ޚަބަރު

އުސް އިމާރާތް ގޯސް ވާހަކަ މި ދައްކަނީ ތިރި އިމާރާތް ވެސް އަޅައި ނުދެވޭ މީހުން: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީންގެ ސަރުކާރުން އަޅައިފައިވާ ހިޔާ ފްލެޓްތައް ގޯސްވެގެން މި ސަރުކާރުގެ ފަރާތްތަކުން ވާހަކަ ދައްކަމުން އަންނައިރު, މި ސަރުކާރުން ތިރި އިމާރާތްތަކެއް ވެސް އަޅައި ނުދެވޭ ކަމަށް، ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ

Ads by STELCO

ހިޔާ ސަރަހައްދުގެ ފްލެޓްތައް ފަންސަވީސް ބުރީގެ ޓަވަރުތަކެއް ގޮތަށް ކައިރިކައިރީގައި އެޅުމަކީ ޕްލޭނަކާ ނުލާ ކުރި ކަމެއް ކަމަށް މި ސަރުކާރުގެ އިސް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މިގޮތުން، މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވީ މި ސަރުކާރުން ހިޔާ ފްލެޓްތައް ތަޅައިލާން ވިސްނި ކަމަށާއި އުސްކޮށް އިމާރާތްކޮށް، ގިނަ މީހުން އެއްތަން ކުރުމުން ދިމާވާ މައްސަލަތައް މިހާރު ފެންނަމުން އަންނަ ކަމަށެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވެ ވަޑައިގަތުމަށް ފަހު، ފުރަތަމަ ފަހަރަށް މީޑިއާއަކަށް ދެއްވި އިންޓަރވިއުގައި، އެ މަނިކުފާނު ވަނީ ސަރުކާރުން ހިޔާ ފްލެޓް މަޝްރޫއުއަށް ފާޑު ކިޔަމުންދާތީ އެކަމަށް ރައްދު ދެއްވައިފައެވެ.

"އެމީހުން ހަދަންވީ ނޫންތޯ، އެކަހަލަ ހޮހޮޅަ، ހަދައިފައި ބުނަންވީ ނޫންތޯ، އެ ހޮހޮޅައަށް ވުރެ ރަނގަޅު ތަންތަން މިހުރީއޭ ހަދައިފައި، އެހެންވެއޭ ބުނަނީ ރައީސް ޔާމީން ހައްދަވައިފައި އެހުރީ ހޮހޮޅައޭ." ރައީސް ޔާމީން ވިދާޅުވީ، ފާޑު ކިޔުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި ކަން ކުރަން ޖެހުމުން މީހާގެ ނާޤާބިލުކަން ފެންނަ ކަމަށެވެެ.

ސަރުކާރުގެ ފާޑު ކިޔުންތައް ރައީސް ޔާމީން އަޅައި ކިޔުއްވީ، މިއަހަރު ބޭއްވި ސާފް ޗެންޕިއަންޝިޕްގައި ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މީސްމީޑިއާއާއި އެކިތަންތަނުގައި ފާޅު ކުރި ޝުއޫރުތަކެވެ. މިގޮތުން ކުޅެން ނާރާ ތިބެ، ފާޑުކީ ކަމަށް ވިދާޅުވަމުން ވިދާޅުވީ، "ދަނޑުން ބޭރުގައި ތިބި އަޅުގަނޑުމެން ވަރަށް ރަނގަޅަށް ފުޓްބޯޅަ ކުޅުއްވީމެއް ނޫންތޯ" އެވެ.

އޮންލައިން ނޫސް"ދިޔަރެސް"އަށް ދެއްވި މި އިންޓަރވިއުގައި، ރައީސް ޔާމީން ވިދާޅުވީ ހިޔާ ފްލެޓްތައް އުސް އިމާރާތްތަކެއްގެ ގޮތުގައި ހެދުމުން އެކަމަށް ބަޔަކު ފާޑު ކިޔާ ކަމަށާއި އެހެން ނަމަވެސް އަލުން އެކަން ގޯސްވި ސަބަބު ހާމަކޮށް ނުދެވޭ ކަމަށެވެ.

