ނިތްކުރިފުޅުގައި ލިޔެވިފައި ނެތަސް ނަޝީދު ގެންދަވަނީ ޖޭއެސްސީއަށް ނުފޫޒު ފޯރުވަމުން: ސައީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތައް ލައިވް ކުރުން މުހިންމު ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނިތްކުރިފުޅުގައި ލިޔެވިފައި ނެތް ނަމަވެސް އެ މަނިކުފާނު ޖޭއެސްސީއަށް ނުފޫޒު ފޯރުވަމުން ގެންދަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށް އިދިކޮޅުން ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުން ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސައީދު ވިދާޅުވީ އެއްވެސް މީހެއްގެ ނިތްކުރީގައި ތިމަންނާއަކީ ރަނގަޅު މީހެއްކަމަށް ލިޔެވިފައި ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް މުޖުތަމައުއެއް ކުރިއަށް ދަނީ ކޮންމެވެސް ބަޔަކު ރަނގަޅުވީމައި ކަމަށް ވިދާޅުވެ ސައީދު މައުޟޫއަށް ވަޑައިގެންނެވިއެވެ.
އެގޮތުން ދިގު 30 އަހަރު ދުވަހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އަންނި ކިޔާ ބޭފުޅަކު ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވުމަށް ފަހު އެބޭފުޅާ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވަޑައިގެން ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އިންނަވާތީ ސައީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ރައީސް ނަޝީދަކީ އެމްޑީޕީގެ ލީޑަރުގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަންނައިރު ވާދަވެރި އިދިކޮޅު ލީޑަރުގެ މައްސަލައެއް ހިނގާއިރު ކޯޓުތަކުގެ ބެލެނިވެރި ކޮމިޝަންގައި ނަޝީދު އިންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ.
"ކަން ވެގެން ދިޔަ ގޮތް. ފަނޑިޔާރުންގެ އޯޑިއޯތައް، އަދި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްތައް ހިނގާ ދިޔައިރުގައި ހަމަ ގައިމުވެސް ދިމާވާ ކަންތައްތަކެއް އެބަހުރި. ވާދަވެރި ސިޔާސީ ޕާޓީއަކުން ދައްކާނެ ވާހަކަތައް. އަދި ވެރިކަން ކުރާ ޕާޓީން ދޭނެ ރައްދުތަކެއް ވެސް ހުރެދާނެ. އެހެން ނަމަވެސް މަނިކުފާނާ، މަނިކުފާނުގެ ހަމަގައިމު ވެސް އެއްއިރެއްގެ ލޯޔަރާ މި ހުރިހާ ބޭފުޅުން އެތާންގައި އެބަ ތިއްބެވި" ރައީސް ނަޝީދަށާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންނަށް އިޝާރާތް ކުރައްވަމުން ސައީދު ވިދާޅުވިއެވެ.
ސައީދުގެ ވާހަކައިގެ ތެރެއިން ރައީސް ނަޝީދު ވަނީ ކޯޓުން ރައީސް ޔާމީންގެ ޝަރީއަތް ލައިވް ނުކުރެވެންވީ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެޝަރީއަތް ލައިވްކުރެވެން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް އެކަން ނުވެގެން އުޅޭ ސަބަބެއް އަމީންއާންމު އަރިހުން އައްސަވައި އޮޅުންފިލުވާނެކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ޖޭއެސްސީއަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި އިސްލާހާ ގުޅޭ ގޮތުން ސައީދު ވަނީ އެމްޑީޕީގެ މެމްބަރުން އެ އިސްލާހުން މާބޮޑު ބަދަލެއް ނާންނާނެކަމަށް ވިދާޅުވާކަން ފާހަގަކުރައްވައިފައެވެ. އަދި ވިދާޅުވީ އިނގިރޭސިވިލާތުގައި ގާނޫނު އަސާސީއެއް ނެތިމެ އެގައުމު ކުރިއަށް ދާއިރު، ރާއްޖޭގައި އެތައް ގާނޫނީ ވަކީލުންނެއް ތިބި ހިނދު ކަންކަން އިސްލާހު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ނިޒާމުތައް އެޑްވާންސް ކުރަން ޖެހޭކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ހަތަރު އަހަރުވެގެން ދިޔައިރު ވެސް ޖޭއެސްސީ އިސްލާހުކުރަން ވީ ވައުދު އެމްޑީޕީއަށް ފުއްދިފައި ނުވާކަމަށެވެ. އަދި މިކަމާ ރައްޔިތުން ސުވާލު އުފައްދަމުންދާކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.
ޖޭއެސްސީ އިސްލާހު ކުރުމަށް އިދިކޮޅުން ހުށަހެޅި ބިލަށް އެމްޑީޕީ މެމްބަރުން ތާއީދެއް ނުކުރެއެވެ. އޭގެ ބަދަލުގައި އެ މެމްބަރުން ވިދާޅުވަނީ އެމްޑީޕީން މަޖިލީހަށް އައު ބިލެއް ހުށަހަޅާނެ ކަމަށެވެ.
ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް ރައީސް ނަޝީދު ވަނީ އެ ކޮމިޝަންގައި ސިޔާސީ ބޭފުޅުން ތިއްބެވުން މުހިންމުކަމަށް ވިދާޅުވެފައެވެ. އަދި އެއީ އެތަނަށް ސިޔާސީ ނުފޫޒު އޮންނަން ޖެހޭ މިންވަރަށް ސިޔާސީ ނުފޫޒު ފޯރުވުމަށްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.