ޚަބަރު

އެފްއޭއެމް މުވައްޒިފުންނަށް ވަނީ މުސާރަ ދީފައި، ހަޤީޤަތް އޮޅުވައިނުލާން ގޮވައިލަން: ޖަވާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮޓޯ: މިހާރު

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މުވައްޒިފުންނަށް ދެ މަހުގެ މުސާރަ ނުދޭ ކަމަށް ދެކެވޭ ވާހަކަތައް އެފްއޭއެމްއިން ދޮގުކޮށްފިއެވެ.

Ads by MWSC

އޮންލައިން ނޫސް "މިހާރު"އިން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި، އެފްއޭއެމްގައި މަސައްކަތް ކުރާ މުވައްޒިފުންގެ މުސާރަ ނުދޭތާ މިހާރު ވަނީ ދެ މަސް ވެފައެވެ.

މި ޚަބަރުގެ ސްކްރީންޝޮޓެއް ޝެއަރކޮށް، ފޭސްބުކްގައި މިއަދު އެފްއޭއެމްގެ ޖެނެރަލް ސެކެރެޓަރީ ހުސައިން ޖަވާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޮވެންބަރު މަހުގެ މުސާރަ ޖަމާވުމުގައި ލަސްކަމެއް ދިމާވި ކަމަށާއި އެކަން ދިމާވީ، ފަންޑް ޓްރާންސްފަރު ކުރުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު ނޮވެންބަރު އަދި ޑިސެންބަރު މަހުގެ މުސާރަ ޖަމާކޮށްފައިވާނެ ކަމަށް ވެސް ޖަވާ ވިދާޅުވިއެވެ.

ޖަވާ އިތުރަށް ވިދާޅުވީ، ވަކި ނޫހަކާ ދޭތެރޭގައި ފުޓްބޯޅަ އާއިލާއިން ނުރުހެނީ މިފަދަ ސަބަބުތަކާ ހެދި ކަަމަށް ވެދާނެ ކަމަށާއި، ހަޤީޤަތް އޮޅުވައިލުމަކީ ނޫސްވެރިކަމެއް ނޫން ކަމަށެވެ.

ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރާ ކްލަބްތަކުން އެ މުބާރާތުގެ މެޗުތަކުގައި "މިހާރު" ނޫސް ބައިވެރިވާތީ ވަނީ ބޮއިކަޓްކޮށްފައެވެ. މިކަމާ ގުޅިގެން އޮންލައިން ނޫސް "އަދަދު"އަށް ޖަވާ ވަނީ "މިހާރު" ނޫހުން ނެގެޓިވްކޮށް ފުޓްބޯޅައިގެ ހަބަރުތައް ގެނެސްދޭކަން އެ އެސޯސިއޭޝަނަށް ވެސް ފާހަގަކުރެވޭ ކަމަށް ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!