އަހަންނަށް ވޯޓް ނުދޭ ހިންދޫއެއް ވެއްޖިއްޔާ ހުންނާނީ މުސްލިމުންގެ ލޭ: ބީޖޭޕީ ކެނޑިޑޭޓް
މިހާރު ކުރިއަށްދާ އިންޑިއާގެ ސްޓޭޓް ލެޖިސްލޭޓިވް އެސެމްބްލީގެ އިންތިޚާބުގައި އުއްތަރަ ޕްރަދޭޝްގެ ޑޮމަރިޔަގަންޖަށް ކުރިމަތިލައިފައިވާ ވެރިކަންކުރާ ބީޖޭޕީގެ ކެނޑިޑޭޓް ރަގުވެންދުރާ ޕްރަތާބު ސިންގަށް ވޯޓް ނުދޭ ހިންދޫއެއް ވެއްޖިއްޔާ އެމީހެއްގެ ނާރުތަކުގައި ހުންނާނީ މުސްލިމުންގެ ލޭ ކަމަށް އޭނާ ބުނެފިއެވެ.
ކެމްޕޭން ރެލީއެއްގައި ވާހަކަ ދައްކަމުން އޭނާ ބުނެފައި ވަނީ މުސްލިމަކު އޭނާއަށް ވޯޓެއް ނުދޭނެ ކަމަށާއި އެހެންކަމުން އޭނާއަށް ވޯޓް ނުދޭ ހިންދޫންނަކީ ޚިޔާނާތްތެރިން ކަމަށެވެ.
"ބުނެބަލަ! މުސްލިމަކު އަހަންނަށް ވޯޓް ދޭނެތަ؟ އެހެންވީމާ މި ތަނުގެ ހިންދޫއެއް އެހެން ގޮތަކަށް ވޯޓްލައިފި ނަމަ އެމީހެއްގެ އެ ހުރީ މުސްލިމުންގެ ލޭ، އެ ފަދަ މީހުންނަކީ ޚިޔާނާތްތެރީން" އޭނާ ބުނެފައި ވެއެވެ.
މީގެ އިތުރުން އޭނާ ބުނެފައި ވަނީ އޭނާއަށް އަންނަ މަލާމާތްތަކާ ފުރައްސާރަތަކަށް ކެތްކުރެވޭނެ ކަމަށާއި ނަމަވެސް ހިންދޫ ދީނަށް މަލާމާތްކޮށް ފުރައްސާރަކުރާ މީހަކު "ނެތިކޮށްލާނެ"ކަމަށެވެ.
ރަގުވެންދުރާ ކުރިމަތިލައިފައިވާ ޑޮމަރިޔަގަންޖަކީ މުސްލިމުންގެ އާބާދީގެ ބޮޑު އިންސައްތައެއް އޮންނަ ސަރަހައްދެކެވެ. އެ ސަރަހައްދަށް ވޯޓްލާ 173،000 މީހުންނަކީ ވޯޓްލާ މީހުންގެ ގާތްގަނޑަކަށް 40އިންސައްތައެވެ.
ރަގްވެންދުރާގެ މި ވާހަކަތަކާ ގުޅިގެން އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި އޭގެ ފަހުން އޭނާ ވަނީ އޭނާ ދެއްކި ވާހަކަތަކުގެ މާނަ އޮޅުވައިލައިފައިވާ ކަމަށް ބުނެ ދިފާޢުވާން މަސައްކަތްކޮށްފައެވެ.
"އަހަރެން ބައެއް ވާހަކަތައް ދައްކައިފިން ، އެކަމާ ދެކޮޅެއް ނުހަދަން ، ނަމަވެސް ވާހަކަ ދައްކައިފައި ވަނީ މާނަ ބަދަލުވާ ގޮތަށް ، 40އިންސައްތަ މުސްލިމުން ވޯޓްލާ ޑޮމަރިޔަންގުގެ މުސްލިމުންނަށް ބިރު ދައްކައިގެން އެކަކަށް ވެސް އިންތިޚާބު ކާމިޔާބު ވާނެތަ؟' އޭނާ ބުނެފައި ވެއެވެ.
ރަގްވެންދުރާއަކީ މިހާރު ވެސް ޑޮމަރިޔަންގު ދާއިރާ ތަމްސީލް ކުރާ މެމްބަރެވެ. އޭނާއާ އެންމެ ގާތުން މިފަހަރު ވާދަކުރާނެ ކަމަށް ބެލެވޭ ކެނޑިޑޭޓަކީ އާންމުއާދުމީ ޕާޓީގެ އިމްރާން ލަތީފެވެ. އެ ސަރަހައްދުގައި ވޯޓްލުން އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހުއެވެ.