މޮސްޓާ ސަރުކާރު ކެންޑިޑޭޓުގެ ފަހަތަށް

އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނޮޅިވަރަމް ދާއިރާއަށް ވާދަކުރައްވާ އަދި މިހާރުވެސް އެ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ޕީއެންސީ/ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ އަހުމަދު އަޝްރަފަށް ތާއިދުކުރަން ނިންމައިފިއެވެ.
އެކަން ހާމަކުރެއްވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހދ. އަތޮޅު ކެމްޕޭނު ޒޯނުގެ ލީޑަރަކަށް ހަމަޖައްސާފައިވާ ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލްއެވެ.
މިރޭ 'އެކްސް' ގައި ކުރެއްވީ ޕޯސްޓެއްގައި ޝަކީލު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހަމަޖެހުމާއި އަދި ރައްކާތެރިކަމުގެ ސިޔާސަތު ބަލައިގަނެ މޮސްޓާ ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓަކަށް ތާއިދުކޮށް ކެމްޕޭނާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.
ސަރުކާރުގެ ކެންޑިޑޭޓަށް ތާއިދުކޮށްފައިވާއިރު، އަބަދުވެސް ޕީޕީއެމްގެ ހަރަކާތްތަކުގައި މޮސްޓާ އިސްކޮށް އުޅެއެވެ. ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ކެމްޕޭނުގައި ހަރަކާތްތެރިވިޔަސް މޮސްޓާ، މި ފަސް އަހަރުގައި މަޖިލީހުގައި ނޮޅިވަރަމް ދާއިރާ ތަމްސީލުކުރީ އަމިއްލަ މެންބަރެއްގެ ހައިސިއްޔަތުންނެވެ. އެ ދާއިރާއަކީ އަބަދުވެސް ޕީޕީއެމަށް ބޮޑު ތާއިިދެއް އޮންނަ ދާއިރާއެކެވެ.
މި އިންތިހާބުގައި ނޮޅިވަރަމް ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި އަލީ އަބްދުއްރަހްމާން ވާދަކުރާއިރު، ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރަނީ ހުސެއިން ޝަހުދީއެވެ. އަމިއްލަ ގޮތުން މުހައްމަދު ރަޝީދު (ރަޝީދުބެ) ވެސް ވާދަކުރެއެެވެ.