ޚަބަރު ސަރުކާރު

ސަރުކާރުގެ ދަތުރުތަކަށް 10 މިލިއަން ރުފިޔާ ޚަރަދުކޮށްފި

  • ދޮޅު މަސްދުވަހުގެ ތެރޭގައި ދަތުރުތަކަށް ކުރި ހަރަދު 10 މިލިއަން ރުފިޔާއަށްވުރެއް ގިނަ
  • މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 3 މިލިއަން ރުފިޔާގެ އުފުލުމެއް
  • މިއަހަރު ދައުލަތުގެ ދަރަނި އިންތިހާއަށް މައްޗަށް ދާނެކަމަށް ބެލެވޭ
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އަނބިކަނބަލުން ބޭރު ދަތުރަކަށްފަހު ރާއްޖެ ވަޑައިގަންނަވަނީ

މި އަހަރުގެ ފުރަތަމަ ދޮޅު މަސްދުވަހުގެ ތެރޭގައި ސަރުކާރުން ކުރި ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފިއެވެ.

Ads by Sosun Fihaara

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހާއި ފެބުރުއަރީ މަހުގެ ފުރަތަމަ ދެ ހަފްތާގައި މުޅި ޖުމްލަ 10.7 މިލިއަން ރުފިޔާ އެކި ދަތުރުތަކަށް ހަރަދުކޮށްފައިވެއެވެ. މިއަދަދަކީ މިދިޔަ 2021 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ތިން މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ދޮޅު މަސްދުވަހުގެ ތެރޭގައި ދަތުރުތަކަށް ހޭދަކުރީ 7.7 މިލިއަން ރުފިޔާއެވެ.

ސަރުކާރުން ދަތުރުތަކަށް ކުރާ ހަރަދުތައް މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދިޔައީ އިތުރުވަމުންނެވެ. ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތައް ގިނައެވެ.

އަހަރީ ހަރަދުތަކަށް ބަލާއިރު 2020ވަނަ އަހަރު ދަތުރުތަކަށް ދައުލަތުން 128.6 މިލިއަން ރުފިޔާ ހޭދަކުރިއެވެ. އަދި އޭގެ ފަހުން 2021ވަނަ އަހަރު މި އަދަދު އިތުރުވެ ދަތުރުތަކަށް ކުރި ހަރަދު ވަނީ 158.4 މިލިއަން ރުފިޔާއަށް އަރައިފައެވެ.

ކޮވިޑް-19ގެ ސަބަބުން ގައުމުގެ އިގްތިޞާދީ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވަނިކޮށް ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ބޮޑު ހޭދައެއް ކުރާތީ ރައްޔިތުންގެ ކަންބޮޑުވުން އެބައޮތެވެ. އިޖުތިމާއީ އަދި އިގްތިޞާދީ ގޮތުން ގައުމުގައި ހައްލުކުރަންޖެހިފައިވާ މައްސަލަތައް އިތުރު ނަމަވެސް ރައީސްގެ ޒިޔާރާތްތަކަށް ބޮޑު އިސްކަމެއް ދެއްވުމަކީ ވެސް އޮތް ކަންބޮޑުވުމެކެވެ.

އަނެއްކޮޅުން މި ހިނގާ 2022 ވަނަ އަހަރަކީ ދައުލަތުގެ ދަރަނި އިންތިހާއަށް މައްޗަށް ދާނެކަމަށް ބެލެވިފައި އޮތް އަހަރެކެވެ. ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހައިތަނަށް ވެސް ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ ކުރި ހޭދަ ބޮޑެވެ.

Ads by HDC
  1. ޢަޙޮމަދު

    ދެން ކީއްތަ ވީ. ޢެހާ ލާރިވެަސް ގެނައްފި ދޯ