ޚަބަރު

ޝަކުވާ ކުރުމުގެ ބަދަލުގައި ކޮށްދިން ކަންކަން ބަލައިގަންނަން ޖެހޭ: އަސްލަމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހިރާއްޖެއަކީ މިއަދު ތަރައްޤީވަމުން އަންނަ ޤައުމެއް ކަމަށާއި މިހިސާބަށް ރާއްޖެ އައިސްފައި ވަނީ އެކި ޒަމާންތަކުގެ ޚިދުމަތްތަކުން ކަމަށާއި ޝަކުވާ ކުރުމުގެ ބަދަލުގައި އެކި ސަރުކާރުތަކުން ކޮށްދިން ކަންކަން ބަލައިގަންނަން ޖެހޭ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރާއްޖޭގައި މިހާރު ފެނާއި ނަރުދަމާ ގާއިމު ނުކުރެވި އޮތް 23 ރަށުގައި އެ މަސައްކަތް ކުރުމަށް ކުންފުނިތަކާ ހަވާލު ކުރުމަށް މިއަދު އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، މިއަދު ރާއްޖެ ތަރައްޤީވަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ދާންވާ ހިސާބަށް އަދި ނުދެވޭ ކަމަށެވެ. އަދި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް އިޝާރާތް ކުރައްވަމުން އަސްލަމް ވިދާޅުވީ، މުސްތަޤްބަލުގައި ރަށްރަށުގައި ކުރަން ޖެހޭ ތަރައްޤީގެ މަޝްރޫއުތައް އަދި އިތުރުވާނެ ކަމަށެވެ.

"މި މާލެއަށްވީ ހުރިހާ ގޮތެއް ރަށްރަށް ވާން ފަށާނެ" މާލޭގެ މަގުތައް ހެދި ގޮތަށް އެހެން ރަށްތަކުގެ މަގުތައް ހަދަން ޖެހޭނެ ކަމަށް އިޝާރާތް ކުރައްވަމުން އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ. އުޖާލާ މުސްތަގްބަލެއް ފެންނާނީ ކުރެވިފައި ހުރި ކަންކަން ދެނެގަނެ އެކަން ބަލައިގަނެ އޭގެ ފަހުރުވެރިކަމާ އެކު ކުރިއަށް ދިނުމުގެ އުންމީދުގައި މަސައްކަތް ކުރުމުން ކަމަށެވެ. އަދި އަބަދު ޝަކުވާ ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އަބަދު ޝަކުވާ، އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. ޝަކުވާ ކުރަން ވެސް ޖެހޭނެ. އެހެން ނަމަވެސް ކުރެވުނު ކަންތައް ޖެހޭނެ ބަލައިގަންނަން. އެއީ ކޮންމެ ބަޔަކު ކުރިކަމުގައި ވިޔަސް." އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރައީސް ޞާލިޙްގެ ސަރުކާރަކީ ރައްޔިތުން އެދޭ ގޮތަށް ކަންތައް ކުރާނެ ސަރުކާރެއް ކަމަށެވެ. އަދި ކޮންމެ ސަރުކާރެއް އޮތަސް، ކުރާ ކަންތައް ބަލައި ނުގަންނަ، އަދި ފެނުނަސް އެކަމަކީ ނުވާ ކަމަކަަށް ހެދިގެން އުޅޭ ބަޔަކު އުޅޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"ރައީސް ޞާލިޙްގެ ސަރުކާރަކީ އަޅުގަނޑުގެ ނަޒަރުގައި އަޑު އަހާ، ކަނުލާ އަޑުއަހާ، ކަންކަން ކުރިޔަށްދާންވާ ގޮތަށް، ރައްޔިތުން އެދޭ ގޮތަށް ކުރިޔަށްދާން އިޖާބަދޭ ސަރުކާރެއް." އަސްލަމް ވިދާޅުވިއެވެ.

  1. އައިސް

    ކުރިން ވީ ކިހިނެތް ކަލޭމެންވީމަ ދޯ

  2. ބުލްބުލް

    ބަކަރިތައް ދައުލަތުގެ ބައިތުލްމާލު ބަނޑުއަޅާވަހަކަ ދައްކަންޖެހޭ. ތީ ކޮންބައެއްކަން ދަރިންނަށްވެސް އިނގެންޖެހޭ. ޢެހެންވީމާ އެވާހަކަތައް ރައްޔިތުން ދައްކާނެ.

  3. ކޮން ކަމެއް ކޮށްދެވިގެން އުޅޭ މީހެއްތަމީ،! ކުރެވުނުހާވެސް ކަމަކީ ފުލެޓްތައް ތަޅާލަން އުޅުން ނޫން ބާ،!!