ދުނިޔެ

ރީތި ތާރީޚްގެ ކައިވެނި: ބަހެއް އެކްސިޑެންޓްވެ 14 މީހުން މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ އުއްތަރަކަންދުގައި ބަހެއް އެކްސިޑެންޓްވެ 14 މީހަކު މަރުވެއްޖެއެވެ.

Ads by Sosun Fihaara

މި ހާދިސާ ހިނގައިފައި ވަނީ އިއްޔެ އޮތް ކައިވެނީގެ ޙަފްލާއަކަށް ދިޔަ ބައެއް އަނބުރާ ގެއަށް ދިޔަ މަގުމަތީގައެވެ. އިއްޔެގެ ތާރީޚް، 22.2.22އަކީ މި އަހަރުގެ އެންމެ ރީތި ތާރީޚްކަމަށް ވާތީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ކައިވެނިތަކެއް ކޮށްފައި ވެއެވެ.

އުއްތަރުކަންދުގެ ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްސިޑެންޓް ހިނގައިފައި ވަނީ ބަސް ފުރޮޅައިގެންނެވެ. އެ ބަހުގައި 16 މީހުން ދަތުރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 14 މީހަކު މަރުވެ 2 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. މަރުވި އެންމެންގެ ހަށިތައް ފެނިފައި ވަނީ 11ގަޑިއިރުގެ އޮޕަރޭޝަނެއްގައެވެ. ޚަބަރުތައް ބުނާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކާއި ފަސް އަންހެނުން ހިމެނެއެވެ.

މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އެކްސިޑެންޓުން ސަލާމަތްވި ބަހުގެ ޑްރައިވަރު އެކަން ފުލުހުންނަށް ރިޕޯޓްކުރުމުންނެވެ.

އިންޑިއާގެ މީޑިއާތައް ރިޕޯޓްކުރާ ގޮތުގައި އޮޑިޝާގައި ވެސް އިއްޔެ ވަނީ މިފަދަ އެކްސިޑެންޓެއް ހިނގައިފައެވެ. އެ ހާދިސާ ވެސް ހިނގައިފައި ވަނީ ކައިވެނީގެ ޙަފްލާއެއް ނިންމައި އެނބުރި ގެޔަށް ދިޔަ މަގުމަތީގައެވެ. އެ ހާދިސާގައި ހަތަރު މީހަކު މަރުވެ ހަތް މީހަކަށް އަނިޔާ ލިބިފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!