ހިޖާބުގެ މައްސަލަ ބަލާ ގާޟީއާ ބެހޭ ގޮތުން ޓްވީޓްކުރި އެކްޓަރު ހައްޔަރުކޮށްފި
އިންޑިއާގެ ކަރްނާޓަކާގެ ސުކޫލުތަކަށް ބުރުގާ އަޅައިގެން ވަނުން މަނާ ކުރުމާ ގުޅިގެން އެ ސްޓޭޓްގެ ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ބަލާ ގާޟީއާ ބެހޭ ގޮތުން ޓްވީޓްކުރި ކަންނާޑާ އެކްޓަރު ޗޭޓަން ކުމާރު ހައްޔަރުކޮށްފިއެވެ.
ކަރުނާޓަކާގެ ވެރިރަށް ، ބެންގަލޫރުގެ ފުލުހުން ނެރުނު ކުރު ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ އެކްޓަރު އަދި އެކްޓިވިސްޓް ޗޭޓަން ކުމާރުކޮށްފައިވާ ޓްވީޓަކާ ގުޅިގެން ބެންގަލޫރު ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޗޭޓަންގެ ޓްވީޓްގައި އޭނާ ވަނީ ހިޖާބުގެ މައްސަލަ ބަލާ ފަނޑިޔާރު ކްރިޝްނާ ޑިކްސިޓަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އެ ގޮތުން ރޭޕްގެ މައްސަލައެއްގައި ފަނޑިޔާރު ޑިކްސިޓް ކުރިން ޢަމަލުކޮށްފައިވާ ގޮތް ހިއްސާކޮށް އޭނާ ވަނީ ފަނޑިޔާރުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައިފައެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ޗޭޓަންގެ އަނބިމީހާ ބުނެފައި ވަނީ ޗޭޓަން ހައްޔަރުކުރި ސަބަބެއް ވެސް ފުލުހުން ހާމަކޮށްފައި ނުވާ ކަމަށާއި އެހެންކަމުން އެކަން ސާފުކުރަން ފުލުހުންނަށް މިހާރު ހުށަހަޅައިފައިވާ ކަމަށެވެ.