ޢިއްޒުއްދީން ސުކޫލަށް ބަދަލުވުން އަލުން މުރާޖައާ ކުރަނީ
ޢަރަބިއްޔާ ސުކޫލުގެ ދަރިވަރުން ، އަންނަ ޓަރމުން ފެށިގެން ޢިއްޒުއްދީން ސުކޫލަށް ބަދަލުވާން ހަމަޖައްސައިފައި އޮތް އޮތުން މުރާޖަޢާކުރާން ނިންމައިފިއެވެ.
މި ގޮތަށް ނިންމެވީ ރޭ ޢަރަބިއްޔާ ސުކޫލްގެ ޕީޓީއޭއާ އެކު ނައިބު ރައީސް ފައިސަލް ނަސީމް ބޭއްވެވި ބައްދަލުވުމެއްގައެވެ.
ޢަރަބިއްޔާ ސުކޫލްގެ ބެލެނިވެރިއަކު ބުނީ ތިން ގަޑިއެއްހައި އިރަށް ދެމިގެން ދިޔަ އެ ބައްދަލުވުމުގައި ދިމާވެގެން އުޅޭ މައްސަލައަށް ހައްލެއް ނުހޯދުނު ނަމަވެސް ޢިއްޒުއްދީން ސުކޫލަށް ބަދަލުވުން އަލުން މުރާޖަޢާ ކުރުމަށާއި އެޑިޔުކޭޝަން މިނިސްޓްރީއާއި އަރަބިއްޔާގެ މެނޭޖްމަންޓް އަދި ޕީޓީއޭ އެއް މޭޒަކަށް އައިސް މަޝްވަރާ ކުރުމަށް ނިންމަވައިފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ރައީސް ޞާލިޙާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.
އަރަބިއްޔާ ސުކޫލުގެ މައްސަލަ ހޫނުވެފައި ވަނީ އެ ސުކޫލުގެ ކިޔެވުން އިއްޒުއްދީން ސުކޫލްގެ އިމާރާތުގައި ކުރިއަށް ގެންދިޔުމަށް ނިންމުމާ ގުޅިގެންނެވެ. މި ގޮތަށް ހަމަޖެއްސީ އެންމެ 8 އަހަރުވީ ޢަރަބިއްޔާގެ އިމާރާތުގައި ރެނދުލައި ބޮޑެތި ގެއްލުންތައް ލިބެމުންދާތީއެވެ. ބެލެނިވެރީންގެ ކަންބޮޑުވުމަކީ ޢިއްޒުއްދީން ސުކޫލަކީ ދެ ޖިންސް އެއްކޮށް އިނގެރޭސި މީޑިއަމްއަށް ކިޔަވައިދޭ ސުކޫލަކަށް ވުމާ އެކު އެ މާހައުލަށް ކުދީން ގެންދާން ޖެހުމާއި އެ ތަނުގެ ޖާގައިގައި ދެ ސުކޫލް ނުހިންގޭނެތީ ދެން ނިކުމެދާނެ މައްސަލަތަކެވެ.
46 ކްލާސްރޫމް ހުންނަ އަރަބިއްޔާ ސްކޫލުގައި މިހާރު ވެސް ޖާގައިގެ ދަތިކަން އޮވެއެވެ. އިއްޒުއްދީން ސްކޫލަކީ 20 ކްލާސްރޫމުގެ ސްކޫލެކެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުން ހުރީ ބައެއް ދަރިވަރުންނަށް މެންދުރު ފަހުގެ ދަންފަޅީގައި އިއްޒުއްދީން ސްކޫލަށް ގެންގޮސް ކިޔަވައިދޭށެވެ. އަދި އަނެއްބައި ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދާށެވެ.
އަރަބިއްޔާއާ މެދު ބެލެނިވެރީންގެ ކަންބޮޑުވުން އިތުރުވެފައި ވަނީ މާޒީގައި ވެސް އަރަބިއްޔާ ސުކޫލަށް ދިމާވެފައި އޮތް ކަންކަމާ ގުޅިގެންނެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ޢަރަބިއްޔާ ސުކޫލް ހިންގަމުންދިޔަ ބިމުގައި ފްލެޓް އަޅަން ނިންމައި އެ ތަން ތަޅައިލިއެވެ. މިކަމާ ގުޅިގެން ބެލެނިވެރީން ނިކުމެ މުޒާހަރާކޮށް އިހްތިޖާޖްކުރުމުން ޢަރަބިއްޔާ ހިންގަން ވަގުތީ ތަނެއްގެ ގޮތުގައި ހަމަޖެއްސީ މަންދު ކޮލެޖު ހިންގަމުން ދިޔަ ތަނެވެ. އެ ތަނުގައި އަރަބިއްޔާގެ ކްލާސްތައް ކުރިއަށް ގެންދިޔައިރު މަންދުގެ ޒުންބާ މިޔުޒިކް ކްލާސްތައް އެކުއެކީގައި ގެންދިޔުން ފަދަ އެތައް މައްސަލަތަކެއް އޭރު ދިމާވިއެވެ.
މި ހުރިހައި ސަބަބުތަކަށް ޓަކައި އަރަބިއްޔާގެ ބެލެނިވެރީން އެދެނީ މަރާމާތަށް ސުކޫލް ބަންދު ކުރާއިރު ވަގުތީ ގޮތުން ވެސް މިނިވަން މާހައުލެއް ލިބުމެވެ. އެގޮތުން ދަރުމަވަންތަ ސުކޫލަށް ވެސް ވަގުތީ އަވަސް ހައްލެއް ހޯދިފައިވާކަން ބެލެނިވެރީން ފާހަގަ ކުރެއެވެ. މީގެ އިތުރުން ނާދީ ހުރި ބިން އަރަބިއްޔާގެ ދާއިމީ ބިމެއްކަމުގައި ހަމަޖައްސައިދިނުމަށް ވެސް ބެލެނިވެރީން އެދެއެވެ.
ޢަރަބިއްޔާ ކުދިން ސްކޫލް މަރާމާތަށޭ ކިޔާފަ ޢިއްޒަށްދީނު ސުކޫލަށް ބަދަލް ކުރުމަކީ ރަގަޅުގޮތެއްނޫން’ އަމުދުން މިކަހަކަ ސިއްހީ ސިޓުއޭޝަނެއްގައި އުޅޭއިރު ކުރަން ހެޔުވާ ވަރުގެ ކަމެއްނޫން !