ދުނިޔެ

760 ކިލޯގެ މަސްތުވާތަކެތި ކަނޑުމަތިން އަތުލައިގެންފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވަށްޓެރި އިންޑިއާ ސިފައިން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 760 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އާ ހަވާލާދީ އެ ޤައުމުގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގައިފައި ވަނީ އިންޑިއާގެ ހުޅަނގު ކަނޑުގައެވެ. އެގޮތުން އެ އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 265.5 މިލިއަން ޑޮލަރަށް އަރާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ. މިއީ ދިވެހި ރުފިޔާއިން ނަމަ ހަތަރު ބިލިއަން ރުފިޔާއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި، އިންޑިއާ ސިފައިން އަތުލައިގެންފައި ވަނީ 763 ކިލޯގެ މަސްތުވާތަކެއްޗެވެ.

އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅޭގޮޮތުން އިތުރަށް މައުލޫމާތު ދެމުން ރިޕޯޓުތަކުން ބުނެފައި ވަނީ، އެ އޮޕަރޭޝަންގައި 529 ކިލޯގެ ހަޝިޝް އަދި ކްރިސްޓަލް މެތަމްފެޓަމައިން އަދި ކޮންމެވެސް ވަރަކަށް ހެރޮއިން ފެނިފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ހައި ކޮލިޓީގެ އެއްޗެހި ކަމަށް ވެސް ބުނެފައިވެއެވެ.

އެންސީބީން ނެރުނު ބަޔާނެއްގައި މި އޮޕަރޭޝަނާ ގުޅޭގޮތުން އިތުރަށް ބުނެފައި ވަނީ، މިއީ އިންޓަނޭޝަނަލް ވޯޓާސްގައި ހިންގި މިފަދަ އޮޕަރޭޝަނެއްގައި މިގޮތަށް މަސްތުވާތަކެތި އަތުލައިގަތް ފުރަތަމަ ފަހަރު ކަމަށާއި މިއީ އެންސީބީން ކަނޑުގެ ސިފައިންގެ އިންޓެލިޖެންސާ ހިއްސާކުރި މައުލޫމާތުގެ މައްޗަށް ހިންގި ޖޮއިންޓް އޮޕަރޭޝަނެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!