ޚަބަރު ސިޔާސީ

މަހުލޫފްގެ ޝަރީއަތް މާދަމާ މެންދުރަށް ތާވަލްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ފައިސާ ލިބުނު ކަމަށް ތުހުމަތު އުފުލިފައިވާ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ މައްސަލައިގެ ޝަރީއަތް މާދަމާއަށް ތާވަލް ކޮށްފިއެވެ.

Ads by Hajj Corporation

މަހުލޫފްގެ މައްސަލައިގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު 13:30ގައެވެ.

ދައުލަތުން މިނިސްޓަރ މަހްލޫފްގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެ މައްސަލައިގެ ޝަރީއަތް ފެށުމަށް އެންމެ ފުރަތަމަ ތާވަލު ކުރީ ޖެނުއަރީ މަހުގެ 19ވަނަ ދުވަހުއެވެ. ނަމަވެސް އިދާރީ މައްސަލައެއް ޖެހުމުން އެ ދުވަހުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

މިނިސްޓަރ މަހްލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި މަހްލޫފް ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓު ދިނުމުގެ މުޤާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވައިފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، އޭނާގެ ނަމުގައި ހުޅުވައިފައިވާ އެކައުންޓަށް ޖަމާކޮށް ރިޝްވަތު ހިފައިފައިވާ ކަމަށެވެ.

މިނިސްޓަރ މަހްލޫފްގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ، ގިނަވެގެން ހަތް އަހަރަށް ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެއެވެ.

މަހުލޫފު މީގެ ކުރިން ވިދާޅުވެފައި ވަނީ ހިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލައިފި ނަމަ، "ދައުލަތް އޮރިޔާން" ކޮށްލާވަރުގެ ކަންކަން ހާމަކުރައްވާނެ ކަމަށެވެ. ނަމަވެސް އޭނާ ފަހުން ވަނީ އެ ވާހަކަ ދޮގު ކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!