ރިޕޯޓް

ބޮޑު މެޖޯރިޓީއަކާ އެކު ވެރިކަމާ ހަވާލުވި ކޮމީޑިއަން ޒެލެންސްކީގެ ދަތުރު ބޮޑު ހަނގުރާމައަކަށް!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

އެއީ 2019ވަނަ އަހަރުގެ ކުރީކޮޅެވެ. ޔޫކްރެއިންގެ ރައްޔިތުންގެ ބޯމަތީގައި އޮތީ ބޮޑު ނިންމުމެކެވެ. އެއީ ޤައުމުގެ ހުންގާނުގައި ހިފާނެ ކައްޕިއެއް ކަނޑައެޅުމެވެ. މި ނިންމުން ނިންމުމަށް ޓަކައި ރައްޔިތުންގެ ކުރިމަތީގައި އޮތީ ދެ ހުށަހެޅުމެކެވެ. ވެރިކަމުގެ ތާޖު އަޅުވާނީ ސިޔާސީ ތަޖުރިބާ ހުރި މީހެއްގެ ބޮލުގައިތޯ ނުވަތަ ކޮމޭޑިއަންގެ ބޮލުގައިތޯ ނިންމަން އޮތް ހުށަހެޅުމެވެ.

Ads by STELCO

ރައްޔިތުންގެ 73އިންސައްތަ ވޯޓް ދިނީ ބަދަލަކަށެވެ. ޒުވާން ، އައު މީހަކަށް ވެރިކަމުގެ އެންމެ އެތެރެކޮއިލުގެ އެންމެ އިސްމަގާމު ދޭން ޖެހޭނެ ކަމަށެވެ. އެ މީހަކަށް ވެގެން ދިޔައީ މިއަދު މުޅި ދުނިޔޭގެ ކަޅި އެމީހަކަށް ހުއްޓިފައިވާ ޔޫކްރޭންގެ ރައީސް ޒެލެންސްކީއެވެ. އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ނަމަވެސް މިއަދު އޭނާގެ ވެރިކަމުގައި ޔޫކްރޭން ތަޖުރިބާ ކުރަމުން ދަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު މުޅި ޔޫރަޕް ދުށް އެންމެ އަނދިރި ދުވަސްތަކެވެ. ސިޔާސީ ތަޖުރިބާއާއި ހިންގުމުގެ ދާއިރާގައި ތަޖުރިބާއެއް ނެތް ޒެލެންސްކީގެ ވެރިކަމުގައި ޔޫކްރޭން އެވަނީ ހަނގުރާމައިގެ ބޯ ވިލާގަނޑެއްގެ ދަށުގައެވެ. އެ ވިލާގަނޑުން މިސައިލާއި ރޮކެޓް އޮހި، މުޅި ޔޫކްރޭން އެވަނީ ހިތްދަތިކަމާއި ބިރުވެރިކަމެއްގެ ތެރޭގައެވެ.

ޔޫކްރޭނުން މިއަދު އެ ފެންނަ މަންޒަރުތަކަކީ އިއްޔެގެ ނަތީޖާއެވެ. އެ ގައުމުން ގެންގުޅުނު ދެފުށްކެހެރި ޚާރިޖީ ސިޔާސަތާއި ނިންމި ފިނޑި ނިންމުންތަކެއްގެ ބަދަލެވެ. ސަބަބުތައް ބައިވަރު ނަމަވެސް އޭގެ ކުރީން ބަލައިލުން މުހިންމު ވަނީ މި ހުރިހައި ކަމެއްގެ ފަހަތުގައި ހުރި އެ ގައުމުގެ އެއްވަނަ ކޮމީޑިއަން ، ރައީސް ޒެލެންސީއަކަށެވެ.

