ތިމާވެށި ފެންނަނީ އައްޑޫ ބިން ހިއްކީމަ، ތަރައްޤީއަށް ހުރަސް އެޅުން ހުއްޓައިލާން ގޮވައިލަން: ނިހާދު

ބިން ހިއްކައިގެން އައްޑޫ ތަރައްޤީ ކުރުމުގެ ވިސްނުމަކީ ގޯސް ވިސްނުމެއް ކަމަށާއި ބިން ހިއްކައިގެން އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމަށް ބުނެ، އައްޑޫގެ ބިން ހިއްކުމާ ދެކޮޅަށް ވާހަކަ ދައްކަމުން އަންނަ ފަރާތްތަކަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ރައްދު ދެއްވައިފިއެވެ.
ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބަޔަކު މަސައްކަތް ކުރަމުން އަންނަނީ އައްޑޫގެ ތަރައްޤީއަށް ހުރަސް އެޅުމަށް ކަމަށެވެ.
" 'ތިމާވެށި' ފެންނަނީ އައްޑޫގެ ބިން ހިއްކީމަތޯ؟ މާލެ ސަރަހައްދު އަދި އެހެން ހުރިހާ ރަށެއްގައި ހިއްކާ ނިމޭއިރު ވެސް ބަސް ނުބުނަނީ އޭގެން ކޮން މަންފާއެއް ލިބޭތީތޯ. އައްޑޫގެ ތަރައްޤީއަށް ހުރަސް އެޅުން ހުއްޓައިލާން ގޮވާލަން" ނިހާދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
ނިހާދު މިހެން ވިދާޅުވެފައި މިވަނީ އައްޑޫގެ ތިމާވެއްޓަށް ލިބިދާނެ އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ބުނެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލަޑިވްސް ހިމެނޭހެން 7 ޖަމިއްޔާއަކުން ސަރުކާރަށް ގޮވައިލުމާ ގުޅިގެންނެވެ.
"އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ދަށުން 236.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައިވެއެވެ.