ރަަޝިއާއާއި ބެލަރޫސްގައި ދިވެހި ދަރިވަރުން ތިބި ސަރަހައްދުތަކަށް ނުރައްކަލެއް ނެތް

ރަޝިޔާ އަދި ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުންނަށް ނުރައްކަލެއް ނެތް ކަމަށް އެ ދެ ޤައުމުން ބުނެފިއެވެ.
ރަޝިޔާއާއި ޔޫކްރޭންއާ ދެމެދު ހަނގުރާމަ ހިނގަމުންދާތީ އެ ސަރަހައްދުގެ ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުން ރާއްޖެ ގެނައުމަށް ފޮރިން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.
އެ ދަރިވަރުންގެ ތެރެއިން މެޑިސިން ކޯސް ހަދާ ދަރިވަރުން ރާއްޖެ ގެނެވެން އޮތީ އެ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދާނަމައެވެ. އެ ނޫން ހާލަތެއްގައި ރާއްޖެ ގެނެސްފި ނަމަ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާނެއެވެ.
ނަމަވެސް ރަޝިއާ އަދި ބެލަރޫސްގައި ހިންގަމުންދާ މެޑިސިން ކޯސްތަކުގެ ކްލާސްތައް އޮންލައިންކޮށް ހިންގަން ޖެހޭ ހާލަތެއް އަދި ނެތް ކަމަށް ދިވެހި ދަރިވަރުން ކިޔަވަމުންދާ ޔުނިވާސިޓީތަކުން ބުނެފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ވަނީ ވިދާޅުވެފައެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، ބެލަރޫސްގެ ޔުނިވަރސިޓީތަކުން ބަރލިންގައި ހުންނަ ދިވެހި އެމްބަސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދެވޭނީ އެ ގައުމުގެ ހެލްތު މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިގެން ކަމަށާއި، ކައިރި މުސްތަޤްބަލެއްގައި ކްލާސްތައް އޮންލައިންކުރުމުގެ ވިސްނުމެއް ބެލަރޫސް ސަރުކާރުގެ ނެތް ކަމަށެވެ. އަދި ދަރިވަރުން ބެލަރޫސްގައި ތިބޭ އިރު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ޔުނިވަރސިޓީތަކުން ޔަގީންކޮށްދޭކަމަށް ވެސް ޔުނިވަރސިޓީތަކުން ދިވެހި ސަރުކާރަށް އަންގައިފައިވެއެވެ.
ރަޝިޔާގެ ޔުނިވަރސިޓީތަކުން ވެސް ވަނީ ދިވެހި ދަރިވަރުން ތިބި ސަރަހައްދުތަކަށް ނުރައްކަލެއް އޮތްކަމަށް ނުފެންނާތީ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނުފެންނަކަމަށް ބުނެފައި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.