ޚަބަރު

ހިތްވަރާއެކު ކެންސަރާ ހަނގުރާމަ ކުރަމުން ދިޔަ ސައިފް ނިޔާވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ސައިފް އަލީ ލަތީފު--

މުޅި ދުނިޔެއިން ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ކެންސަރުގެ ބާވަތެއް ކަމުގައިވާ "ބޮޓްރަޔޮޑް ވޭރިއަންޓް އޮފް އެމްބްރިޔޯނަލް ރަބްޑޯމަޔޯސޯކާ"އަށް ފަރުވާ ހޯދަމުން ދަނިކޮށް އަލީ ސައިފު ލަތީފު މިއަދު ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

Ads by STELCO

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ސައިފް ދަންނަނީ ވަރަށް ހިތްވަރު ގަދަ، އަދި ބޮޑު ބައްޔެއްގެ ވޭން ތަހައްމަލު ކުރަން ޖެހުނުއިރު ވެސް، ކެތްތެރިކަމާ އެކު އެކަމާ ކުރިމަތިލި މީހެއްގެ ގޮތުގައެވެ.

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 40 އަހަރުގެ ސައިފު ނިޔާވިކަން ހާމަކުރީ އޭނާގެ ކޮއްކޮ ހަމްޒާ ލަތީފެވެ. ހަމްޒާ ޓްވިޓަރގައި ބުނީ އޭނާގެ ބޭބެ ނިޔާވީ މިއަދު ފަތިހު 05:42 ހައިއިރު ކަމަށެވެ. އަދި ބޭބެއަށް ދާއިމީ ސުވަރުގެ މިންވަރު ކުރެއްވުން އޭނާ ދުޢާކޮށްފައި ވެއެވެ.

ޓްވިޓަރގައި ސައިފަށް ފޮލޯކުރާ 2،404 މީހުން ތިބެއެވެ. އޭނާގެ ޓްވިޓަރގައި ބޮޑަށް ހިއްސާ ކުރަމުން ދިޔައީ އޭނާގެ ތިން ދަރިންގެ ވާހަކައެވެ. ސައިފު ނިޔާވި އިރު، އަންބަކު ވެސް ދުނިޔޭގައި އެބައިނެވެ.

އޭނާ ނިޔާވި ހަބަރާއެކު ޓްވިޓަރގައި އެތައް ބަޔަކު ދަނީ ހިތާމަފާޅު ކުރަމުންނެވެ. ޓްވިޓަރއިން އޭނާ ދަންނަ މީހުން ވެސް، އޭނާ ސިފަކުރަނީ ވަރަށް ހިތްވަރުގަދަ މީހެއްގެ ގޮތުގައެވެ.

ސައިފަށް ޖެހުނު ވައްތަރުގެ ކެންސަރު ޖެހުނު ކަމަށް މުޅި ދުނިޔެއިން ވެސް ޑޮކިއުމެންޓް ކުރެވިފައި ވަނީ ފަސް މީހުންނެވެ. މިބާވަތުގެ ކެންސަރު ޖެހޭ މީހުން 3 އަހަރު ވަންދެން ވެސް ދުނިޔޭގައެއް ނުތިބެއެވެ.

 

Ads by HDC
  1. މަރިޔަމް

    އިންނާ ލިއްލާހި ވަ އިންނާ އިލައިހި ރާޖިޢޫން.