މަހްލޫފްގެ މައްޗަށް އުފުލި ދައުވާ ބޭރުކޮށްލައިފި

ރާއްޖޭގައި މިފަހުގެ ތާރީޚެއްގައި ހިނގި ޚިޔާނާތުގެ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްޗަށް އުފުލައިފައިވާ ކޮރަޕްޝަންގެ ދައުވާ ކުރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ މި މައްސަލައިގެ އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވަނީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ނިންމަވައި މައްސަލަ ބޭރުކޮށްލައްވައިފައެވެ.
މީގެ އިތުރުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ދައުލަތުގެ ފަރާތުން މައްސަލަ ސާބިތު ކުރުމަށް ހެކި ހުށަހަޅައިފައި ވީ ނަމަވެސް އެ ހެކިތަކަކީ މައްސަލަ ސާބިތު ކުރެވޭނެ ހެކިތަކެއް ނޫން ކަމަށެވެ. އަދި އެގޮތަށް ނިންމީ ކުރިން ހައިކޯޓުން ނިންމައިފައިވާ ނިންމުމަކަށް ރިއާޔަތްކުރެއްވުމަށް ފަހު ކަމަށް ވެސް ގާޒީ މިއަދު ވިދާޅުވިއެވެ.