުން ޚުތުބާގައި ބުނެފައި ވަނީ ދުވަހަކަށް ފަހު ދުވަހެއް، މަހަކަށް ފަހު މަހެއް އަދި އަހަރަކަށް ފަހު އަހަރެއް ފާއިތުވެގެން ދާއިރު އަޅުގަނޑުމެން މިތިބެނީ ޣާފިލުކަންމަތީ ނިދާފައި ކަމަށެވެ. މި ނިދިން އަޅުގަނޑުމެން ހޭލާނީ ކޮން ދުވަހަކުން ބާއޭ ހިތަށް އަރައެވެ.

ކޮންމެ ދުވަހަކު ވެސް އިރު އަރައި، އިރު އޮއްސޭތަން އަޅުގަނޑުމެންނަށް ފެނެއެވެ. އަދި އަހަރެއް ނިމި އިތުރު އަހަރެއް ފެށިގެންދާ ތަން ވެސް ފެނެއެވެ. ފާއިތުވެގެންދާ ކޮންމެ އަހަރަކީ ވެސް އެ އަހަރު ތެރޭގައި އަޅުގަނޑުމެން ކުޅަ އަމަލުތަކާ މެދު، އަޅުގަނޑުމެންގެ މައްޗަށް ހެކިދޭ އަހަރެކެވެ.

އަޅުގަނޑުމެންގެ ޙަޔާތުން ނިމިގެންދާ ކޮންމެ ދުވަހަކީ އަޅުގަނޑުމެންގެ އަނބިދަރީންނާއި، އަޅުގަނޑުމެންގެ ގާތްތިމާގެ މީހުންނާއި، އަޅުގަނޑުމެންގެ ގާތް ރަށްޓެހިންނާ އެކީގައި ހޭދަ ކުރެވޭ ދުވަސްތައް މަދުވެ، އަޅުގަނޑުމެންގެ އަޖަލު ގާތް ކޮށްދޭނެ ދުވަހެކެވެ. އެކަނިމާ އެކަނި ގަބުރުގައި އޮންނަން ޖެހޭނެ ދުވަސް ގާތްވަމުންދާ ކަމުގެ ނިޝާނެކެވެ.

އާންމުގޮތެއްގައި ދުނިޔޭގައި އުޅެވޭނީ ފަސްދޮޅަސް ނުވަތަ ހަތްދިހަ ވަރަކަށް އަހަރެވެ. ނުވަތަ އެއަށްވުރެ މަދު ދުވަސްކޮޅެކެވެ. ކުޑަ ދުވަސްކޮޅެއް ފަހުން މިދުނިޔެއަށް އަލްވަދާއު ކިޔަން ޖެހޭނެއެވެ. އެއީ ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކު އިންކާރު ކުރާނެ ކަމެއް ނޫނެވެ.

އެމީހެއްގެ އުމުރުގެ ދުވަސްތައް ހެޔޮ ގޮތުގައި ހޭދަ ކޮށްފި މީހަކީ، މާތް ﷲ ގެ އިރާދަފުޅުން އަބަދުގެ އަބަދަށް ސުވަރުގޭގެ ނިއުމަތުގައި ދެމިހުންނާނެ މީހެކެވެ. ނަމަވެސް ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތައް ކުރުމުގައި އެމީހެއްގެ އުމުރު ހޭދަކޮށްފި މީހަކީ ﷲގެ ކޯފާއާއި އަޛާބަށް ހުށަހެޅިގެންދާނެ މީހެކެވެ. އަދި އަޅުގަނޑުމެން މިދުނިޔޭގައި ކުޅަ އަމަލުތައް އަޅުގަނޑުމެންނާ ބައްދަލުކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ފުރިހަމަ މުސްލިމަކަށް މީހާ ވަނީ، އާޚިރަތް ދުވަހަށް އީމާންވުމުންނާއި ފޮތްތަކަށް އީމާންވުމުން ވެސް މެއެވެ. ހަމައެކަނި ﷲ ގެ އެއްކައުވަންތަކަމަށް އީމާންވުމަކުން ނުފުދޭނެއެވެ. އާޚިރަތް ދުވަހު ހުރިހާ މަޚްލޫޤުތައް މަޙްޝަރު ކުރެވޭނެކަމާއި، ހިސާބު ބެއްލެވޭނެކަން ވެސް ޤަބޫލުުރަން ޖެހޭނެއެވެ. އެދުވަހަކީ މުދަލަކުން އަދި ދަރިއަކުން ވެސް މަންފާ ކުރާނެ ދުވަހެއް ނޫނެވެ.

މާތް ﷲ ވަޙިކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ:

އަދި ކޮންމެ އިންސާނަކުމެ އޭނާ ކުޅަ އަމަލު، އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. އަދި ޤިޔާމަތް ދުވަހުން ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ ހާލުގައި އޭނާ ދެކޭނެތެވެ. (އަދި އަންގަވާނެތެވެ) ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް ހިސާބުކުރާ މީހަކަށް، ތިބާގެ އަމިއްލަ ނަފްސު ފުދެއެވެ. ތެދުމަގު ލިބިގެންފި މީހާ (ދަންނާށެވެ) ފަހެ އެމީހާ އެ ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެމީހާގެ އަމިއްލަ ނަފްސުގެ ލާބައަށެވެ. އަދި މަގުފުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެ މަގުފުރެދޭކަން ކަށަވަރީ އެ ނަފްސުގެ ހަލާކަށެވެ. އަދި ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ. އަދި ތިމަންރަސްކަލާނގެ ރަސޫލަކު ފޮނުއްވައިފުމަށް ދާންދެން (އެއްވެސް ބަޔަކަށް) އަޛާބުދެއްވުމަކަށް ތިމަންރަސްކަލާނގެ ކަނޑައެއްނާޅުއްވަމެވެ.

އިސްވެދިޔަ އުއްމަތްތަކުން އިބުރަތް ހާސިލުކުރުމަށް މާތް ﷲ ވަނީ މި އުންމަތުގެ މީހުންނަށް އިރުޝާދު ދެއްވައިފައެވެ. އިސްވެދިޔަ ބައެއް އުތްމަތްތަކުގައި އޮތް އަމަންއަމާންކަމާއި ހަމަޖެހުމުގެ ސަބަބުން، އެޤައުމުތަކަށް ﷲގެ ރިޒްޤު ތަނަވަސްވެ، ބަނޑުހައި ހޫނުކަން އިޙުސާސް ކުރަން ނުޖެހި، ތަރައްޤީވެ ކުރިއަރައިގެން ގޮސްފައި ވަނީ ކިތައް ޤައުމު ހެއްޔެވެ؟ ނަމަވެސް އެ ޤައުމުތަކުގެ މީސްތަކުންގެ އީމާންކަން ބަލިކަށިވެ އެބައިމީހުންގެ ހިތްތަކުގައި ﷲ ތަޢާލާއަށް އޮތް ބިރުވެތިކަން ފިލައިގެން ގޮސް އެކަލާނގެއަށް އުރެދުމުގެ ސަބަބުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މާތް ﷲ އެމީހުންގެ ހާލަތު ބަދަލު ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އެ ނިއުމަތްތަކުން އެބައިމީހުން މަހުރޫމްވިއެވެ، އަދި ބަލިމަޑުކަމާއި މުސީބާތްތައް އެމީހުންނަށް ކުރިމަތިވެ އެމީހުން ހަލާކުވެގެން ދިޔައެވެ. ސަބަބަކީ ﷲ ދެއްވި ނިޢުމަތްތަކަށް އެމީހުން ޝުކުރުވެރި ނުވުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!