ދީން

ފަޚުރުވެރިވުމަށާއި މަޝްހޫރުވުމަށް ލޯބިކުރެވުނު ވަރަކަށް، އިޚްލާސްތެރިކަން ފަނޑުވަމުންދާނެ: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Namaadhu, ނަމާދު hukuru, ހުކުރު

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by Sosun Fihaara

މިއަދުގެ ޚުތުބާ ހާއްސަ ކޮށްފައި ވަނީ ހެޔޮ ޢަމަލު ކުރުމުގައި ދެމިތިބުމުގެ މައްޗަށެވެ. އެ ގޮތުން މާތް ﷲއަށް ތަޤުވާވެރިވުމަށާއި، ހަމަކަށަވަރުން ހުރިހާ ހެޔޮކަމެއްގެ އަސްލަކީ ތަޤުވާވެރިކަން ކަމަށް ޚުތުބާގައި ހަނދުމަކޮށްދެއްވައިފައި ވެއެވެ.

މާތް ﷲ ވަޙީ ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި، ހަމަކަށަވަރުން ﷲއީ ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!

މާތް ﷲ ތަޢާލާ އެކަލާނގެ އަޅުން އިމްތިހާނު ކުރައްވައި، އެމީހުންގެ ތެރެއިން އެކަލާނގެއަށް އިޚްލާސްކަންމަތީ އަޅުކަން ކުރަނީ ކޮންބައެއްތޯ ބައްލަވައެވެ.

އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު ނެތިކޮށްލާ ކަންތައްތަކުގެ ތެރޭގައި ކުޑަ ޝިރްކުވެއެވެ. އޭގެ ތެރޭގައި ކަންދެއްކުންވެއެވެ. މިހެންވެ ލޮބުވެތި ރަސޫލާ (ޞޢވ) އެކަލޭގެފާނުގެ ސަހާބީންނަށް ކަންދެއްކުމާ ދުރުހެލިވެވަޑައިގަތުމަށް ނަސޭހަތް ދެއްވިއެވެ. ކަންދެއްކުމުގެ ތެރެއަށް ވެއްޓި ވަޑައިނުގަތުމަށް އިރުޝާދު ދެއްވިއެވެ.

ކުޑަ ޝިރްކަކީ ވަރަށް ވަންހަނާކަން ބޮޑު ކަމެކެވެ. ކަޅު އަނދިރި ރޭރޭގައި، ކަޅު ހިލަމަތީގައި، ކަޅު ހިނި ހިރޭ ހިރުމަށް ވުރެ ވެސް، މިކަމުގެ ވަންހަނާކަން ބޮޑުވެގެން ވެއެވެ.

އަމިއްލަ އެދުންތައް ބޮޑުވެ، މަދަޙާ ތާރީފުކުރުމަށް ލޯބި ކުރެވުނު ވަރަކަށް، އިޚްލާސްތެރިކަމުގެ ބައްތި ކަނިވަމުން ދާނެއެވެ. ފަޚުރުވެރިވުމަށާއި މަޝްހޫރުވުމަށް ލޯބިކުރެވުނު ވަރަކަށް، އިޚްލާސްތެރިކަން ފަނޑުވަމުންދާނެއެވެ.

މާތް ﷲ ޤަބޫލު ކުރައްވާނީ އެއްވެސް ކިލަނބުކަމެއް ނެތް، ސާފު ޞާލިޙު ޢަމަލުތަކެވެ. އަޅުގަނޑުމެންގެ ރަނގަޅު ޢަމަލުތައް، ނުބައި ޢަމަލުތަކަށް ބަދަލުކޮށްލާ އެންމެ ވަރުގަދަ ބާރަކީ ކަންދެއްކުމެވެ.

ރަސޫލާ (ޞޢވ) ޙަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ކަންދެއްކުމުގެ ކުޑަ މިންވަރަކީ ވެސް ޝިރްކެކެވެ.

އެ ދުވަސް އަންނާނެ ކަމާ މެދު އެއްވެސް ޝައްކުކަމެއް ނެތް ޤިޔާމަތް ދުވަހު، މާތް ﷲ ކުރީގެ އެންމެންނާއި ފަހުގެ އެންމެން އެއްކުރެއްވުމުން ގޮވައިލާ މީހަކު ގޮވައިލާނެއެވެ. އެމީހެއްގެ ޢަމަލުގައި، ﷲއާ އެކު އެހެން ފަރާތެއް ބައިވެރި ކުރި މީހަކު، އެކަމުގެ ޘަވާބު އޭނާގެ ކިބައިން ފަހެ ހޯދާށެވެ. ހަމަކަށަވަރުން ޝަރީކުކުރެވޭ ފަރާތްތަކުން މާތް ﷲ ވަނީ ފުދިވޮޑިގެންނެވެ.

ކަންދެއްކުމުގެ ނުބައިކަމާ މެދު ނިކަން ވިސްނައި ބަލާށެވެ! މާތް ﷲ ވަޙީ ކުރައްވާފައިވާ ގޮތުގައި އެއީ މުނާފިޤުންގެ ސިފައެކެވެ. ކަންދެއްކުމަކީ، ރަނގަޅު ޞާލިޙު ޢަމަލުތައް ވެސް ފާސިދުވެގެންދާ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!