ޚަބަރު

ޚިޔާލު ހޯދުމުގެ ފުރަތަމަ ޕޯލުން އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ބުނީ ޕީޕީއެމްގެ ކެނޑިޑޭޓް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

"ދެން"ގެ ޓްވިޓަރ ހޭންޑަލްގައި ކުރިޔަށް ގެންދިޔަ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ޚިޔާލު ހޯދުމުގެ ފުރަތަމަ ޕޯލްގައި، އެ ދާއިރާގެ ގޮނޑި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ބުނެފިއެވެ.

Ads by Hajj Corporation

24 ގަޑިއިރަށް ކުރިޔަށް ގެންދިޔަ މި ޕޯލަށް ޖުމްލަ 878 ފަރާތަކުން ވަނީ ވޯޓް ލައިފައެވެ. ފެބްރުއަރީ ފަސް ވަނަ ދުވަހު އޮންނަ މި އިންތިޚާބުގައި ވާދަ ކުރަނީ، ޕީޕީއެމްގެ އިތުރުން، އެމްޑީޕީ އަދި އެމްއެންޕީއިންނެވެ.

ޕޯލް ދައްކާ ގޮތުން، 52 އިންސައްތަ މީހުން ޤަބޫލު ކުރާ ގޮތުގައި މި އިންތިޚާބު ކާމިޔާބު ކުރާނީ ޕީޕީއެމްގެ ކެނޑިޑޭޓެވެ. ދެވަނައިގައި އޮތީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދެވެ. އެއީ 33 އިންސައްތައާއެކުއެވެ. އެންމެ ފުލުގައި 15 އިންސައްތައާއެކު އޮތީ، ކާނަލް ނާޒިމް ހެއްދެވި އެމްއެންޕީން އިންތިޚާބުގައި ވާދަ ކުރައްވާ އަބްދުލްހަންނާނެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ދެ ޕޯލެއް ބާއްވަން "ދެން"އިން ވަނީ ނިންމައިފައެވެ. އެއީ، މިމަހުގެ ފަހު ކޮޅުގައި ނަގާ ޕޯލަކާއި، އިންތިޚާބު ދުވަހާ ކައިރިކޮށްފައި ނަގާ ޕޯލެކެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު ނިޔާވުމުންނެވެ. އެ ދާއިރާގެ ގޮނޑި އެމްޕީ ހުސެއިން ވަޙީދު ކާމިޔާބު ކުރެއްވީ 332 ވޯޓްގެ ތަފާތުންނެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރީ ޕީއެންސީގެ ކެނޑިޑޭޓެވެ.

މި އިންތިޚާބުގައި ވޯޓް ލުމަށް 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވައިފައެވެ. އޭގެ ތެރޭގައި މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓްލާ ފޮއްޓެއް ހިމެނެއެވެ. އެ ފޮށި ހުންނާނީ އިންތިޚާބާ ބެހޭ މަރުކަޒު، ބައު ޖަމާލުއްދީނުގައެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނެނީ, އެ ރަށުގެ އިތުރުން، ފޯކައިދޫއާއި މަރޮއްޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!