ލަންކާގައި ވެރިކަން ބަދަލު ވަނީ ވޯޓަކުން، މިއީ ދެކުނު އޭޝިއާއަށް ނަމޫނާއެއް: ރައީސް ނަޝީދު
އަވައްޓެރި ސްލީ ލަންކާއަކީ ޑިކޮމްރަސީއަށް ނަމޫނާއެއްގެ ގޮތުގައި، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސިފަ ކުރައްވައިފިއެވެ.
ސްރީ ލަންކާގެ ފަސްވަނަ ޔޫތު ޕާލަމެންޓުގެ ދެވަނަ ސެޝަންގަައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވަޑައިގެން، ބައިވެރިންނަށް މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، ސްރީ ލަންކާއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ސިޔާސީ މިނިވަންކަން ނުގެއްލި އަބަދުވެސް ހިނގަމުން އަންނަ ހަމައެކަނި ޤައުމު ކަމަށެވެ. މިގޮތުން އެ ޤައުމުގައި އަބަދުވެސް ސަރުކާރުތައް ބަދަލު ވަނީ، ނެގޭ ވޯޓަކުން ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
"ލަންކާއަށް މިނިވަންކަން ލިބުނުފަހުން މި ޤައުމުގައި ބަޣާވާތެއް ނުހިނގާ. ޑިކްޓޭޓަރެއް ވެރިކަމެއް ނުކުރައްވާ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ލަންކާގެ ސިޔާސީ މަޝްރަހަށް ވަަށް ބޮޑަށް ތައުރީފް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ލަންކާގައި ދިމާވާ ހުރިހާ މައްސަލަތަކުގެ ހައްލު ގެންނަވަނީ ޕާލިމަންޓްރީ ޑިމޮކްރަސީގެ ތެރެއިންނާއި ޕޮލިޓިކަލް އިންސްޓިޓިއުޓްގެ ތެރެއިން ކަމަށެވެ. އަދި މިއީ ޤައުމުތަކުން ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
2012ވަނަ އަހަރު ވެރިކަމުގައި ހުންނެވުމަށް ފަހު ރައީސް ނަޝީދު ވަނީ އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވައިފައެވެ. ރައީސް ނަޝީދާއި އެމަނިކުފާނުގެ ޕާޓީގެ ފަރާތްތަކުން ބުނަމުންދަނީ 2012ވަނަ އަހަރު ކުރީ ބަޣާވާތެއް ކަމަށެވެ.
ރައީސް ނަޝީދު ލަންކާއަށް ވަޑައިގަތީ، އެ ޤައުމުގެ މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިން އަދި ސްޓޭޓް މިނިސްޓަރު އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓާޕްރައިސް ޑިވެލޮޕްމަންޓް ނަމާލް ރާޖަޕަކްސަގެ ދައުވަތަކެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ނަމާލްއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައި ވެއެވެ. މިގޮތުން ވިދާޅުވީ، ނަމާލް ދެކެވަޑައިގަންނަވަނީ ރާއްޖެއަކީ ދެބޭން ދެދަރި ޤައުމެއްގެ ގޮތުގައި ކަމަށާއި ނަމާލްއަކީ ރާއްޖޭގައި ވެސް ވަރަށް މަޤްބޫލު ފަރާތެއް ކަމަށެވެ. އަދި ޒުވާނަކަށްވެ ހުރެ ނަމާލް ދައްކަވަމުން ގެންދަަވަނީ ނަމޫނާއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.