ޚަބަރު އޭޝިއާ ދުނިޔެ

ލޯބިވެރިޔާއާ ގުޅިގެން ފިރިމީހާ މަރައިލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ކާންޕޫރުގައި، އަންހެނަކު އޭނާގެ ލޯބިވެރިޔާގެ އެހީއާ އެކު ފިރިމީހާ މަރައިލައިފިއެވެ.

Ads by Sosun Fihaara
Ads by Sosun Fihaara

އެގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިކަން ހިނގީ ސޯނަމް ނަމަކަށް ކިޔާ އެ އަންހެން މީހާ، އޭނާގެ ލޯބިވެރިޔާއާ އެކުގައި ވަނިކޮށް ފިރިމީހާ ސަރްވޭޝްއަށް ފަޅާ އެރުމުންނެވެ. ހުކުރު ދުވަހުގެ ރޭ ހާދިސާ ހިނގީ ޗަކޭރީ ޕޮލިސް ސްޓޭޝަން ހުންނަ ސަރަހައްދުގައެވެ.

ސޯނަމްގެ ފިރިމީހާ ސަރްވޭޝް ރޭގަނޑު ގެއަށް އައިއިރު، އޭނާއަށް ވަނީ އަނބިމީހާ ލޯބިވެރިޔާ ގޮވައިގެން އޮއްވާ ފެނިފައެވެ. ދެން ހިނގި ޒުވާބަކަށް ފަހުގައި، ދެ ލޯބިވެރިން ގުޅިގެން ވަނީ ސަރްވޭޝްއަށް ހަމަލާދީ މަރައިލައިފައެވެ.

އެކަން ކުރުމަށް ފަހު، އޭނާގެ ފުރާނަ ނެތް މަސްގަނޑު އެއްލައިލީ ގޭ ބިއްދޮށަށެވެ. މި ޖަރީމާ ހިންގުމަށް، އަނެއް ދުވަހު ސޯނަމް ވަނީ، ބަޔަކާ ޒުވާބު ކުރުމަށް ފަހު، އޭނާގެ ފިރިމީހާ ކޮންމެ ވެސް ތާކަށް ދިޔަ ގޮތަށް ގެއަށް ނައިސްގެން އުޅޭ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.

ފުލުހުންނަށް ސަރްވޭޝްގެ ފުރާނަ ނެތް މަސްގަނޑު، ގެ ކައިރިން ފެނުމުން މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، ސަރްވޭޝްގެ އަވައްޓެރިން ވަނީ ސޯނަމް ހިލޭ ފިރިހެނަކާ ގުޅުން ބާއްވަމުން ދިޔަކަން ފުލުހުންނަށް އަންގައިފައެވެ. މިކަން ބެލުމުން، ހާދިސާ ހިނގި ރޭ، ސޯނަމްގެ ލޯބިވެރިޔާ ހުރީ އެ ގޭގައިކަން ފުލުހުން ވަނީ އޭނާގެ ފޯނުގެ ޑާޓާގެ އެހީގައި ހޯދައިފައެވެ.

ސަރްވޭޝް މަރާލި ކަަމަށް ސޯނަމްއާއި އޭނާގެ ލޯބިވެރިޔާ އެއްބަސްވީއިރު، އެކަން ކުރީ "ރުޅިގަދަ"ވެގެން ކަމަށް ފުލުހުންނަށް ވަނީ ކިޔައިދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!