ރިޕޯޓް

ޢަލިރަސްގެފާނަށް މި ޤައުމުން ދެނީ ކޮން ޢިއްޒަތެއް؟

ދެން އެމްވީ ، ދެން އޮންލައިން

މިއީ ސިޔާސީ ވާހަކައެއް ނޫނެވެ. މިއީ ވަކި ސަރުކާރެއް ކުށްވެރިކުރާން ދައްކާ ވާހަކައެއް ވެސް ނޫނެވެ. މިއީ ދަޢުލަތެއްގެ ގޮތުން މިދައުލަތް ވެފައިވާ އަދި ވަމުންދާ އިހުމާލެއް ބަޔާންކުރުމެވެ. ބޭނުމަކީ އިސްލާހުކުރުމެވެ.

Ads by STELCO

އަޅުގަނޑުމެން ކުޑައިރު ، މާލޭގެ މާފަންނުކޮޅުގައި ހުރި އަލިރަސްގެފާނުގެ ޒިޔާރަތް ހުންނަނީ މާލޭގެ ފަޅުތެރޭގައެވެ. އެޒިޔާރަތުގައި ފަސްދާނުވެޑުވިފައި ވަނީ އެންމެ ފަހު ވަގުތާ ހަމައަށް ޕޯޗުޤީޒުންގެ އަޅުވެތިކަމާ ދެކޮޅަށް ހަގުރާމަ ކުރައްވައި މި ޤައުމުގެ މިނިވަންކަމަށް ޓަކައި އެ މާތް ރަސްގެފާނުގެ ފުރާނަފުޅުން އަގުދެއްކެވި ޢަލީ ރަސްގެފާނެވެ. އާދެ! އައްސުލްޠާން ޢަލީ 6ވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުންނެވެ. އެ ރަދުންގެ އަރިހުގައި އެ ދުވަހު ހަނގުރާމައަށް ނުކުތް ހަމައެކަނި ދެ ދިވެހިން ވެސް ޝަހީދުވެ އެ ޒިޔާރަތުގައި ފަސްދާނު ވެޑުވުނުވެ. ބުނެވޭ ގޮތުގައި އެ ބޭފުޅުން ފަސްދާނުލެވުނީ އެ ބޭފުޅަކު ޝަހީދުވެވަޑައިގެން ވެއްޓިވަޑައިގެންނެވި ތަނުގައެވެ. އަދި އެ ބޭފުޅުން ތަސްދާނުލެއްވުމަށް ފަހު ވަށައިގެން ގައު ޖައްސައި ފާރެއް ފަދައިން ހެދިއެވެ. ބުނެވޭ ގޮތުގައި އޭރު ކަނޑުގެ ލޮނުގަނޑު ފާރުގެ ވަށައިގެން ހިނގަހިނގާ އޮވެއެވެ.

އިހުޒަމާނުގައި މާލޭގައި ހިތިދުވަސް ފާހަގަކުރުމުގެ އާދަކާދަތަކުގެ ތެރޭގައި އޭރަކު ހުންނަވާ ރަސްކަލަކު އަލިރަސްގެފާނުގެ ޒިޔާރަތަށް ވަޑައިގެން ޞަލަވާތް ފާތިހާ ވިދާޅުވާކަމަށް ވެއެވެ. ޒަމާންތައް ބަދަލުވެ މިއަދު މާލެ ވަނީ ވަރަށް ބޮޑަށް ހިއްކައިފައެވެ. މި ހިއްކުމުގެ ތެރޭގައި އަލިރަސްގެފާނު ޒިޔާރަތް ވެސް މި ވަނީ ރަށުގެ ތެރެއަށް ވަދެފައެވެ. އަދި އެ ޒިޔާރަތުގެ ވަށައިގެން ގެތައް އާބާދުކުރެވި އެ ގެތައް އުސްކޮށް އިމާރާތް ކުރެވިފައެވެ. މިއަދު ޢަލިރަސްގެފާނު ހިނގުން މަގަކީ މާފަންނުގެ މެދުގައި އޮތް މަގެކެވެ.

މި ޒިޔާރަތް ވާވެ ކުނިގޮނޑަކަށް ވެފައި އޮއްވައި، އެންމެ ފަހުން މި ޒިޔާރަތް އާބާތުރަ ފިލުއްވީ ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް އައްބާސް އިބްރާހީމެވެ. އޭރު އެ މަނިކުފާނަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސެވެ. އެ ފަހަރު އެ ތަން ވަށާ ޒީނަތްކޮށް ތާރީޚީ މައުލޫމާތު ލިބޭ ބޯޑުތަކާ އެކު ވަރަށް ފުރިހަމަ ބިނާއަކަށް އެ ތަން ހެއްދެވިއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއް ނުވަނީސް ފެނުނީ އެތާގައި ހުރި ބޯޑުތައް ތަޅައި ސުންނާފަތިކޮށް އެ ތަނަކީ އިހު އޮތް ގޮތަށް ކުނިގޮނޑެއްގެ ގޮތުގައި އޮންނަ ތަނަކަށްވެ އެ ކަމަކީ މީހެއްގެ ހިތަކަށް އަސަރެއް ކުރާ ކަމަކަށް ނުވެފައި އޮތް ކަމަކަށް ވުމެވެ.

