ދީން

އިސްލާމީ އަގީދާއާ ފުށުއަރާ ކަންކަން އާންމުވަމުންދާކަން ފާހަގަކޮށް ހުތުބާގައި ގޮވައިލެއްވީ ރަސޫލާގެ އިރުޝާދުތަކުގައި ސާބިތުވުމަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by MWSC

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވައިލައިފައި ވަނީ ސަލާމަތުގެ މަގުތަކުގެ މައްޗަށެވެ.

ދުވަސްތައް ހަފްތާތަކަށް ބަދަލުވެ، ހަފްތާތައް މައްސަރުތަކަށް ބަދަލުވެ، މައްސަރުތައް އަހަރުތަކަށް ބަދަލުވެ މާޟީވަމުން މިދަނީ އަޅުގަނޑުމެންނަށް ވަރަށް ގިނަގުނަ ފިލާވަޅުތަކާއި އިބްރަތްތަކެއް ދެމުންނެވެ. މީގެ ތެރޭގައި އަޅުގަނޑުމެން ހަނދާން ކުރަންޖެހޭ ކަންތައްތަކާއި ލިބިގަންނަން ޖެހޭ ފިލާވަޅުތައް އެބަހުއްޓެވެ. އެގޮތުގެ މަތިން އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭ އެއްކަމަކީ ފާއިތުވެދާ އެއްވެސް ވަގުތަކީ، ދެން ޙަޔާތަށް އެނބުރި އަންނާނެ ވަގުތުތަކެއް ނޫން ކަމެވެ.

މިފުރުސަތުގައި އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭ އެންމެ މުހިންމު އަނެއްކަމަކީ، މާތް ﷲ سُبْحَانَهُ وَتَعَالَى އެއްލައްކަ ސައުވީސްހާސް ނަބިޔުން ފޮނުއްވި މަޤްސަދުގެ މަތިންނެވެ. އެއީ ﷲ سُبْحَانَهُ وَتَعَالَى ގެ އެއްކައުވަންތަކަން ބިންމަތީގައި ޤާއިމު ކުރުމެވެ. ޙައްޤުވެގެން ބިންމަތީގައި އަޅުކަން ވެވޭނެ ފަރާތަކީ ހަމައެކަނި މާތް ﷲކަން ސާބިތު ކުރުމެވެ. މި މަތިވެރި ވާޖިބު އަދާ ކުރެއްވުމަށް ޓަކައި އެއްލައްކަ ސައުވީސްހާސް ނަބިއްޔުން ފޮނުއްވިއެވެ.

މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނަައިގައިވެއެވެ.

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ އިލާހަކު ނުވާ ކަމަށް އެބޭކަލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިން ވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ!

މިއީ ޖިންނީންނާއި އިންސީން ޚަލްޤުކުރެވުނު ސަބަބެވެ. ފޮތްތައް ބާވައިލެއްވި މަޤްސަދު ވެސް މެއެވެ. މިމަތިވެރި މަޤްސަދު ގެއްލޭ ފަދަ އެއްވެސް ކަމެއް ކުރުމަކީ މުއުމިނަކަށް ހުއްދަވާނެ ކަމެއް ނޫނެވެ. އެހެންކަމުން މާތް ﷲ سُبْحَانَهُ وَتَعَالَىގެ އެއްކައުވަންތަކަން ނަފީކުރާ ފަދަ ކަމެއްގައި ބައިވެރިވުމަކީ މުއުމިނުންނަށް ހުއްދަވާނެ ކަމެއް ނޫނެވެ. އެއީ ޝިރުކުގެ ޢަމަލެކެވެ. އެފަދަ ކަންކަމާ ދުރުހެލިވުން ލާޒިމުވެގެންވެއެވެ.

މާތް ﷲ سُبْحَانَهُ وَتَعَالَى ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އުއްމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ ﷲއަށް އަޅުކަން ކުރުމަށާއި ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ.

ނަމަވެސް މިހާރަކަށް އައިސް އިސްލާމީ ޢަޤީދާއާ ފުށޫއަރާ ކަންކަން މި މުޖުތަމައުގެ ބައެއް ފަރުދުންގެ ކިބައިން ފެންނަކަމީ ހިތާމަހުރި ކަމެކެވެ. އިސްލާމްދީނަށް އިހާނެތިކޮށް ކަންތައްކުރުމާއި، އިސްލާމްދީން ނޫން އެހެން ދީންތަކުގެ ބާތިލު ޢަޤީދާތައް ފެތުރުމަށް މަސައްކަތް ކުރާ ބަޔަކު ވެސް އުޅޭކަމީ ހިތާމަހުރި ކަމެކެވެ.

އެފަދަ ބާތިލު ޢަޤީދާތައް ބަޔާންކުރައްވައި މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ:

ހަމަކަށަވަރުން، ﷲ އީ ތިން އިލާހުންކުރެ އިލާހެކޭ ބުނި މީހުން ކާފިރު ވެއްޖެކަން ކަށަވަރެވެ.

މި ބާތިލު ޢަޤީދާ ފެތުރެއްވުމަށް ޢީސާގެފާނު އެންގެވިތޯ ﷲ سُبْحَانَهُ وَتَعَالَى އެކަލޭގެފާނާ ސުވާލުކުރައްވައި، ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވަނީ:

ﷲ ވަޙީކުރެއްވި ހިނދު، ހަނދުމަކުރާށެވެ! އޭ މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނެވެ! ﷲ ފިޔަވައި ތިމަންނާއާއި، މައިކަނބަލުންނީ، ދެ އިލާހުން ކަމުގައި ތިޔަބައިމީހުން ހިފާށޭ ކަލޭގެފާނު މީސްތަކުންނަށް ވިދާޅުވީމުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! ބުނުމުގެ ޙައްޤު މިއަޅާއަށް ލިބިގެންނުވާ ބަހެއް ބުނުން، މިއަޅާއަކަށް ނުވެއެވެ. މިއަޅާ އެ ބަސް ބުނި ނަމަ، އިބަރަސްކަލާނގެ އެކަން ދެނެވޮޑިގެންވާނެކަން ކަށަވަރެވެ. މިއަޅާގެ ހިތުގައިވާ ކަންތައް ވެސް، އިބަރަސްކަލާނގެ ދެނެވޮޑިގެންވަމުއެވެ. އިބަރަސްކަލާނގެ އިރާދަފުޅުގައި ވާކަންތައް، މިއަޅާއަކަށް އެނގިގެނެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ، ވަންހަނާގައި ވާހައި ކަންކަމެއް ވެސް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

ރެއާއި ދުވާލަކީ، އިންސާނާ ގޮވައިގެން އޭނާގެ އަޖަލާއި ދިމާލަށް ދަތުރުކުރާ އުޅަނދެކެވެ. ދުރުގައިވާ ކޮންމެ އެއްޗެއް ކައިރިކުރަމުންނެވެ. އައު ކޮންމެ އެއްޗެއް ބައު ކުރަމުންނެވެ.

އަޅުގަނޑުމެން މުސްލިމުން ހަނދާން ކުރަންޖެހޭ ކަންކަމުގެ ތެރޭގައި، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުން ހިމެނެއެވެ. ހެޔޮ ޢަމަލުތައް ގިނަ ކުރުމާއި، ނުބައިކަންތަކުން ދުރުހެލިވުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!