އެމްޑީޕީގެ މަސައްކަތް އޮތީ ލަދުވެތިވާންޖެހޭ ހިސާބެއްގައި، ނިކުތީ ސްޕީޑް އަވަސްކޮށްލަން: ފައްޔާޒް
ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ އޮޑީގެ ސްޕީޑް ދަށްވެފައިވާކަމަށާއި، ޗެއާޕާސަންގެ މަގާމާ އެކު ބޭނުން ވަނީ ސްޕީޑް ރަނގަޅުކޮށް، ހުރިހައި ކަމެއް ބަދަލުކޮށްލަން ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވައިފައިވާ ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.
ފައްޔާޒާއި، އަންހެނުންގެ ރޫހުގެ ރައީސަކަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ކެމްޕެއިން، "ހިންގާލަން"، ލޯންޗު ކުރުމަށް މިރޭ ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ ދިގު ތާރީޚް އެއްކޮށްލާއިރު ވެސް އައިސްފައި ނުވާ ބޮޑެތި ބަދަލުތަކެއް ކުޑަކުޑަ މުއްދަތެއްގެ ތެރޭގައި ގެނެސްދިން ޕާޓީއެއް ކަމަށެވެ. އަދި ހަމަ އެއާ އެކު، އަނިޔާވެރި ވެރިކަމެއްގެ ތެރެއިން ރައްޔިތުން ބަހެއް ބުނަން ނުކެރި ތިއްބައި، އެ ވަކިތަކުން ގައުމު ސަލާމަތް ކުރީ އެމްޑީޕީގެ ވަރުގަދަ ލީޑަރުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒްގެ ވާހަކަފުޅުގައި، އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވާ، "މި އޮޑިއެއް ނުފެތޭނެ، މި އޮޑި ކޮންމެ ކަނޑަކަށް ވެސް ހެޔޮވަރުވާނެ"އަށް އިޝާރާތް ކުރައްވައި ވިދާޅުވީ، މިއަދު އެމްޑީޕީގެ ސްޕީޑް ދަށްވެއްޖެ ކަމަށެވެ.
"މިއޮޑިއެއް ނުފެތޭނެ. ކޮންމެ ކަނޑަކަށް ވެސް މި އޮޑި ހެޔޮވަރު ވާނެ. ނަމަވެސް މިއަދު ކޮންމެ ވެސް ވަރަކަށް އޮޑީގެ ސްޕީޑު ދަށްވެއްޖެ. އޮޑި މަރާމާތުކުރަން ޖެހިއްޖެ. މި އޮޑީގެ ރިޔާ ސާފުކޮށްލަން ޖެހިއްޖެ،" ފައްޔާޒް ވިދާޅުވީ ސްޕީޑް ބާރު ނުކޮށްފި ނަމަ ކާމިޔާބީ އޮޔާ ގޮސްފާނެ ކަމަށެވެ.
ޕާޓީގެ ހިންގުން އޮތީ ޕާޓީގެ ސައިޒަކު ނޫން. ހައްގުވާ މިންވަރަކު ނޫން. މި ޕާޓީގެ މަސައްކަތް އޮތީ ހަގީގަތުގައި ލަދުވެތިވާން ޖެހޭ ހިސާބެއްގައި. އެމްޑީޕީއަކީ ކުދިކުދި ސިކުޑިތަކެއްގައި ފިތި ބާރުވެފައި އޮންނަ ޕާޓީއެއް ނޫން. މިޕާޓީން އެންމެންނަށް ޖާގަ ލިބެންޖެހޭ. ވަކި ގެއަކަށް ވަކި މީހަކަށް ވުމުން ޖާގަ ނުލިބޭ ލިބުމުން ދޫކޮށްލަންޖެހޭ. މިއީ އެއަށް ވުރެ މާބޮޑު ޕާޓީއެއް.
ފައްޔާޒްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޗެއާޕާސަންކަމަށް އިންތިހާބުކޮށްދީފި ނަމަ 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން ކުރިއަށް ގެންގޮސް އެކަން ކާމިޔާބުކުރަން ކުރެވެން ހުރި ހުރިހައި ކަމެއް ކުރައްވާނެ ކަމަށެވެ. އަދި 2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފިސާރި ރަނގަޅަށް އެމްޑީޕީ ހިންގަންޖެހޭކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެމްޑީޕީ އެންމެ ރަނގަޅަށް ހިންގޭނީ ރަށްރަށުގެ ގޮފިތަައް ހިންގާލެވިގެން ކަމަށާއި، ނަމަވެސް މިއަދު ރަށްރަށުގައި އެއްވެސް ހަރަކާތެއް ނުހިނގާކަމީ ލަދުވެތިވާންޖެހޭ ކަމެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"މި ޕާޓީ ހިނގަނީ ރަށްރަށުގެ ހަރުގެތަކާއި ގޮފިތައް ރަނގަޅަށް ހިނގީމާ. ޕާޓީގެ މެމްބަރުން ގިނަ ވިޔަސް، ސަރުކާރެއް އޮވެ ސުޕަ މެޖޯރިޓީއެއް އޮތް މަޖިލީހެއް އޮވެ ޕާޓީގެ ހަރަކާތެއް ނުހިނގާ އޮތް ތަން ތިން އަހަރުގެ ތެރޭގައި ފެނިގެން ދިޔައީ." ފައްޔާޒް ވިދާޅުވީ މިއީ ދެރަވަރު ކަމެއް ކަމަށެވެ.
ޗެއަރޕާސަންގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހު 16 ވަނަ ދުވަހުއެވެ. އިންތިޚާބުގައި ދެން ވާދަކުރައްވަނީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.
މި އިންތިހާބު ގިނަ ބަޔަކު ސިފަ ކުރަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މިންވަރު ވަޒަން ކޮށްލެވޭނެ އިންތިހާބެއްގެ ގޮތުގައެވެ. މައުލޫމާތު ފެތުރޭ ގޮތުގައި މި އިންތިޚާބުގައި ރައީސް ޞާލިހްގެ ތާއީދު އޮތީ ފައްޔާޒަށެވެ. ރައީސް ނަޝީދުގެ ތާއީދު އޮތީ އިންތިއަށެވެ.