ޚަބަރު

ރައީސް ނަޝީދާއި ރައީސް ޞާލިޙް ކޮމަންޑޫން ފުރައިގެން ދިޔައީ ގޮނޑި ނުލިބޭނެކަން ޔަޤީންވުމުން: އަދުރޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިއްޔެ ކޮމަންޑުއަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު، އަނބުރާ މާލެ ވަޑައިގަތީ، ގޮނޑި ނުލިބޭނެކަން ޔަޤީންވުމުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީޕީއެމްގެ ކެނޑިޑޭޓް ފަތުޙީގެ ކެމްޕެއިން ނިންމުމަށް މިއަދު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، ޚުދުމުޚްތާރު، ވަގުންގެ ސަރުކާރެއްގެ މީހުންނަށް ކޮމަންޑޫ ދާއިރާއިން ދެއްކީ ސާބިތުކަން ކަމަށެވެ. އަދި ރައީސް ޞާލިޙާއި ރައީސް ނަޝީދު އަނބުރާ މާލެ ވަޑައިގަތީ، ގޮނޑި ކާމިޔާބު ނުކުރެވޭނެކަން ޔަޤީންވުމުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މުޅި ސަރުކާރު ކޮމަންޑޫން ވަޑައިގަތީ ގޮނޑި ނުލިބޭނެކަން ކަށަވަރުވުމުން. މޫނުމަތިން ފެނިގެން ދިޔައީ މާޔޫސްކަން. ހަރަކާތްތަކުން ފެނިގެން ދިޔައީ ގޮތް ހުސްވެފައި އޮތް މިންވަރު. ހަނދާނެ ގޮތެއް، ކުރާނެ ކަމެއް ނޭނގިގެން އަވަސް އަރުވައިލައިފައި ފުރައިގެން ދިޔައީ." އަދުރޭ ވިދާޅުވިއެވެ.

މާދަމާ އޮންނަ މި އިންތިޚާބުގެ ކެންޕެއިން ހަރަކާތް ނިންމައިލުމަށް ޓަކައި، ކޮމަންޑޫ ދާއިރާގެ ދެ ރަށުގައި އިދިކޮޅުން ވަނީ ބޮޑު ދެ ހިނގާލުން ބާއްވައިފައެވެ.

އަދުރޭގެ ވާހަކަފުޅުގައި މި ސަރުކާރުން މި ގޮނޑި ކާމިޔާބު ކުރަން އުޅޭ ސަބަބާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކެވިއެވެ. މިގޮތުން ވިދާޅުވީ، އިންތިޚާބު އިއުލާން ކުރީންސުރެ ސަރުކާރު ހިންގަމުން އަންނަނީ ކޮމަންޑޫ ދާއިރާގައި ކަމަށާއި މަޖިލީހުގެ 64އަށް ވުރެ މި ގޮނޑި އެމްޑީޕީއަށް މުހިންމު ކަމަށެވެ.

"މި ގޮނޑި އެމްޑީޕިއަށް ނުލިބިއްޖިއްޔާ. މި ސަރުކާރު ބޭރު ދުނިޔޭގައި އޮރިޔާންވާނެތީ. މި ސަރުކާރަށް ތާއީދު ނެތްކަން ބޭރު ދުނިޔެއަށް އެނގޭނެތީ. 2023ގެ އިންތިޚާބު ބޮޑު ތަނުން ރައީސް ޔާމީން ކާމިޔާބު ކުރާނެކަން އެނގޭތީ" އަދުރޭ ވިދާޅުވވިއެވެ.

އަދުރޭ ވިދާޅުވީ، މި އިންތިޚާބު އިދިކޮޅުން ކާމިޔާބުކޮށްފި ނަމަ ސަރުކާރުން ރާއްޖޭގެ މިނިވަންކަން ނަގައިލާން ކުރަމުންދާ މަސައްކަތް ނިމުމެއް އަންނާނެ ކަމަށެވެ.

އަދުރޭގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި އިންތިޚާބުގައި ރައްޔިތުންގެ ނިންމުން ބަދަލު ކުރުމަށް މިރެއާއި، މާދަމާ ކަޅު ފައިސާ އަޅައިއިގެން ވޯޓު ބަދަލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިކަމަށް ސަމާލުވުމަށް އަދުރޭ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

"ފައިސާ ހިއްޕަވައިގެން ވަޑައިގަންނަވާނެ. ފައިސާއާ ހަވާލު ނުވެއްޖިއްޔާ، އެކައުންޓް ނަންބަރު ހޯދައިގެން ޓްރާންސްފަރ ކުރައްވަން މަސައްކަތް ކުރައްވާނެ. ނަމަނަމަ އެއްވެސް ބޭފުޅަކަށް އެކައުންޓް ނަންބަރު ނުޖައްސަވާތި. އެއީ ތިބޭފުޅުން މަޅީގައި ޖައްސަވަން އެކައުންޓް ނަންބަރު ހޯއްދަވަނީ. ފައިސާ ޖަމާކުރައްވައިފައި، މައްސަލަ ހުށަހަޅާނީ ޕޮލިހަށް،" އަދުރޭ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!