ޒެލެންސްކީގެ ޅަފުރާ

މިހާރު އުމުރުން 44 އަހަރުގެ ވޮލޮޑިމީރް ޒެލެންސްކީ އުފަންވެފައި ވަނީ 1978ވަނަ އަހަރު ރަޝިއާ ބަހުން ވާހަކަ ދައްކާ ކްރިވީ ރިހް ނަމަކަށް ކިޔާ އޭރުގެ ޔޫކްރެއިންގެ ސޯވިއެޓް ސޯޝަލިސްޓް ރިޕަބްލިކްގެ ދެކުނު އިރުމަތީ ސަރަހައްދެއްކަށެވެ

ސޯވިއެޓް ޔޫނިއަން އުވި ޔޫކްރެއިންއަށް މިނިވަންކަން ލިބުނުއިރު އޭނާގެ އުމުރުން 12 އަހަރެވެ

ޔަހޫދީ މަންމައަކާއި ބައްޕައަކަށް އުފަން ޒެލެންސްކީއަށް އިޒްރޭލުގައި ކިޔަވަން ފުރުސަތު ލިބުނު ނަމަވެސް ބައްޕަ އޭނާ ފޮނުވަން ދެކޮޅު ހެދުމުން ޔޫކްރެއިންގައި މަޑުކުރިއެވެ.

އޭނާ ކިޔެވީ، ކީވް އިކޮނޮމިކް ޔުނިވާސިޓީންނެވެ. ޤާނޫނީ ދާއިރާއިން ޑިގްރީއެއް ޙާޞިލް ކުރެއްވި ނަމަވެސް ޒެލެންސްކީގެ ހިތް އޮތީ ކޮމެޑީއަށެވެ. މީހުން ހެއްވާލުމަށެވެ. އުމުރުން 17އަހަރުގައި ޒެލެންސްކީ ވަނީ ކޮމިޑީގެ ދާއިރާއަށް ވަދެފައެވެ.

އުމުރުން 17 އަހަރުގައި ކޮމިޑީ މުބާރާތެއްގައި ބައިވެރިވެ އެއްވަނަ ހޯދިއެވެ. އަދި އޭގެ ފަހުން އޭނާ ވަނީ އަމިއްލަ ގްރޫޕެއް އުފައްދާ ގިނަ ޝޯތަކެއް ކުޅެފައެވެ.

މަޝްހޫރުކަން ލިބުން

ބައެއް ފިލްމްތަކުން ޖާގަ ލިބެމުން ދިޔަ ނަމަވެސް، ޒެލެންކްސްކީ މަޝްހޫރު ވެގެން ދިޔައީ "ދަ ސާވެންޓްސް އޮފް ޕީޕަލް" (އާއްމުންގެ ޚިދުމަތް ތެރިޔާ) މި ފިލްމުންނެވެ.

"ސަރވަންޓް އޮފް ދަ ޕީޕަލް"ގައި ޒެލެންސްކީ ކުޅުނީ ވަސިލް ޕެޓްރޯވިޗް ހޮލޮބޮރޮޑްކޯގެ ރޯލެވެ. އެ ފިލްމުގައި އޭނާ ކޮރަޕްޓް ސިޔާސީ މީހުންނާ ދެކޮޅަށް ނިކުމެ، ޤައުމުގެ ރައީސްކަމާ ހަވާލުވެއެވެ.

ފިލްމުން ލިބުނު މަޝްހޫރުކަން ބޭނުން ކޮށްގެން ޒެލެންސްކީ ވެރިކަމަށް ކުރިމަތި ލައްވާނެކަން އިއުލާން ކުރީ 2018ވަނަ އަހަރުގައެވެ. ކެމްޕެއިންގައި ވިދާޅުވީ، ފިލްމުގައި ގޮތަށް އޭނާ ރައީސް ކަމަށް އަންނާނެ ކަމަށެވެ.

