ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓުލުން ފަށައިފި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. މި އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އަދި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ އުސްތާޛު މޫސާ ފަތުހީ އާދަމެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީހެވެ.
ވާދަވެރިކަން ބޮޑުވެފައިވާ މިއަދު ކުރިޔަށް ދާ ބައިއިލެކްޝަންގައި 7 ވޯޓް ފޮއްޓެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަހައްޓައިފައެވެ.
ވޯޓު ފޮށި ބަހައްޓާފައި ވަނީ ށ. ފޯކައިދޫ ސްކޫލް - 2 ފޮށި، ށ. މަރޮށި އިޖުތިމާއީ މަރުކަޒު - 1 ފޮށި، ށ. އަތޮޅު ތައުލީމީ މަރުކަޒު (ކޮމަންޑޫ) - 1 ފޮށި، ށ. ކޮމަންޑޫ ޕްރީސްކޫލް - 1 ފޮށި އަދި އިސްކަންދަރު ސްކޫލް - 2 ފޮށްޓެވެ.
ކޮމަންޑުއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3،309 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އެއީ ކޮމަންޑޫގެ 1،405 މީހުންނާއި، ފޯކައިދޫގެ 1،201 މީހުންނާއި، މަރޮށީގެން 703 މީހުންނެވެ.