ޚަބަރު

މާބަނޑު މީހާއާ މެދު އަމަލު ކުރީ އޮންނަ އުސޫލުގެ ދަށުން، އެންމެންގެ ސަލާމަތަށް ޓަކައި: އޭޑީކޭ

  • އޭޑީކޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް ބަލި ޖެހޭ މީހުންނަށް ބޭނުންވާ ބޭސްފަރުވާ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވޭނީ އެހެން މީހުންނާއި ވަކިން އެކަހެރި ތަނެއްގައި ފަރުވާ ކުރެވޭ ނިޒާމެއްގެ ތެރެއިން، ކޮވިޑް ފެތުރުނަ ނުދިނުމަށްވެސް ސަމާލުކަން ދީގެން ކަމަށެވެ.
ފަތޯނާ ފާއިޒު ، ދެން އޮންލައިން
އޭޑީކޭ ހޮސްޕިޓަލް.

މާބަނޑު އަންހެނަކު އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔުމުން، ކޮވިޑް-19ގެ ބަލި މީހަކަށް ވާތީ، އައިޖީއެމްއެޗުން ފަރުވާ ހޯދަން ބުނެ ފޮނުވައިލި މައްސަލައިގައި އަމަލު ކުރި ގޮތް އޭޑީކޭ ހޮސްޕިޓަލުން ސާފުކޮށްދީފިއެވެ.

Ads by STELCO

މާބަނޑު އަންހެނެއްގެ ފެންދުލި ފަޅައިގެން ގޮސްފައިވަނިކޮށް، އައިޖީއެމްއެޗުން ފަރުވާ ހޯދަން ފޮނުވި މައްސަލައިގައި އެ ހޮސްޕިޓަލަށް މީސްމީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

އޭޑީކޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް ބަލި ޖެހޭ މީހުންނަށް ބޭނުންވާ ބޭސްފަރުވާ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވޭނީ އެހެން މީހުންނާއި ވަކިން އެކަހެރި ތަނެއްގައި ފަރުވާ ކުރެވޭ ނިޒާމެއްގެ ތެރެއިން، ކޮވިޑް ފެތުރުނަ ނުދިނުމަށް ވެސް ސަމާލުކަން ދީގެން ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ކުރުމަށް ސިއްހީ ހިދުމަތްދޭ ވަކި ތަންތަން ކަނޑައަޅައިފައިވާ ކަމަށާއި، އެ ތަންތަނުގައި އެކަމަށް ހާއްސަ ކުރެވިގެން، ފަރުވާދޭ މެޑިކަލް ޓީމުތައް ހަރަކާތްތެރި ވެވޭގޮތަށް އިންތިޒާމުތައް ދައުލަތުން ހަމަޖައްސާފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"މި ހޮސްޕިޓަލުން ހިދުމަތް ހޯދަން އަންނަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި، އެކަމަށް ހާއްސަ ކުރެވިފައިވާ މަރުކަޒަކަށް ބަލި މީހާ ޓްރާންސްފަރ ކޮށްދީ، މިކަންކަން ހަމަޖެހިފައި އޮންނަ އުސޫލުން ކުރަމުން ދާނެއެވެ." އޭޑީކޭގެ ބަޔާނުގައި ވެއެވެ.

އޭޑީކޭއިން ބުނީ ކުއްލި ހާލަތުގައި އެ ހޮސްޕިޓަލުގެ އިމަޖެންސީއަށް އަންނަ ފަރާތެއް ކޮވިޑަށް ފައްސިވީ ނަމަވެސް، އިމަޖެންސީ ހާލަތްތަކުގައި އެފަރާތަށް ބޭނުންވާ ކުއްލި ފަރުވާ އޭޑީކޭއިން ދޭ ކަމަށެވެ. އަދި ފަރުވާ ދިނުމަށް ފަހުގައި ނޫނީ ބަލި މީހުން ފަރުވާ ދޭ މަރުކަޒަށް ބަދަލު ނުކުރާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

މިއާ ހިލާފަށް އޭޑީކޭއިން ހިދުމަތް ހޯދަން އަންނަ އާންމު ހާލަތުގައިވާ މީހަކަށް، ނުވަތަ އިމަޖެންސީ ހާލަތެއް ކަމަށް ނުބެލެވޭ ފަރާތެއް ކޮވިޑަށް ފައްސިވެއްޖެ ނަމަ، އިސްކަން ދޭނީ ވަގުތު އޮއްވާ އެ ފަރާތެއް ވީ އެންމެ އަވަހަށް ކޮވިޑަށް ފަރުވާ ދޭ މަރުކަޒަށް ފޮނުވުމަށް ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.

"މިގޮތަށް އަމަލު ކުރަމުންދަނީ، ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން އެހެން ބަލިތަކަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި، ވިހާ ކޮޓަރިތަކުގައި ވިއްސަން ވައްދައިފައި ތިބި މީހުންނާއި، ވިހައިގެން ނެރޭ ތުއްތު ކުދިންނާއި، އޮޕަރޭޝަން ތިއޭޓަރުން ބޮޑެތި އޮޕަރޭޝަންތައް ކޮށްގެން ނެރޭ މީހުންނާއި، ދޮށީ އުމުރުގެ ހާލު ދެރަ މީހުން ފަދަ ނާޒުކު ހާލަތްތަކުގައިވާ ތަފާތު އެތައް ބައެއްގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައެވެ." އޭޑީކޭއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އެ ހޮސްޕިޓަލުން ބުނީ، މީގެ ކުރިން ވެސް އަމަލު ކުރަމުން އައީ މި އުސޫލުން ކަމުގައެވެ. އަދި މި އުސޫލުތައް ދެމެހެއްޓުމަށް ޓަކައި ހިދުމަތް ހޯދާ މީހުންގެ ފަރާތުން އެހީތެރިކަން ލިބޭކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

Ads by HDC
  1. ނަސީމާ

    ނިކަން ކެރެންޔާ ހާމަކޮށްލަބަލަ ކިތައް ޕޭސަންޓުތޯ އައިޖީއެމްއެޗްއަށް 2021 ވަނަ އަހަރު ޓްރާންފާކުރީ. ނުސްވެރިން ވެއްޖެއެއްނުން މީގެ ސެޓިސްޓިކްއެއް ހަދަން