ޒެލެންސްކީ ކެންޕެއިން ކުރެއްވީ ވެސް ވަރަށް ތަފާތު ގޮތަކަށެވެ. ގޭގެއަށް ގޮސް ވޯޓް ހޯދަން މަސައްކަތެއް ނުކުރައްވައެވެ. ބޮޑެތި ރެލީތަކާއި ޖަލްސާތަކެއް ވެސް ނުބާއްވައެވެ. ޒެލެންސްކީގެ ކެންޕެއިން ހަތިޔާރަކަށް ނެންގެވީ މީސްމީޑިއާގައެވެ. ކުރެއްވި ކަމަކީ ދެން ތިބި ކެނޑިޑޭޓުންނަށް ޖޯކު ޖެހުމެވެ. މި ވީޑިއޯތައް ޓްވިޓަރ އަދި ފޭސްބުކްގައި ވަރަށް ބޮޑަށް ވައިރަލް ވެގެން ދިޔައެވެ.

އޭނާގެ މެނިފެސްޓޯގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލައިފައި ވަނީ ސިޔާސީ މައިދާނުގައި ކޮރަޕްޝަނާއި ރަޝިޔާގެ ވަކިވެގަތުމަށް މަސައްކަތްކުރާ ފައުޖުތަކާ އެކު އިރުމަތީ ޔޫކްރެއިންގެ ޑޮންބާސް ސަރަހައްދުގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ.

2019ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޭނާ ކާމިޔާބު ކުރެއްވީ، ޔޫކްރެއިންގެ ކުރީގެ ރައީސް ޕޮރޮޝެންކޯގެ މައްޗަށް ދެވަނަ ބުރުގައި %73 ވޯޓު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިގެންނެވެ. އެ އަހަރުގެ މެއި މަހު އޭނާ ވެރިކަމާ ހަވާލުވިއެވެ.

ކޮރަޕްޝަނާ ދެކޮޅުވާނެ ކަމަށް ބުނި ޒެލެންސްކީއަށް ކޮރަޕްޝަންގެ ތުހުމަތުތައް

ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ ވައުދުތައްވަމުން ވެރިކަމާ ހަވާލުވި ނަމަވެސް، ވެރިކަމަށް ވަޑައިގަތް ޒެލެންސްކީ ކަންތައް ކުރެއްވި ގޮތުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ. ކޮރަޕްޝަން ހުއްޓުވުމަށް ކަމަށް ބުނެ، ޒެލެންސްކީ ޓާގެޓް ކުރެއްވީ ވަކި ބަޔަކަށެވެ. އަނެއްބަޔަކު ފާޅުގައި އެކަން ކުރަމުންދިޔަ އިރު ވެސް ދެއްވީ ކަނުލޮލެކެވެ. އޭގެ ތެރެއިން އެކަކީ "ސާވަންޓް އޮފް ދަ ޕީޕަލް"އިން ގެނެސްދިން ޓީވީ ޗެނަލް 1+1ގެ 70 ޕަސެންޓް ހިއްސާ އޮންނަ ބިލިއަނަރު އިގޯރް ކޮލޮމޮއިސްކީއާއެވެ.

2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޕެންޑޯރާ ޕޭޕަރސްއިން ވަނީ ޒެލެސްކީއާއި އޭނާގެ އެންމެ ގާތް ދެ މުޝީރުންގެ، ބްރިޓިޝް ވާޖިން އައިލެންޑްސް، ސައިޕްރަސް އަދި ބެލީޒްގައި އޯފްޝޯ އެކައުންޓްތަކެއް ހުރިކަން ފަޅައިއަރުވައިފައެވެ.

ރަޝިޔާއާ ސީދާ ދެކޮޅުވުން

ކޮވިޑް-19އާއި، އިގުތިސޯދާއި، ކޮރަޕްޝަނާ ދެކޮޅަށް އޭނާ ފެއިލްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ފަސް އަޅައިލުމަށް ޒެލެންސްކީ ނެންގެވީ ވަރަށް ނުރައްކާ މަގެކެވެ. އެއީ ރަޝިޔާއާ އެކު ދެބަސްވުންތައް ފެންމަތި ކުރުމެވެ. މިގޮތުން ރަޝިޔާއަށް ތާއީދުކުރާ ޔޫކްރޭންގެ ސިޔާސީ ޖަމްޢިއްޔާއެއްގެ ޗެއަރމަން ، ވިކްޓަރ މެޑްވެދްޗުކްއަށް ދަތިކުރުމުގެ ފިޔަވަޅު އެޅިއެވެ.

