ސިއްހީ ދާއިރާގައި ގެންގުޅޭ އުޅަނދުތައް މަރާމާތު ކުރާ ޓެކްނީޝަނުންނަށް ތަމްރީނު ދެނީ

ރާއްޖޭގެ ސިއްހީ ދާއިރާގައި ބޭނުންކުރާ އުޅަނދުތައް މަރާމާތުކޮށް ބަލަހައްޓާ ޓެކްނީޝަނުން ތަމްރީނުކުރުމަށް ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިޓެކްނިކްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަހްމަދް ނަސީމެވެ. އަދި ޕޮލޓެކްނިކްގެ ފަރާތުން ސޮއިކޮށްފައި ވަނީ ހަޔާއެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަންއެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކުގައި މަސައްކަތްކުރާ 18 ޓެކްނީޝަނަކަށް ތިންމަހުގެ މެއިންޓަނަންސް ޓްރެއިނިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މިފަދަ ޓްރެއިންތަކުގެ ސަބަބުން ޓެކްނީޝަނުންގެ ފަންނީ ގާބިލުކަން އިތުރުވާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އދި އެމްބިއުލާންސް ފަދަ ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ފަސޭހައިން ހައްލުކުރެވި މަރާމާތުގެ ހަރަދު ކުޑަވެގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ 180އަށް ވުރެ ގިނަ ރަށުގައި ހުންނަ އުޅަނދުތައް މަރާމާތުކުރުމަށް ދަތި ކަމަށެވެ. އަދި މިނިސްޓްރީން ވިސްނުން ގެންގުޅުއްވަނީ މިހާރު ތަމްރީނުކުރާ މީހުންގެ ތަމްރީނުތަކަށް ފަހު އެމީހުންގެ ފަރާތުން އެހެން މީހުންނަށް ދަސްކޮށްދިނުމަށްކަމަށް ވެސް ވިދާލުވިއެވެ.
މިފަދަ ޓްރެއިނިންތަކުގެ ސަބަބުން ރަށްރަށުގައި ދިމާވާ އެމްބިއުލާންސުގެ މައްސަލަތައް ފަސޭހަކަމާއެކު ހައްލު ވެގެންދާނެއެވެ.