ދީން

އަޚެއްގެ ކިބައިން ނުބައި ކަމެއް ފެންނަހިނދު، އޭނާ ފަޟީހަތް ނުކޮށް ނަސޭޙަތްދީ: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިސްލާމީ މަރުކަޒު / ފޮޓޯ: ދެން އިމޭޖްސް

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by MWSC

މިއަދުގެ ހުކުރު ޚުތުބާ ހާއްސަ ކޮށްފައި ވަނީ މިފަހަކަށް އައިސް ވަރަށް ގިނައިން ކުރިމަތިވަމުން އަންނަ ނޭދެވޭ އަމަލެއްގެ މައްޗަށެވެ. އެގޮތުން ޚުތުބާގައި ނަސޭހަތްތެރިވެފައި ވަނީ ތިމާގެ އަޚާ ފަޟީޙަތް ކުރުމާ ދުރުހެލިވުމަށެވެ.

ރަސޫލާ (ޞޢވ) އަޅުގަނޑުމެންނަށް އަމުރުކުރައްވައިފައި ވަނީ، އަޅުގަނޑުމެންނަށް އޮޅުމަކުން ކުރެވޭ ހަޑިހުތުރު އަމަލުތައް ވެސް ވަންހަނާ ކުރުމަށެވެ. އެއީ ތިމާ އެފަދަ ކަންކަން އާންމުކޮށް، ފާޅު ނުކުރާހައި ހިނދަކު މާތް ﷲ އިންސާނާގެ އެފަދަ އަމަލުތައް ބޭޒާރު ނުކުރައްވައި، ވަންހަނާކޮށްދެއްވާނެތެވެ.

މާތް ނަބިއްޔާ (ޞޢވ) ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ތިމަން ކަލޭގާނުގެ އުންމަތުގެ އެންމެންނަކީ، އެމީހުން ކުރާ ހަޑިހުތުރު އަމަލުތައް ފާޅުނުކުރާހައި ހިނދަކު، މަޢާފުކުރެވިގެންވާ ބައެކެވެ. މީހަކު ރޭގަނޑު ހަޑިހުތުރު އަމަލެއްކޮށް، އެކަން ﷲ ތަޢާލާ ފޮރުއްވައި ދެއްވައިފައިވަނިކޮށް، ހެނދުނު ތެދުވެ، މީސްތަކުންގެ ގާތަށް ގޮސް އަހުރެން ރޭ މިވެނި އެވެނި ކަމެއް ކުރީމޭ ބުނެ، އެވާހަކަ ދެއްކުމަކީ ﷲ ވަންހަނާކޮށްދެއްވައިފައިވާ ސިއްރެއް ފާޅުކުރުމުގެ ތެރޭގައިވާ ކަމެކެވެ.

އަޅުގަނޑުމެންނަށް ކުރެވޭ ކުށް ފާފަތަކާއި، ހަޑި ހުތުރު އަމަލުތައް ވަންހަނާ ކުރުމަކީ، ޤިޔާމަތް ދުވަހުން މާތް ﷲގެ ފުއްސެވުމާއި، މަޣްފިރަތު ލިބިގެންވާ ކަމެކެވެ.

ފޮރުވައި ވަންހަނާ ކޮށްދިނުމުގެ ތެރޭގައި، އަޅުގަނޑުމެންގެ އަޚަކަށް ކުރެވޭ ނުބައި ކަމެއް ފެންނަހިނދު އޭނާއަށް ނަސޭޙަތްދީ، އޭނާގެ ކުށް ވަންހަނާ ކޮށްދިނުންވެއެވެ.

ރަސޫލާ (ޞޢވ) ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

މުސްލިމަކު ދުނިޔެމަތީގައި ފަޟީހަތް ނުކޮށް، ވަންހަނާކުރި މީހާ ދަންނައެވެ. މާތް ﷲ އެމީހާ ދުނިޔެއާއި އާޚިރަތުގައި ވަންހަނާ ކޮށްދެއްވާނެތެވެ.

މާތް ﷲގެ އަޅުތަކުން ފަޟީޙަތް ނުކޮށް، އެމީހުންގެ ނުބައި އަމލުތައް ވަންހަނާ ކޮށްދޭ މީހަކީ، ﷲ ދެކެ ބިރުގަންނަ، އާޚިރަތް ދުވަހުގެ ރައްކާތެރިކަމަށް އެދޭ މީހެކެވެ. މީސްމީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން،  ޚަބަރުތަކާއި، ރިޕޯޓުތަކާއި، ފޮޓޯތަކާއި، ވީޑިއޯތަފަތުރަން ފަސޭހަ މިފަދަ ޒަމާނެއްގައި، މުސްލިމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!