މެދުއިރުމަތި

ފަލަސްތީނު 18 މީހުންގެ އާއިލާއެއް ނިދައިފައި ތިއްބާ ގެ ބިމާ ހަމަކޮށްލައިފި !

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިސްރާއީލުން ހިފައިފައިވާ އިރުމަތީ ގުދުސްގެ ޝެއިޚް ޖައްރާހް އަވަށުގައި ފަލަސްތީނުގެ އާއިލާއެއްގެ ގެއެއް އިސްރާއީލުގެ އުދުވާނީ ބާރުތަކުން ސުންނާފަތިކޮށްލައިފިއެވެ.

ބުދަ ދުވަހުގެ ފަތިހު 3:00 އިސްރާއީލުގެ ފުލުހުންނާއި ސްޕެޝަލް ފޯސްގެ ގިނަ އަދަދެއްގެ ސިފައިން ވަނީ މި ގެ ވަށައިގެންވާ ސަރަހައްދު ވަށައިލައިފައެވެ. އަދި އެ ގޭ މީހުން ނިދާފައި ތިއްބާ ހަތިޔާރު އެޅި ސިފައިން ވަނީ ގޭ ތެރެއަށް ވަދެ ނިދައިފައި ތިބި މީހުންނަށް އަނިޔާކޮށް ގެއިން ނެރެފައެވެ.

އާއިލާއިން އަލްޖަޒީރާ ނޫހަށް މައުލޫމާތު ދެމުން ބުނީ، ހަތިޔާރު އެޅި އެތައް ބަޔަކު ގެއަށް ވަދެ، އާއިލާގެ މެމްބަރުންނަށް އަނިޔާކޮށް، އޭގެ ތެރެއިން ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި އެ ގޭގެ ވެރިޔާ މަހްމޫދު ސާލިހް ވެސް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ގެ ސުންނާފަތިކޮށްލި އިރު، އެކަމާ ދެކޮޅަށް އެސަރަހައްދުގައި އަޑުއުފުލި 18 މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އިސްރާއީލުގެ ސިފައިން، މަހްމޫދުގެ ގެ ސުންނާފަތި ކޮށްލީ ފަތިސް ނަމާދަށް ބަންގި ގޮވަގޮވާ އޮއްވައެވެ.

އިސްރާއީލުގެ ސަރުކާރުން ބުނެފައި ވަނީ، އެ ގެ އިސްރާއީލުގެ ސަރުކާރަށް ނަގައިފައިވާ ކަމަށާއި އެ ގެ ސަރުކާރަށް ނެގީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ސްކޫލެއް އަޅައިދިނުމަށް ކަމަށެވެ.

އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ގެންދަނީ، ފަލަސްތީނުގެ މީހުން އެމީހުންގެ އަމިއްލަ ގެތަކުން ނެރެ، މީހުންގެ ގެތައް ސުންނާފަތިކޮށް، ބިންތައް ވެރިކުރަމުންނެވެ.

މަޙްމޫދުގެ ގެ ބިމާ ހަމަކޮށްލުމާ އެކު، އޭނާއާ އެކު އެ ގޭގައި ދިރިއުޅެމުން އައި 18 މީހުން ވަނީ ވަންނާނެ ތަނެއް ނެތި މަގުމަތިވެފައެވެ.

އިސްރާއީލުގެ ސިފައިން ހަލާކުކޮށްލި ގޭގައި ދިރިއުޅުނު އަޔާސްމީން ސަލިއްޔާ، 19 އަހަރުު، ބުނީ އިސްރާއީލުގެ ސިފައިން އެ ގެއިން ކަރަންޓް ކަނޑައިލައި މުޅި ގެއަށް ކަރުނަ ގޭސް ޖަހައިފައިވާ ކަމަށެވެ. އަދި ގޭ ތެރެއަށް 50 ވަރަކަށް ސިފައިންގެ މީހުން ވަދެ ގޭގައި ނިދައިފައި ތިބި މީހުންނަށް އަނިޔާ ކުރަން ފެށި ކަމަށް ބުންޏެވެ.

"އެމީހުން އަޅުގަނޑުގެ ބައްޕަ އެނދުން ވައްޓައިލާ، އަޅުގަނޑުގެ ބޭބެ މެންނަށް ވަރަށް އަނިޔާ ކުރި، އަދި އެމީހުންނަށް ފޭރާން ލުމުގެ ފުރުސަތު ނުދީ އެމީހުން ހައްޔަރު ކުރި" ސަލިއްޔާ ކިޔައިދިނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!