ޚަބަރު

ސަރުކާރު ކެންޑިޑޭޓް ފަހަތަށް އެރި ވާހަކަ މޮސްޓާ ދޮގުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ނޮޅިވަރަމް ދާއިރާގެ މެންބަރު؛ ވިދާޅުވީ އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރާ ކަމަށް

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނޮޅިވަރަމް ދާއިރާއަށް ވާދަކުރައްވާ އަދި މިހާރުވެސް އެ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ޕީއެންސީ/ޕީޕީއެމް ޓިކެޓުގައި ވާދަކުރާ އަހުމަދު އަޝްރަފަށް ތާއިދުކުރަން ނިންމި ކަމަށް ދެކެވޭ ވާހަކަ އޭނާ މިއަދު ދޮގޮކޮށްފިއެވެ.

Ads by Hajj Corporation

މޮސްޓާ، އަޝްރަފަށް ތާއިދުކުރި ކަމަށް ބުނެ ރޭ ސޯޝަލް މިޑީއާގައި ވާހަތަކެއް ފެތުރުނެވެ. އެކަމަކު މިއަދު 'އެކްސް' ގައި އާއްމުކުރި ވީޑިއޯއެއްގައި މޮސްޓާ ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

''އަޅުގަނޑު މުހައްމަދު ނަޝީދު އަބްދުﷲ، 2024 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެހެން އެއްވެސް ކެންޑިޑޭޓެއް ފަހަތަށް އަރަން ނިންމާފައެއް ނުވާނެ، އަޅުގަނޑު ކުރިމަތިލީ ގޮތަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި، މި ފަސް އަހަރަށް ހޮވިއްޖެނަމަ އެގޮތަށް ދެމިވެސް ހުންނާނަން'' ކެޕްޝަނުގައި ''ސާފުވާނެ ކަމަށް ގަބޫލުކުރަން'' ޖެހުމަށް ފަހު މޮސްޓާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ކެމްޕޭނުގައި ހަރަކާތްތެރިވިޔަސް މޮސްޓާ، މި ފަސް އަހަރުގައި މަޖިލީހުގައި ނޮޅިވަރަމް ދާއިރާ ތަމްސީލުކުރީ އަމިއްލަ މެންބަރެއްގެ ހައިސިއްޔަތުންނެވެ. އެ ދާއިރާއަކީ އަބަދުވެސް ޕީޕީއެމަށް ބޮޑު ތާއިިދެއް އޮންނަ ދާއިރާއެކެވެ.

މި އިންތިހާބުގައި ނޮޅިވަރަމް ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި އަލީ އަބްދުއްރަހްމާން ވާދަކުރާއިރު، ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރަނީ ހުސެއިން ޝަހުދީއެވެ. އަމިއްލަ ގޮތުން މުހައްމަދު ރަޝީދު (ރަޝީދުބެ) ވެސް ވާދަކުރެއެެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!