ޓޫރިޒަމް "އަޕްބީޓް ޓޯކް ޝޯ" ސިލްސިލާއެއް ފަށަނީ
ޓޫރިޒަމްގެ 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމުން ބާއްވާ ތަފާތު އިވެންޓް ތަކުގެ ތެރެއިން މުހިންމު އިވެންޓެއް ކަމަށްވާ ޓޫރިޒަމް އަޕްބީޓް ޓޯކް ޝޯ ސިލްސިލާގެ ފުރަތަމަ ސެޝަން ފެބްރުއަރީ 17ގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަޕްބީޓް ޓޯކް ޝޯ ސިލްސިލާ ފެށުމުގެ ގޮތުން ބާއްވާ ސެޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ފަތުރުވެރިކަމުގެ ޕައަރނިއަރުންގެ ގޮތުގައި ފާހަގަ ކޮށްލެވޭ މަޓީގެ ޗައަރމަން އަލްފާޟިލް މުޙައްމަދު އުމަރު މަނިކުއާއި، މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް އަޙްމަދު ނަސީމްގެ އިތުރުން މަޓީގެ ވައިސް ޗެއަރމަން އަލްފާޟިލް ހުސެއިން އަފީފް އަދި އިޓަލީ ވިލާތުގެ ޖޯޖް ކޯބިން ކަމަށެވެ.
މި ޓޯކް ޝޯގައި ރާއްޖޭގެ ފަތުރުވެރިކަން ފެށުނު ގޮތާއި 50 އަހަރު ތެރޭގައި ފަތުރުވެރިކަމަށް އައި ބަދަލުތަކުގެ މައްޗަށް ޕެނެލިންސްޓުން ވާހަކަ ދައްކަވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ދިވެހި ރާއްޖެއަށް ފުރަތަމަ ޓުއަރ ގްރޫޕެއް ޖޯޖް ކޯބިން ގެނައީ 16 ފެބްރުއަރީ 1972 ގައެވެ.
ފެބްރުއަރީ 17 ވާ ބުރާސްފަތި ދުވަހު 16:00ގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބާއްވާ މި ޓޯކް ޝޯ ޕްރެސެންޓްކޮށް ދެއްވާނީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމްއެވެ. އަދި މި ޓޯކް ޝޯ ވަގުތުން ދުރަށް ދެއްކޭނެ ކަމަށާއި މި ޓޯކް ޝޯ ޚާއްޞަ ކުރެވިފައި ވަނީ ސްކޫލް އަދި ޔުނިވަރސިޓީ ކުދިންއަށް ކަމުގައިވިޔަސް ޢާންމުންނަށް ވެސް މި ޝޯ ގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވައިލައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މި ޓޯކް ޝޯގައި ބައިވެރިވުމަށް އޮޑިޓޯރިއަމްއަށް ވަދެވަޑައިގަންނަވަން އެދޭފަރާތް ތަކުން މި ލިންކުމި ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި ރަޖިސްޓްރީ ކުރާ ތަރުތީބަށް ބަލައިގެން އޮޑިޓޯރިއަމްގައި ޖާގަ އޮތް މިންވަރުން އޮޑިޓޯރިއަމްއަށް ވަނުމުގެ ފުރުޞަތު ދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެގޮތުން ފުރުޞަތު ލިބޭ ފަރާތްތަކަށް މިނިސްޓްރީ ފަރާތުން އަންގާނެއެވެ.