ޚަބަރު ރައްޔިތުންގެ މަޖިލިސް

ޖޭއެސްސީ އިސްލާޙް ކުރާ ކަމަށް ބުނެ ކުރާ މަސައްކަތަކީ ވައްކަމުން ރެކެން ކުރާ މަސައްކަތެއް: ބޮންޑެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޯޓުތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާޙް ކުރަން އިދިކޮޅުން ހުށަހަޅައިފައިވާ ބިލަކީ، މިދިޔަ ވެރިކަމުގައި ހިންގި ވައްކަމުން ސަލާމަތްވާން ކުރާ މަސައްކަތް ކަމެއް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ސިޔާސީ މީހުން ނުހިމެނޭހެން، ޖޭއެސްސީ ބަދަލުކުރުމަށް އިދިކޮޅުން މި ބިލު މަޖިލީހަށް ހުށައެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤެވެ.

މި އިސްލާޙަށް ތާއީދު ނެތް ކަމަށް ވިދާޅުވެ، މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ބޮންޑެ ވިދާޅުވީ، އިދިކޮޅު ފަރާތްތަކަކީ ވެރިކަމުގައި އޮތް އިރު، ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން، ޓިނު ނަގައިގެން ގޮސް ހައްޔަރުކޮށްފައިވާ ބައެއް ކަމަށެވެ. އަދި މިފަދަ ބަޔަކު ޖޭއެސްސީ އިސްލާޙް ކުރަން އުޅޭ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި އެ މީހުންގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް ބޮންޑޭ ވިދާޅުވިއެވެ. ބޮންޑޭ ވިދާޅުވީ، އިދިކޮޅުން ޖޭއެސްސީ އިސްލާޙް ކުރާ ކަމަށް ބުނެ ކުރަމުން އަންނަނީ އަމިއްލަ މަސްލަހަތަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

"އަނެއްކާ ވެސް މި އުޅެނީ ފަނޑިޔާރު ގެޔަށް އަތް ނުބޭނިގެން. ބޭނުން ވަނީ ހުކުމް ކުރަން. ޔާމީންކޮށްފައި ހުރި ވައްކަންތަކުން ރެކެން ވެގެން، އޭގެން ސަލާމަތް ނުވެގެން" ބޮންޑޭ ވިދާޅުވީ އިދިކޮޅުން މަސައްކަތް ކުރަނީ އިސްލާޙްގެ ނަމުގައި ފަސާދަ އުފައްދަން ކަމަށެވެ.

"މި މީހުން ބޭނުންވާ ގޮތަކަށް ފަނޑިޔާރުގެ ނުހެލެވޭނެތީވެ ކުރާ ކަމެއް މިއީ. ޖޭއެސްސީއަކީ ފަނޑިޔާރުގެތައް ޖަވާބު ދާރީ ކުރުވަން، ރައްޔިތުންނަށް އިންސާފު ހޯދައިދޭން އޮންނަ ހުންގާނު"

ބޮންޑޭ ވަނީ ޖޭއެސްސީގައި ރައީސް ނަޝީދު އިންނަވާތީ، އެކަމަށް ބައެއް މެންބަރުން ފާޑު ވިދާޅުވާތީ އެކަމާ ގުޅޭ ގޮތުން ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން ވިދާޅުވީ، ރައީސް ނަޝީދު އެ ކޮމިޝަނުގައި އިންނަވަނީ އަމިއްލަފުޅަށް ބޭނުން ވެގެން ނޫން ކަމަށާއި އެކަން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކަމަށެވެ. އަދި ރައީސް ކަމަށް ނަޝީދު ހޮވައިފައި ވަނީ، މަޖިލިސް މެންބަރުންގެ ވޯޓުން ކަމަށާއި އެހެން ކަމުން އެއީ ރައްޔިތުންގެ ނިންމުމެއް ކަމަށް ބޮންޑެ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!