ރައީސް ނަޝީދު ސްރީލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ނަޝީދު ސްރީލަންކާގެ ބޮޑުވަޒީރުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިން ވަނީ ގިނަ މަޝްވަރާތަކެއް ކުރައްވައިފައެވެ.
މިދަތުރުފުޅަކީ ސްރީލަންކާ ޔޫތު ޕާލަމެންޓުގެ 05 ވަނަ މަޖިލީހުގެ 2ވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކޮލަމްބޯއަށް ކުރައްވާ މި ދަތުރުފުޅުގައި، ސްރީލަންކާގެ އިސްވެރިންނާއި އެ ޤައުމުގެ އޮފިޝަލުންނާއި ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ އަދި ސްޓޭޓް މިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަރޕްރައިސް ޑިވެލޮޕްމަންޓް، ހިޒް އެކްސެލެންސީ ނަމާލް ރާޖަޕަކްސާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.