ސިޔާސީ

އެހެން ދާއިރާތަކުގެ ރައްޔިތުން ވެސް މިހާރު އެދެނީ ބައި-އިލެކްޝަން ބާއްވަން: މަލީހު

  • ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ދިމާކޮށް އެ ދާއިރާގައި މަޝްރޫއުތައް ހިންގާ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައި
ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން އަމަލު ކުރަމުންދާ ގޮތުން، އެހެން ދާއިރާތަކުގެ ރައްޔިތުން ވެސް މިހާރު އެދެނީ ބައި-އިލެކްޝަނެއް ބޭއްވުމަށް ކަމަށް މި ސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ވަޒީރުކަމުން ވަކިކުރެއްވި ފަހުން، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މަލީހު ކުރެއްވި ޓްވީޓެއްގައި ވަނީ، އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަނާ ދިމާކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫއުތަކެއް އިއުލާން ކުރަމުންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

"ރައީސް އިބޫގެ ނާގާބިލު ސަރުކާރުން ކޮމަންޑޫ ދާއިރާގެ ބައި އިކެކްޝަނާ ދިމާކޮށް އަމަލުތައް ހުރިގޮތުން އެހެން ދާއިރާތަކުގެ ރައްޔިތުން ރުޅިގަދަވެއްޖެ. އެދެނީ ބާކީ ތިއްބެވި އެމްޑީޕީ މަޖިލިސް މެމްބަރުން އިސްތިއުފާ ދެއްވައި ބައި އިލެކްޝަނަށް ފުރުސަތު ހުޅުވާލަން. އަމާޒު ލާހޫރޭ." މަލީހުގެ ޓްވީޓުގައިވެއެވެ.

ކޮަމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކައިރި ވެފައިވަނިކޮށް ބަޖެޓުން ބޭރުން ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުއްލި ގޮތަކަށް ފެށުމުން، އެއީ އިންތިހާބަށް "ކަޑަ" ޖެހުމަށް ކުރި ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން ވެސް ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް އެޅުުމުގެ މަޝްރޫއުތައް ފަދަ ކަންކަން ފަށަމުންދާ އިރު، މިއީ ވެސް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރު ހިންގާ މައި ޕާޓީން ކުރާ ކަންކަމުގެ ގޮތުގައި ފާޑުކިޔާ މީހުން ދެކެއެވެ.

އެހެން ނަމަވެސް ސަރުކާރުން ބުނަމުންދަނީ މިހާރު ކުރިއަށްދާ މަޝްރޫއުތަކަކީ މާ ކުރިން ވެސް އިއުލާންކޮށްފައިވާ މަޝްރޫއުތަކެއް ކަމަށެވެ. އަދި މި ސަރުކާރުން ކަންތައް ކޮށްދެނީ އިންތިހާބާ ދިމާކޮށް ނޫން ކަމަށް ވެސް ފާޑުކިޔުންތަކުގެ ރައްދުގައި ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!