ސިރިންޖު ލިބުމުން ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހާ ދުވަހެއް އިއުލާން ކުރާނަން: އެޗްޕީއޭ

ވެކްސިން ޖަހަން ބޭނުން ކުރާ ސިރިންޖު ލިބުމުގައި ދަތިތަކެއް އުޅޭތީ ވެކްސިން ޖަހާ ދުވަހެއް އިއުލާން ކުރާނީ ސިރިންޖު ލިބުމުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށް ރާއްޖެއަށް މިއަދު 100،620 ޑޯޒް ވެކްސިންގެ އައު ޝިޕްމެންޓެއް ލިބިފައިވާ ކަމަށެވެ.
އަދި ވެކްސިން ޖަހަން ފެށުމަށް ކުރަން ޖެހޭ ތައްޔާރީތައް މިހާރު ކުރަމުން ދާ ކަމަށާއި ވެކްސިން ޖެހުމަށް ސިރިންޖު ލިބުމުގައި މުޅި ދުނިޔެއަށް ވެސް ދަތިތަކެއް ކުރިމަތި ވަމުން ދާ ކަމަށެވެ. އެޗްޕީއޭއިން ވިދާޅުވީ ވެކްސިން ޖަހާނެ ތާރީހް އިއުލާން ކުރެވޭނީ ސިރިންޖު ލިބުމުން ކަމަށެވެ.
މިހާރު ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަމުން އަންނަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށެވެ.
ރާއްޖޭގައި ކޮވިޑްގެ ބޫސްޓާ ޑޯޒް ޖަހަނީ ކޮވިޝިލްޑް/ އެސްޓްރަޒެނެކާ، ސިނޮފާމް އަދި ފައިޒާ ހިމެނޭހެން ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހިފަހުން 6 މަސް ފުރިހަމަ ވެފައިވާ މީހުންނަށެވެ.