ރިޔާސީ ބަޔާނުގައި ތަކުރާރު ކުރައްވާ ވައުދެއް، އަދިވެސް ނުފުއްދާތީ ރައީސް ޞާލިހަށް ފާޑުވިދާޅުވެއްޖެ
ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ކޮންމެ ރިޔާސީ ބަޔާނެއްގައި، މާލޭގެ ރައްޔިތުންނަށް ބިން ކަނޑައިފައި ގޯތި ދެއްވާނެ ކަމަށް ވިދާޅުވިޔަސް، އެކަން މިއަދާ ހަމައަށް ވެސް ނުވާތީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
އޭނާ މި ކަންބޮޑުވުން ފާޅު ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލްލަތީފު ހުށަހެޅުއްވި ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
މިއަހަރަށް އިއްވެވި ރިޔާސީ ބަޔާނުގައި، ރައީސް ޞާލިހު ވަނީ މި ދައުރު ނިމުމުގެ ކުރިން، މާލެ ރައްޔިތުންނަށް ބިން ކަނޑައިފައި ގޯތި ދެއްވުމަށް ވައުދުވެވަޑައިގެންފައެވެ. މާލޭ ރައްޔިތުންނަށް ހުޅުމާލޭން 1000 އަދި ގުޅިފަޅުން މަދުވެގެން 2000 ގޯތި ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ވައުދުފުޅުތައް ރިޔާސީ ބަޔާންތަކުގައި ތަކުރާރު ކުރައްވާ ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން ފުއްދައިދެވިފައި ނުވުމަކީ ދައްކަން "އުނދަގޫ" ވާހަކައެއްގެ ގޮތުގައި އާޒިމް ސިފަ ކުރެއްވިއެވެ.
"މާލޭގެ ރައްޔިތުންނަށް ބިން ކަނޑައިފައި ގޯތި ދޭނެ ވާހަކަ، ތަކުރާރުކޮށް ވިދާޅުވަމުން އަންނަތާ ތިން އަހަރު ވެގެން މިދަނީ. އަދި މާލޭ މީހަކަށް ބިން ކަނޑައިފައި، ގޯތި ކަނޑައިފައި ދެވުނު ތަނެއް ނުފެނޭ. އެކަން ހަމައެކަނި ކޮށްދެއްވި ރައީސަކީ، ރައީސް ނަޝީދު." އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ވެރިރަށް މާލޭގެ ރައްޔިތުން އުޅެމުންދަނީ ލައްކަ ނިކަމެތި ހާލަތުގައި ކަމަށާއި، ހުރިހާ ސަރުކާރެއްގައި ވެސް، މާލެއާއި އަތޮޅު ތެރެެއާ ދެމެދު ތަފާތު ކުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
އާޒިމް ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައި ވަނީ ގެދޮރު ކަމަށާއި، ބޯހިޔާވަހިކަން ބޭނުން ނަމަ، މާލޭގެ ރައްޔިތުން ޖެހެނީ ބޮޑު އަގު ދީފައި ތަންތަން ގަންނަން ކަަމަށެވެ.
ޓެކްސް ޕޭޔަރުންގެ ފައިސާއިން ބިން ހިއްކާއިރު، އެ ބިން ލިބެން ޖެހޭނީ ހަމަހަމަ އުސޫލެއްގެ ތެރެއިންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެރަށަކަށް ނިސްބަތްވާ މީހަކަށް، އެ ރަށަކުން ބިން ލިބެންޖެހޭނެ ކަމަށެވެ.
މިއަހަރަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޞާލިހު ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރެވޭ މަސައްކަތަށް ވުރެ، ދެކެވޭ ވާހަކަ ގިނަ ކަމަށް އެއްބަސްވެވަޑައިގެންފައެވެ.