އެމްޑީޕީގެ ބައެއް މެމްބަރުންނަށް، އިންޑިއާ އައުޓް ހުއްޓުވާ ބިލު ހިތްގައިމެއް ނުވި
"އިންޑިއާ އައުޓް" ކެމްޕެއިނުގެ ބައިވެރީންނަށް ޖަލު އަދަބު ދެވޭ ބިލު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ މެމްބަރުންނަށް އެހައި "ހިތްގައިމު" ނުވި ކަމަށް އެޕާޓީގެ ކުރީގެ ޕީޖީ ލީޑަރު، އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް، "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕޭނާއި ފަހުން ވެސް ހިންގައިފާނެ އެފަދަ އެހެން ހަރަކާތްތައް ވެސް ގާނޫނީ ކުށަކަށް ހެދޭ ފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސުޕަރ މެޖޯރިޓީ އޮންނަ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން މީގެ ކުރިން ވަނީ ފާސްކޮށްފައެވެ.
އެ ބިލުގައިވާ ގޮތުން، ރާއްޖެއާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށްފާނެ ފަދަ އަމަލެއް ކުރާ މީހާ އެ ކުރަނީ ކުށެކެވެ. އަދި ރާއްޖެއާ ގުޅުން ގާއިމްކޮށްފައިވާ ގައުމެއްގެ އިއްޒަތާއި ގަދަރަށް ބުރޫ އަރާ ފަދަ އަމަލެއް ކުރުމަކީ ވެސް ކުށެއް ކަމަށް ބިލުގައިވެއެވެ.
މި އަމަލުގެ އަދަބެއްގެ ގޮތުން، ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި ގިނަވެގެން 20،000 ރުފިޔާއިން ޖޫރިމަނާކުރުން ނުވަތަ އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދުކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމަށް ވެސް އެމްޑީޕީގެ ޑްރާފްޓް ބިލުގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ވަނީ "އިންޑިއާ އައުޓް" ބިލު ހުށަނޭޅުނު ބައެއް ސަބަބުތައް ވިދާޅުވެދެއްވައިފައެވެ.
އެގޮތުން އެ ޕާޓީގެ ބައެއް މެމްބަރުންގެ މެދުގައި، ބިލާ މެދުގައި ހިޔާލުތަފާތުވުން އޮތްކަން އޭނާ ވަނީ ހާމަ ކުރައްވައިފައެވެ.
"އެ ބިލާމެދު ވަރަށް ބޮޑަށް ހިޔާލު ތަފާތުވުންތަކެއް އޮތް. ވަކިން ހާއްސަކޮށް އަޅުގަނޑުމެންގެ މަޖިލީހުގައި ހިމެނޭ، މެމްބަރުންގެ ތެރެއިން ސަރުކާރުގެ އެހީތެރިކަމަށް ބޭނުންވާ، ސަރުކާރުގެ އެކިއެކި ކަންކަމަށް ބޭނުންވާ މެމްބަރުންގެ ހިތް ނުތަނަވަސް ކަމެއް، ނޫނީ ހިތްގައިމު ނޫންކަމެއް، ގަބޫލު ނޫން ކަމެއްގެ ގޮތުގައި އެ ބިލު އަޅުގަނޑަށް ފެނިގެން ދިޔަ." އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހިޔާލު ތަފާތުވުންތައް އޮތް ނަމަވެސް، ސަރުކާރާ އެކު، ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރެވި، ބިލު އަލުން މަޖިލީހަށް ހުށަހެޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.