ޚަބަރު ސިޔާސީ

އާބާދީ 500އިން އިތުރު ކޮންމެ ރަށެއްގައި، މި އަހަރު ނިމުމުގެ ކުރިން އޭޓީއެމްއެއް ބަހައްޓަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އާބާދީ 500އިން އިތުރު ކޮންމެ ރަށެއްގައި، މި އަހަރު ނިމުމުގެ ކުރިން އޭޓީއެމްއެއް ބަހައްޓާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެވެ.

Ads by STELCO

ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ، އަންނަ ހޮނިހިރު ދުވަހު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންނަށް އެމްޑީޕީއަށް ތާއީދު ހޯދުމަށް މިއަދު އެ ދާއިރާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މަރޮއްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ކަމާގުޅޭ އިދާރާތަކާ ގުޅިގެން، މިއަހަރު ނިމުމުގެ އޭޓީއެމްގެ ޚިދުމަތް 500އަށް ވުރެ ގިނައިން މީހުން އުޅޭ ކޮންމެ ރަށެއްގައި ޤާއިމް ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މަރޮއްޓަށް އެމަނިކުފާނު މީގެ ކުރިން ވަޑައިގަތުމުން، އެރަށުގައި އޭޓީއެމް ނެތުމުން ދިމާވާ ދަތިތައް ރައްޔިތުން ހިއްސާ ކުރި ކަމަށާއި، އެ ދަތިތައް ހައްލުކޮށްދިނުމަށް މި އަހަރު ނިމުމުގެ ކުރިން  އެރަށުގައި ވެސް އޭޓީއެމްއެއް ބަހައްޓާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އޭޓީއެމްގެ ޚިދުމަތް ނެތުމުން ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ދަތިވާ ވާހަކަ އަޑު އިވިއްޖެ. އަޅުގަނޑުމެންގެ އެބައޮތް ޕްލޭނެއް. އާބާދީގައި 500 ހަމަވާ ރަށެއްގައި އޭޓީއެއް މި އަހަރު ބަހައްޓާ އަޅުގަނޑުމެން ނިންމާނަން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ވަކި ދާއިރާއެއް، ވަކި ރަށެއް ބާކީ ނުކޮށް ޚިދުމަތްތައް ދިނުން ކަމަށެވެ. އަދި އާބާދީ ކުޑަވުމަކީ ޚިދުމަތްތަކުން މަޙްރޫމްވާން ޖެހޭ ސަބަބެއް ނޫން ކަމަށާއި ތަފާތު ކުރުމެއް ނެތި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!