ޚަބަރު

އެމްއެންޕީގެ ވައުދު: އަހަރަކު ރަށަކުން މީހަކު ހައްޖަށް ފޮނުވައިދޭނަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރައްވާ އެމްއެންޕީގެ ކެނޑިޑޭޓްގެ ވައުދު ލިސްޓް އާއްމުކޮށްފިއެވެ.

Ads by Hajj Corporation

މިރޭ އެމްއެންޕީން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަ ކުރާ ކެނޑިޑޭޓް އަބްދުލް ހަންނާނު އެ ދާއިރާގެ ވަކިވަކި ރަށްރަށާއި ދާއިރާގެ ހުރިހާ ރަށަކަށްވާ ވައުދުތައް ވަނީ އާއްމުކޮށްފައެވެ.

އެމްއެންޕީން މުޅި ދާއިރާއަށްވާ ވައުދުތަކުގެ ތެރޭގައި، ތަނަވަސްކަމެއް ނެތް، މަދުވެގެން ކޮންމެ ރަށަކުން 1 ބޭފުޅަކު، ކޮންމެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފޮނުވުން ހިމެނެއެވެ. އަދި ދާއިރާގެ 3 ރަށުގައި، ވަކިވަކިން ކޮންމެ އަހަރަކު މަރްޙޫމް ޙުސައިން ވަޙީދުގެ ހަނދާނުގައި "އެމްޕީކަޕް"ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ. މީގެ އިތުރުން، "ފުދުންތެރި ފަންޑް"ގެ ނަމުގައި 2 މިލިޔަން ރުފިޔާގެ ފަންޑެއް ހަދައި، އެފަންޑުން ފުދުންތެރި ރައްޔިތެއް ބިނާކުރަން އިންޓްރެސްޓް ފްރީ ލޯނު ދޭން އެމްއެންޕީން ވައުދުވެއެވެ.

މުޅި ދާއިރާއާށް އިތުރު ވައުދުތަކެއް ވެސް ވެފައިވާއިރު، އެމްއެންޕީން ވަނީ ދާއިރާގެ ވަކި ވަކި ރަށްރަށަށް ވެސް ވައުދުތަކެއް ވެފައެވެ. މިގޮތުން، ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށި، މި ތިން ރަށުގައި ތަރައްޤީގެ ޕްރޮޖެކްތަކަށް އެމްއެންޕީން ވަނީ ވައުދުވެފައެވެ. ތިރީގައި މިވަނީ އެމްއެންޕީން ދާއިރާތަކުގެ ރަށްތަކަށް ވެފައިވާ ވައުދުތަކެވެ.

ކޮމަންޑޫ

  • އެއަރޕޯޓް އެޅުމަށް ސަރުކާރަށް ޕްރެޝަރކުރާނަން
  • މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އައިސްޕްލާންޓް ބަހައްޓައިދޭނަން
  • ސްލިޕްވޭ އިންސްޓޯލް ކޮށްދޭނަން
  • މަސްވެރިން ބާނާ މަސް ކަނޑާނެ ތަނެއް ހަދައިދޭނަން
  • ފަސްގަނޑު އޮތް ސަރަހައްދު ހުސްވުމުން އެތަނުގައި ހަޓް ޖަހާ ތަރައްޤީކުރުމަށް އެހީވެދޭނަން
  • ހުރިހާ އުމުރު ފުރާއަކަށް އަމާޒުކޮށް ޖިމްއެއް ހަދައިދޭނަން
  • ލޭންޑް ޔޫސް ޕްލޭން އަވަސްކުރުމަށް ޤާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅާނަން
  • ރަށްފަތި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް މެދުކެނޑުމެއް ނެތި މަސައްކަތްކުރާނަން
  • ސިއްޙީ ދާއިރާ ތަރައްޤީކުރަން މަސައްކަތްކުރާނަން
  • ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ އެލަވަންސް ބޮޑުކުރުމަށް މަސައްކަތްކުރާނަން
  • ޒުވާން ޖީލު މަސްތުވާތަކެތިން ސަލާމަތްކުރުމަށް ޕްރޮގްރާމްތައް ހިންގާނަން
  • ތަޢުލީމީ މަރުކަޒުގެ ޚިދުމަތްތައް ވަރުގަދަކޮށް، ތަޢުލީމު އުނގެނުމަށް ކައިރި ރަށްރަށުން އަންނަ ކިޔަވާކުދިން ބައިތިއްބާނެ ތަންތަން ތަރައްޤީކުރުމަށް އެހީތެރިވާނަން

ފޯކައިދޫ

  • ހެލްތް ސެންޓަރ ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް އެހީތެރިވެދޭނަން
  • ހެލްތް ސެންޓަރުގައި މާބަނޑު މީހުންނަށް ވިހާނެ އިންތިޒާމް ހަމަޖައްސައިދޭނަން
  • ޒުވާނުންނަށް ރަނގަޅު ފެންވަރެއްގެ ވޮލީ ކޯޓެއް އަޅައިދޭނަން
  • ކޮލެޖެއްގެ ކެމްޕަހެއް ފޯކައިދޫގައި ޤާއިމްކުރުމަށް މަސައްކަތްކުރާނަން
  • ފައިސާގެ މުޢާމަލާތްތައް ފަސޭހަކޮށްދިނުމަށް އޭޓީއެމް ބަހައްޓަން މަސައްކަތްކުރާނަން
  • ފުދުންތެރި ރައްޔިތަކު ބިނާކުރުމަށް ފަހާ ކޯސް، މޭކަޕް ކޯސް އަދި ކައްކާ ކޯސް ހިންގައިދޭނަން
  • ޒަމާނީ ތަޢުލީމާއި ޓެކްނޮލޮޖީއަށް ކިޔަވާކުދިން އަހުލުވެރިކުރުމަށް ކޮމްޕިއުޓަރ ލެބެއް ތަރައްޤީކޮށްދޭނަން
  • އިސްލާމީ ވަހުދަތު ވަރުގަދަކުރުމަށް ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގާނަން
  • ކުޅިވަރުގައި ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށް އެދާއިރާ ތަރައްޤީކުރުމަށް އެހީތެރިވެދޭނަން

މަރޮށި

  • އިސްލާމީ ވަހުދަތު ވަރުގަދަކުރުމަށް ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގާނަން
  • ކުޑަކުދިންގެ ޕާކް އިތުރަށް ތަރައްޤީކުރާނަން
  • ސިއްޙީ މަރުކަޒު ތަރައްޤީކުރާނަން
  • މޫދަށް އެރޭނެ ސަރަހައްދެއް ތަރައްޤީކުރާނަން
  • ބާބަކިއު ހަދާނެ ސަރަހައްދެއް ތަރައްޤީކުރާނަން
  • ކޮމްޕިއުޓަރ ކްލާސްތައް ހިންގައިދޭނަން
  • އިންޑޯޖިމްއަށް ބޭނުންވާ ސާމާނު ހޯދައިދޭނަން
  • ތުނޑީގައި ނޭޗަރ ޕާކެއް ތަރައްޤީކުރަން މަސައްކަތްކުރާނަން
  • އަންހެން ކަނބަލުން ފުދުންތެރި ބަޔަކަށް ހެދުމަށް ތަފާތު ފަންނުގެ ކޯސްތައް ހިންގާނަން
  • ސްކޫލްގައި ހިންގާ ކަންކަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭނަން

Ads by Ooredoo
  1. ވޯޓު ހޯދުމަ ދޮގު ލަދަނީ!!