ޚަބަރު

މާލޭ ދަތުރުތައް ނުނަގާ ޓެކްސީތައް ރިޕޯޓް ކުރަން އަންގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ދެން އިމޭޖްސް

ޓެކްސީ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުދޭ ސެންޓަރުތަކާއި އެފަދަ ޓެކްސީތަކުގެ މައްސަލަ މިނިސްޓްރީއަށް ހުށަހެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

Ads by Hajj Corporation

ދަތުރުކޮށްދޭން ދެކޮޅު ހަދާ ޓެކްސީތަކުގެ މައްސަލަ ހުށަހެޅުމަށް މިނިސްޓްރީން އެދިފައި މިވަނީ މާލެތެރޭގައި ދަތުރުކުރުމަށް ޓެކްސީ ނުލިބޭކަމަށް ބުނެ އެކަމާ ގުޅޭ ޝަކުވާ ގިނަ ބަޔަކު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ އާއްމު ދަތުރުފަތުރުގެ ޚިދުމަތަށް ހުއްދަ ދީފައިވާ، ޓެކްސީ ސެންޓަރުތަކާއި ޓެސްސީ ޑްރައިވަރުން ޚިދުމަތް ދިނުމުގައި އިޙުމާލުވަމުންދާ ކަމުގެ ޝަކުވާތައް ހުށައަޅަމުން އަންނަކަމަށެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަޙައްދުން ޓެކްސީ ހޯދުމަށް ސެންޓަރުތަކުގައި އެދުމުން އާއްމުންނަށް ޚިދުމަތް ނުލިބޭ ކަމަށާއި، އަދި މާލެ ތެރޭގެ ދަތުރުތައް ނުނަގާ ހުޅުލެއާއި ހުޅުމާލޭގެ ދަތުރުތައް ނަގަމުންދާ ކަމުގެ ޝަކުވާތައް ރައްޔިތުން މިނިސްޓްރީއަށް ހުށައަޅަމުންދާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ އާއްމު ރައްޔިތުން ޓެކްސީގެ ޚިދުމަތަށް އެދުމުން އެ ޚިދުމަތް ފޯރުކޮށް ނުދޭ ފަރާތްތައް ނުވަތަ އެކަމަށް އިންކާރުކުރާ ނަމަ އެ މައްސަލަ މިިނިސްޓްރީއަށް ހުށައެޅުމުން އެކަން ބަލައި ފިޔަވަޅު އަޅާނެކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު މިނިސްޓްރީގެ ފޯނު ނަންބަރު، 7943434 މެދުވެރިކޮށް، ވައިބަރ މެސެޖުން މިނިސްޓްރީއަށް ޙިއްސާކުރުމަށް ވެސް ވަނީ އަންގައިފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޓެކްސީ ސެންޓަރުތަކުގެ މައްޗަށް ލާޒިމުކުރާ ކަންކަން، ފުރިހަމަ ނުކުރާ ފަރާތްތަކާ މެދު ކުރިއަށް އޮތް ތަނުގައި ޤާނޫނާއި ޤަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!