ޚަބަރު

ތަރައްޤީއަށް މުހިންމު ގައުމުތަކާ އެންމެ ގާތް ގުޅުމެއް އުފެއްދީ އަޅުގަނޑު: ޔާމީން

ރައުފާ ރަޝީދު ، ދެން އޮންލައިން
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްޤީއަށް މުހިންމު ޤައުމުތަކާ ރަނގަޅު ގުޅުން އުފައްދައިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޗެނަލް-13 ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، މި ސަރުކާރުން ރައީސް ޔާމީންގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކަށް އަމާޒުކުރި ފާޑު ކިޔުންތަކަށް ރައްދު ދެއްވައިފައެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވާ ހިންގަވަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިނަށް ފާޑު ވިދާޅުވަމުން، ސަރުކާރުގެ އިސްފަރާތްތަކުން ވިދާޅުވަނީ ރައީސް ޔާމީނަކީ ޚާރިޖީ ގުޅުންތަކަށް ނުބައްލަވާ ބޭފުޅެއް ކަމަށެވެ. މިގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވުމާއި ހުޅަނގުގެ ޤައުމުތަކާ ގުޅުންތައް ހީނަރުވުން ފަދަ ކަންކަމަކީ އެކަހެރި ސިޔާސަތުތަކެއްގެ ގޮތުގައި ސަރުކާރުގެ ފަރާތްތަކުން ފާހަގަކުރައްވައެވެ.

މިކަމަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ބެއްލެވީ ރާއްޖޭގެ ތަރައްޤީއަށް މުހިންމު ޤައުމުތަކާ ގާތް ގުޅުމެއް އުފެއްދެވުމަށް ކަމަށެވެ. މިގޮތުން ޗައިނާއާއި އޭރުގެ ސަރުކާރާ އޮތް ގާތް ގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ޗައިނާއިން ނަގައިފައިވާ ލޯނުތަކަކީ ކުޑަ އިންޓްރެސްޓަކާ އެކު ނެގި ލޯނުތަކެއް ކަމަށާއި ލޯނުތައް ފަސޭހަ ކަމާއެކު ސަރުކާރަށް ދެއްކުުމުގެ ޤާބިލުކަން ހުރިކަން އެނގި ލޯނުތަކެއް ކަމަށެވެ. އަދި ޗައިނާ ފަދަ ޤައުމުތަކާ ގުޅުން ވަރުގަދަ ކުރީ އެއީ ރާއްޖޭގެ ތަރައްޤީއަށް މުހިންމު ޤައުމަކަށް ވާތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ، އެ މަނިކުފާނުގެ ވެރިކަމުގައި ހުޅަނގުގެ ޤައުމުތަކާ ގުޅުން ހީނަރުވި ސަބަބާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން ވިދާޅުވީ، އެ ޤައުމުތަކަކީ ރާއްޖޭގެ ތަރައްޤީގައި މާބޮޑު އެހީތެރިކަމެއް ދޭން ބޭނުން ނުވާ ޤައުމުތަކެއް ކަމަށެވެ. އަދި ހުޅަނގުން އުޅުނީ އިންސާނީ ޙައްޤުތަކުގެ ނަމުގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒް ވިޔަ ނުދީ، އަދި ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދޭން ކަމަށެވެ.

ސަރުކާރުގެ ފަރާތްތަކުން ރައީސް ޔާމިންގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުންދާ އިރު، މިއަދު ރާއްޖެއާއި އިންޑިއާ އޮތް ގުޅުމަކީ ކޮންމެ ދިވެއްސަކު ވެސް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!