ޔޫކްރެއިންގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފޮރިން މިނިސްޓްރީއަށް އަންގަވައިފިއެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރައީސް ޞާލިހު މިގޮތަށް އެންގެވުމާ ގުޅިގެން ދިވެހިން މާލެ ގެނައުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ. އެހެން ނަމަވެސް ގެންނާނެ ތާރީހެއް އަދި ހާމައެއް ނުކުރެއެވެ.
ރައީސް މިގޮތަށް އެންގެވި ނަމަވެސް ޔޫކްރެއިންގެ އެއާޕޯޓުތައް ހުޅުވައި، ފްލައިޓުތައް އޮޕަރޭޓު ކުރަން ފެށުމާ ގުޅިގެން ދަރިވަރުން ރާއްޖެ އައުމަށް މިހާރު ހުރަހެއް ނެތެވެ. ފޮރިން މިނިސްޓްރީން ބުނީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނީ ރާއްޖެ އައުމަށް މާލީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
ޔޫކްރެއިންގައި ހަނގުރާމައިގެ ހާލަތު އިއުލާން ކޮށްފައި އޮންނަތާ ދުވަސްތަކެއް ވެފައިވާއިރު އެ ތަނުގައި ތިބި 50އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ރާއްޖެ ނާދެވި އެކަމުގެ ޝަކުވާ ފޮރިން މިނިސްޓްރީގައި ވެސް ކުރިއެވެ. އެހެން ބައެއް ގައުމުތަކުގެ މީހުން އެގައުމުން ބޭލި ނަމަވެސް ދިވެހިން ޔޫކްރެއިން އިން ބާލައިފައެއް ނުވެއެވެ.
ޔޫކްރެއިންގައި ކިޔަވާ ދިވެހި ދަރިވަރަކު ބުނީ ރާއްޖެ އަންނައިރު އޮންލައިންކޮށް ކިޔެވޭނެ އިންތިޒާމު ޔުނިވަސިޓީން ހަމަޖައްސައިދީފައިވާ ކަމަށެވެ. އެ ދަރިވަރު ބުނީ ރާއްޖެ އަންނަނީ އަމިއްލަ ހަރަދުގައި ކަމަށެވެ. އެހެން ނަމަވެސް ފުރޭނެ ދުވަހެއް އަދި ސާފު ނުވާކަމަށް އޭނާ ބުންޏެވެ.
އިރުމަތީ ޔޫކްރެއިންގައި ވަކި ދައުލަތެއް އުފައްދަން މަސައްކަތްކުރާ ހަނގުރާމަ މަތީ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރަޝިޔާ ސިފައިން އެގައުމަށް އަރައިގަންނަން ބޮޑުވަޒީރު ވްލަޑިމިއާ ޕޫޓިން ވަނީ ރޭ އަމުރުކޮށްފައެވެ. ޕޫޓިން ވަނީ އިރުމަތީ ޔޫކްރެއިންގެ ދެ ޕްރޮވިންސް ކަމަށްވާ ޑާންޔެސްކްއާއި ލާހުންސްކް ގައި އުފައްދާފައިވާ ލާހުންސްކް ޕީޕަލްސް ރިޕަބްލިކް އަދި ޑާންޔެސްކް ޕީޕަލްސް ރިޕަބްލިކް ރަސްމީކޮށް ވަކި ދެ ދައުލަތެއްގެ ގޮތުގައި ރަޝިޔާއިން ބަލައިގެންފައިވާކަން ރޭ އިއުލާންކޮށްފައެވެ.
މިއާއެކު ރަޝިޔާ އާއި ޔޫކްރެއިންގެ މަޝްރަހު އިތުރަށް ހޫނުވާނެކަމަށް އޮތީ ބެލެވިފައެވެ. ހުޅަނގުގެ ގައުމުތަކުން ވެސް ވަނީ ރަޝިޔާއން އަމަން ބެލެހެއްޓުމުގައި ހަމަނުޖެހުން އިތުރަށް ބޮޑުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ބުނެފައެވެ.
ދިވެހި ދަރިވަރުން ދިރިއުޅޭ ޙާކީވް ވެސް އޮންނަނީ އިރުމަތީ ޔޫކްރެއިންގައެވެ. ރަޝިޔާއިން ހަމަލާއެއް ދޭނަމަ އެންމެ ފުރަތަމަ އަސަރުކުރާނެ އެއް ހިސާބަކީ ޙާކީވްއެވެ.