ޚަބަރު

ބަލި ފެތުރޭ ކަހަލަ ގައިޑްލައިނެއް އެޗްޕީއޭއަކުން ނުހަދަން: ޑރ. އަފްޒަލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހަދާ ހުރިހާ ގައިޑްލައިނަކީ ވެސް ބަލިން ރައްކާތެރިވުމަށް ހަދާ ގައިޑްލައިން ތަކެއް ކަމަށާއި ބަލި ފެތުރޭ ގޮތަށް އެއްވެސް ގައިޑްލައިނެއް ހަދައިފައި ނުވާނެ ކަަމަށް އެ އެޖެންސީން ބުނެފިއެވެ.

Ads by MWSC

ކޮވިޑް-19ގެ ވޭދަނަތައް ރިކޯޑް މިންވަރަކަށް އިތުރުވެފައި ވަނީ އެޗްޕީއޭގެ ބައެއް ސިޔާސަތުތަކުން ކަމަށް އާއްމުން ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން އެޗްޕީއޭގެ ބަހެއް ހޯދުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އެޗްޕީއޭއިން އަޅާ ފިޔަވަޅުތަކަކީ ގިނަ ބައެއްގެ މަޝްވަރާގެ މަތިން އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ގައިޑްލައިންތައް ބިނާ މިކުރަނީ އެންމެ ފަރާތެއްގެ އެޑްވައިސަކަށް ނޫން. އެއީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕަކާއި އޭގެ އިތުރުން އެޗްޕީއޭގެ ޓެކްނިކަލް އެކްސްޕާޓްސްއާއި ޑަބްލިއުއެޗްއޯ އަދި ސީޑީސީގެ ރެކޮމެންޑޭޝަންސްއާ، މި ހުރިހާ ކަމަކާ އެކު، ނެރެވޭ ގައިޑްލައިން ތަކެއް" ޑރ. އަފްޒަލް ވިދާޅުވީ، އެޗްޕީއޭގެ ހުރިހާ ގައިޑްލައިންތަކަކީ ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގައިޑްލައިންތަކުގައި އެއްވެސް ވަރަކަށް ނުހުންނާނެ ކަންނޭނގެ ބަލި ފެތުރޭނެ ކަހަލަ ގައިޑްލައިނެއް. މުޅިން ވެސް ހުންނާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ވާހަކަ"

ޑރ.އިބްރާހީމް އަފްޒަލް

މާލެއިން ދަތުރު ކުރާއިރު ޕީސީއާރު ޓެސްޓް ހަދަން މަޖުބޫރު ކުރަން އެޗްޕިީއޭއިން އެންގި ފިޔަވަޅަކީ، ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ މަސްލަހަތު އޮންނަ ޕީސީއާރު ލެބްތަކަށް ފައިދާ ހޯދުމަށް ކުރި ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ޝަކުވާކޮށްފައެވެ. އަދި ޕީސީއާރުގެ އަގު ކޮންޓްރޯލް ކުރަން މަސައްކަތް ނުކުރާތީ ވެސް އެޗްޕީއޭއަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ، ކޮވިޑް-19 ފަދަ ބަލިމަޑު ކަމަކީ ހަމައެކަނި މުއައްސަސާއަކުން ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ އެއްބާރުލުން މިކަމުގައި ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

މިގޮތުން މިހާރު ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ވަރަށް ފަސޭހަ ފިޔަވަޅުތަކެއް ކަމަށާއި މި ހާލަތުގައި ފަސޭހަ ފިޔަވަޅުތައް އަޅާ ރައްކާތެރިވުމަށް ރައްޔިތުން ސަމާލުވުމަށް ޑރ. އަފްޒަލް ގޮވައިލެއްވިއެވެ. މިގޮތުން، މާސްކް އެޅުމާއި ގައިދުރު ކުރުމާއި ބޫސްޓަރު ޑޯޒް ޖަހަން ޑރ. އަފްޒަލް ވަނީ ހަނދާންކޮށް ދެއްވައިފައެވެ.

  1. އުފާ

    އެޗް.ޕީ.އޭ. އިން ހަދާފައިވަނީ ބަލިފެތުރޭ ޤަވާއިދެއް. ރަށްރަށް މޮނިޓަރިންގ އަށް ލިީމާ ހަމައެކަނި ބަންދުވަނީ ސްކޫލް މަދަރުސާތައް. ރަށަށް އަރާފޭބުމަށް ހުރަހެއް ނެތް. އެބުނާ ވެކްސިންގެ ކޮންމެވެސް % ޖަހާފައިވާ ރަށްރަށުގައި. މޮނިޓަރިންގ އަށް ލާނަމަ މޮނިޓަރިންގއަށް ލީކަން އަންގާއިރު މޮނިޓަރިންގގައި މަނާކަންތައްތައް ކޮންމެފަހަރަކުވެސް އަންގަންޖެހޭނެ.