އަދި ޔޫކްރެއިންގެ ދެ އެލަޔަންސްގެ މެންބަރުކަން ހޯދުމަށް ޔޫކްރެއިންއިން ކުރާ މަސައްކަތް އަވަސް ކުރުމަށާއި، ހުޅަނގުގެ ގައުމުތަކާ އެއްގަލަކަށް އަރުވައިދިނުމަށް ވެސް ނޭޓޯއާއި އީޔޫގެ ލީޑަރުންނަށް އޭނާ ގޮވައިލެއްވިއެވެ.

ޒެލެންސްކީގެ އެންމެ ބޮޑު މައްސަލައަކީ އަމިއްލަ ޤައުމު ދިފާއު ކުރަން އެހެން ބަޔަކު އަންނާނެ ކަމަށް ޤަބޫލު ކުރުމެވެ

އަވަށްޓެރި ގައުމުތަކުގެ މަސްލަޙަތަށް ނުބަލައި ސަރަޙައްދީ އިސްތިޤުލާލަށް ވުރެ ބޮޑަށް އެމެރިކާއަށާއި ނޭޓޯއަށް ފައިދާވާ ގޮތަކަށް ޒެލެންސްކީ އަމަލު ކުރިއެވެ. ފަހު ވަގުތު އެމެރިކާ އަދި ނޭޓޯއިން ޒެލެންސްކީގެ ދިފާއުގައި އަންނާނެ ކަމަށް ބަލައިގެންނެވެ. އަމިއްލަ ފައި މައްޗަށް ޤައުމު ނެގުމުގެ ބަދަލުގައި ޒެލެންސްކީ އުޅުއްވީ ބައެއްގެ ފައި މައްޗަށް ވެއްޓި ގަނެވޭތޯއެވެ. މިއަދު ޔޫކްރޭންގެ މަޝްރަޙާ މެދު ވިސްނައިލައި ، ހާލަތަށް އައި ގޮތް ބަލައިލުމަށް ، އެގައުމުގެ ކަންހިނގި މަގު ރިވައިންޑް ކޮށްލުމުން ފެންނަ ހަގީގަތަކީ އެއީއެވެ.

  1. އާދަމް

    ގައުމުތަކަށް ވެރިން ހޮއްވެވުމުގައި ވިސްނާލަން ރަނގަޅު ނުކުތާއެް
    އިޙްލާސްތެރިކަން ހުއްޓަސް ކޮންމެކޮންމެ މީހަކަށް ޤައުމުގެ ހުންގާނު ދޫކޮށްލުމަކީ ހިތާމަކުރަންޖެހޭނެކަމެއްކަން

    • ށަވިޔަނި

      ވިސްނައިފި މީހަކަށް ޢިބްރަތަކަށް ފުދޭ

  2. ކެލާ އަޙުމަދު ވަޙީދު ޢަލީ

    ރަޝިޔާ މީހުން ނުޖެހޭނެ ޔުކްރޭނަށް އަރާކަށް.
    ޔުކްރޭނުގެ ވެރިޔަކު ހޮވާނީ ޔުކްރޭނު ރައްޔިތުން. އެއީ ޕުޓިން އާ ބެހޭ ކަމެއް ނޫން. ސައިޒު އޮޅިގެން ދުނިޔޭގެ ވެރިމީހާ ކަމަށް ހެދިގެން ޕުޓިން އުޅޭކަށް ނުޖެހޭ.
    މި ނޫހަށް ޕުޓިން ބައި އަޅަނީތަ؟
    ޔުކްރޭނާ ދެކޮޅު ޚަބަރު ފުލުފުލުން ތިޔަ ލިޔަނީ؟