ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅުން ހިންގަމުން އަންނަ އިންޑިއާ އައުޓް ކެންޕެއިންގައި ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ ބޭނުން ކުރަމުންދާތީ އެމްޑީޕީ މެންބަރުންގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ.
އިދިކޮޅުން އަބަދުވެސް ބުނަމުން އަންނަނީ އިންޑިއާ އައުޓް ކެންޕެއިނަކީ ޤައުމީ މަސައްކަތެއް ކަމަށެވެ. އަދި މި ކެންޕެއިންގެ ރެލީތަކުގައި ވެސް ބޭނުން ކުރަމުން އަންނަނީ ޤައުމީ ކުލަތަކެވެ. އިދިކޮޅު ލީޑަރޝިޕްގެ ފަރާތްތަކުން މީގެ ކުރިން ވެސް ވަނީ އިންޑިއާ އައުޓް ކެންޕެއިނަކީ ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ބޮޑު ތަކުރުފާނު ފަދަ ބޭފުޅުން ކުރެއްވި ޖިހާދު ފަދަ ޖިހާދެއްކަމަށް ވިދާޅުވެފައެވެ.
މީސްމީޑިއާގައި މިހާރު އާއްމުވެފައިވާ ޕޯސްޓަރެއްގައި ހިމެނެނީ 1988 ނޮވެންބަރު ތިންވަނަ ދުވަހު ރާއްޖޭގެ ބަޔަކާ ގުޅިގެން ލަންކާގެ ތަމަޅަ ޓައިގަރުން ދިން އުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދު ހުސެއިންގެ އާދަމްގެ ފޮޓޯއެކެވެ. ޤައުމީ ދިދައާ އެކު ޝަހީދު ހުސެއިން އާދަމްގެ ފޮޓޯގައި ޖަހައިފައި ވަނީ އިންޑިއާ އައުޓެވެ.
މިކަމާ ގުޅިގެން އިހަވަންދޫ ދާއިރާގެ އެމްޑީޕީ މުހައްމަދު ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤައުމީ ބަތަލަކަށް އިޙްތިރާމް ކުޑަވ ގޮތަށް ސިޔާސީ ބޭނުމަށް އެ ބަތަލުންގެ ފޮޓޯ ބޭނުން ކުރުމަކީ ޣައްދާރުންގެ އަމަލެއް ކަމަށެވެ.
ރައްޔިތުންގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ ޔާސިރު އަބްދުއްލަތީފް މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައީސް ޔާމީން ކުރެން އެފަދަ ކަންކަން ނުކުރުމަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ. އަދި ވިދާޅުވީ، ދަހި ވިޔަސް އަދަބު އަޚްލާޤް ހުންނަން ޖެހޭނެ ކަމަށެވެ.