"އުސް އިމާރާތް ކުރީމައި، ގޯސްވާ ސަބަބުތައް ދައްކައިފި ކަމަށްވަންޏާ، އުސް އިމާރާތް ކުރީމަ ރައްޔިތުންނަށް ފައިދާވާ އެތައް އިތުރު ސަބަބެއް ދެއްކޭނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރުން ހިޔާ ފްލެޓްތަކަކީ ކޮތަރު ކޮށިތަކެއް ކަމަށް ސިފަކޮށް ވާހަކަދައްކަމުންދާތީ، ރައީސް ޔާމީން ވިދާޅުވީ، ހިޔާ ފްލެޓްތަކަށް ފާޑު ކިޔަމުންދަނީ، ކުއްޔަށް އިމާރާތްތައް ދޭ ފަރާތްތަކާއި އަމިއްލަ ގެދޮރު ހުރި މުއްސަދިން ކަމަށާއި ހިޔާ ފްލެޓްތަކަކީ އެ މީހުންނަށް ހަދައިދިން ތަނެއް ނޫން ކަމަށެވެ.

"ފާޑު ކިޔާ މީހުންނަކަށް ނޫނޭ މިތަން ހަދައިދިނީކީއެއް. އަދި ކުއްޔަށް ދީގެން ބޮޑެތި އާއްމުދަނީ ހޯދާ ލޭންޑް ލޯޑުންނަކަށް ނޫނޭ މިތަން ހަދައިދިނީ ކީއެއް. އެކަހަލަ މީހުންގެ ތެރެއިން ފާޑު ކިޔުން މި އަންނަނީ." ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު މިތަން މިދިނީ އެއަށް ވުރެ މާ ހިތްދަތިކޮށް، މާ ނިކަމެތިކޮށް އިންސާނީ ކަރާތްމާތް ގެއްލޭ ހިސާބުގައި ތިބި ބަޔަކަށް ފުުރުސަތެއް ހޯދައިދޭން ކުރި ކަމެއް މިއީ. އެމީހުން އެތަނަށް ވަދެފައި، ފާޑު ކިޔައިފައި ނިކުމެގެން ގޮސްފިއްޔާ އަޅުގަނޑު ޤަބޫލު ކުރާނަން ރައީސް ޔާމީނަށް އައި ފާޑު ކިޔުމެއް ކަމެއް"

ރައީސް ޔާމީން ވިދާޅުވީ، ހޮރިޒޮންޓަލް ހައުސިންނަކީ ދައުލަތަށް އުފުލޭނެ ވަރުގެ ބުުރައެއް ނޫން ކަމަށެވެ. މިގޮތުން ހޮރިޒޮންޓަލް ހައުސިންގް ނިޒާމަކަށް ގޮސްފި ނަމަ، ބިން ހިއްކުމަށާއި ހިއްކި ބިން ގިރިޔަ ނުދިނުމަށް ގިނަ ޚަރަދުތަކެއް ހިނގާނެކަން ފާހަގަ ކުރައްވަމުން ވިދާޅުވީ، ވާޓިކަލް ގެ އެޅުމުގެ ވިސްނުން ގެންގުޅޭ ނަމަ ކަމުގެ ފޯކަސް ގެއްލި، ބޮޑެތި ޚަރަދުތަކެއް ހިނގާނެ ކަމަށެވެ.

"ރާއްޖޭގައި ތިވަރުގެ ބޮޑު ބިންބިމެއް ނެތް. ދެން ބުނަންވާނެ ނޫނެކޭ، ހައްދުންމަތީގައި މިހިރީ ބިންބިމޭ، މިވެނި މިވެނި ތަނެއްގައި މިހުރީ ބިންބިމޭ. ދެން ވިސްނާލަން ޖެހެނީ އެތަންތަނަށް އިމާރާތްކޮށްގެން ދިޔައީމަ، ހަމަ އިމާރާތް އެތާންގައި ހުރިއޭ ކިޔާފައި، މުޅި އާބާދީ އެތަނަށް ބަދަލުވާނެހޭ." ރައީސް ޔާމީން ވިދާޅުވީ، ހުޅުމާލެ ތަރައްޤީ ކުރީ ބޮޑެތި ޕްލޭންތަކާ އެކުގައި ކަމަށާއި އެތަނުގައި ބިން ބޭނުން ކުރެވޭނެ އިތުރު ގޮތެއް ނެތް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!