ރިޒުގު ދެއްވާނީ އިންޑިއާއިންކަމަށް ދެކިގެން ދިވެހި ރައްޔިތުން ނުތިބޭނެކަމަށް ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓަ) ވިދާޅުވެއްޖެއެވެ.
މޮސްޓާ މިފަދައިން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ޙަރަކާތުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެންނެވެ.
މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވަނީ، އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖެއަށް އެކި ގޮތްގޮތުން ލިބޭ އެހީތައް ހުއްޓުވުމަށް ހިންގާ ހަރަކާތެއްކަމަށް ތުހުމަތުކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އެ ގޮތުން އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ މެދު ޚާއްޞަ ގޮތްތަކެއް ބަހައްޓައިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ވަރަށް ގާތް ޤައުމެއް ކަމަށާއި ދިވެހިންގެ ކެއުން ބުއިމުގެ ތެރޭގައި ޢާންމުކޮށް ބޭނުންކުރާ ކާޑުގެ ބާވަތްތަކާއި ބިހާއި އަލުވި އަދި މުގުފަދަ ތަކެއްޗަކީ ފަސޭހަ އިންތިޒާމްތަކެއްގެ ދަށުން ކުރިއަށް އޮތް ތިން އަހަރަށް ރާއްޖެއަށް ދޫކޮށްފައިވާ ޚާއްޞަ ކޯޓައިން އެތެރެކުރާ ތަކެތިކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޒުގެ ވާހަކަތަކަށް ރައްދު ދެއްވައި މޮސްޓާ ވިދާޅުވީ އެ ބާވަތްތައް ހައްދަނީ ހަމައެކަނި އިންޑިއާއިން ނޫން ކަމަށެވެ. އަދި ރުފިޔާ ދިނީމައި ދުނިޔޭގެ ކޮންމެ ޤައުމަކުން ވެސް އެތަކެތި ގަންނަން ލިބޭނެކަން މޮސްޓާ ވިދާޅުވިއެވެ.
މީގެ އިތުރުން މޮސްޓާ ވިދާޅުވީ ރިޒުގު ދެއްވަނީ އިންޑިޔާއަކުން ނޫން ކަމަށާއި އިންޑިޔާއިން ދިނަސް ނުދިނަސް ދިވެހިން ތިބޭނީ މިތަކެތި ކައިގެން ކަމަށެވެ.
އިއްޔެގެ މަޖިލީހުގެ ކޮމެޓީގައި މިނިސްޓަރ ފައްޔާޒު ވަނީ އިންޑިއާއާއި ރާއްޖެއާ ދެޤައުމުގެ ގުޅުމަށް ބުރޫ އަރާނެ ކަމެއް ކުރުމުގެ ކުރިން ވިސްނައިލާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ ބޭނުމެއްގައި ވަގުތީ ކަމެއްގެ ގޮތުގައި ނަމަވެސް އެފަދަ ކަމެއް ކުރުމަކީ ނުރައްކާ އޮތް ކަމެއްކަމަށް ވިދާޅުވިއެވެ.