ވެމްކޯ އުފެއްދުމުގެ ކުރިން އެ ޒިޔާރަތަކީ ކުނިގޮނޑަށް އެއްލައިލާން ގެންދެވޭ ކުނިކޮތަޅު ހިފައިގެން ހިނގަން ޖެހޭ މަގު ކުރުކޮށްލަދޭ އެކުވެރިޔާއެވެ. ވެމްކޯ އުފެދުމަށް ފަހު އެ ޒިރާރަތަކީ ވެމްކޯގެ ކުނި ލޮރީ އަންނަންދެން ކަރުގޮހޮރު ކޮތަޅުތަކާއި ކުނި ބަތްތަކާއި ނެޕީތައް "މަޑުކޮށްލާ ގިމަތަ"އެވެ. މިއީ އެންވަޔަރަމަންޓު މިނިސްޓްރީގެ އިހުމާލެއްތޯ ، ހެރިޓޭޖް މިނިސްޓްރީގެ އިހުމާލެއްތޯ ، ވެމްކޯގެ އިހުމާލެއްތޯ ނުވަތަ މާލޭ ސިޓީގެ އިހުމާލެއްތޯ ބަލާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ. ނުވަތަ އަދަބު ދޭންވީ ކުނިކޮތަޅު ބަހައްޓާ މީހާއަށްތޯ ނުވަތަ އެ ޒިޔާރަތާ އިންވެގެން ހުރި ގޯތިތަކުން ކުނި އަޅާ މީހުންނަށްތޯ ބަލާކަށް ވެސް ބޭނުމެއް ނޫނެވެ. ބޭނުން ވަނީ މި ކަން ހުއްޓޭށެވެ.

އެހެނިހެން ޤައުމުތަކުގެ ހައްޤުގައި ޝަހީދުވާ މީހުންގެ މަގުބަރާއަށް އުކެނީ ފިނިފެންމަލުގެ ގުލްދަސްތާތަކެވެ. މި ޤައުމުގައި ކަރުގޮހެރެވެ. ކުނި ކޮތަޅުތަކެވެ.

ދެން އޮތީ އަލިރަސްގެފާނު ޝަހީދުވީ އިރު އިންނެވި މާތް އަނބިކަބަލުން ކަނބާ އައިސާ ރަނިކިލެގެފާނުގެ ޒިޔާރަތުގެ ވާހަކައެވެ. އެ ކަމަނާގެ ޒިޔާރަތަށް ވެސް ދެވިފައި ވަނީ މި ފަދަ ދަށު ދަރަޖައެކެވެ. މިއަދު އެ ކަނބާގެ މަހާނަ ހުރީ ބާރަށުގެ ބޮޑުމަގުގެ މެދުގައި ހާމަޔަށް ޖެހިފައެވެ.  ބައިސްކަލާއި ކާރާއި ޕިކަޕާއި ލޯރިޔާއި ސައިކަލްތައް އެހެރަ ދަނީ އެ މަހާނަ މަތިންނެވެ. އެއްވެސް އިޙުތިރާމެއް ގަދަރެއް ނެތެވެ.

އަލިރަސްގެފާނު ޝަހީދުވެވަޑައިގަތުމަށް ފަހު އެ ރަސްގެފާނުގެ ދަރިކަނބަލުން ސިއްތިފުޅުގެ އަރިހުގައި ކަނބާ އައިސާ ރަނިކިލެގެފާނު ވަޑައިގެންނެވީ ބާރަށަށެވެ. އެ ދެމައިކަނބަލުން އެދުވަހު ޝަހީދު ނުވީ ވިޔަޒޯރުގެ ހިތަށް ކޮންމެވެސް ކަހަލަ ރަހުމެއް އެ ތުއްޕުޅު ދަރިކަނބަލުންނާ މެދު ވަދެގެންނެވެ.

ކޮންމެއަކަސް ކަނބާ އައިސާއަކީ މުޙައްމަދު ތަކުރުފާނުގެ ޤައުމީ ޖިހާދުގައި ޝަހީދުވި ފުރަތަމަ އަންހެން ސާހިބާއެވެ. އުތީމު މުޙައްމަދު ތަކުރުފާނުގެ އަނބިކަނބަލުން ، ޢަލީ ރަސްގެފާނުގެ ދަރިކަނބަލުން ސިއްތިމާވާ މަލިކަށް ގެންދެވުމަށް ހަސަން ތަކުރުފާނު ބާރަށަށް ވަޑައިގެންނެވި ރޭ އަމިއްލަ މޭފުޅު މިޤައުމަށް ޓަކައި އައްޑަނައަކަށް ދިއްކޮށްލައްވާ ހަސަން ތަކުރުފާނާއި ސިއްތިމާވާ ސަލާމަތުން ވަޑައިގަންނަވާނޭ ޖާގަ ހައްދަވައިދެއްވުމުގެ ، އެ ޤުރުބާނީގެ އަގު ނިކަން ދެކެބަލާށެވެ. މިއަދު އެއީ ލޮރީއާއި ފިކަޕާއި ކާރާއި ސައިކަލު އެ މަހާނަމަތިން ދުއްވަން އޮތް އަގެއް ނެތް ޖިސްމެކެވެ.

އަލިރަސްގެފާނުގެ ޒިޔާރަތް ސިފަކުރައްވާ އޮނަރަބަލް އިބްރާހިމް ޝިހާބު ވިދާޅުވިއެވެ.

"ހިތުން ޝުކުރާ ތައުރީފާ އަދާ ނުވެވޭ ވަރެއް ނޫނޭ…

އެ ތަން ފެނުމުން އަލުން ޤައުމީ އަސަރު ނުކުރާ ވަރެއް ނޫނޭ" .

ނަމަވެސް އުފެދޭ ސުވާލަކީ މި ޖީލުގެ ކުދިންނަށް އަލިރަސްގެފާނުގެ ޒިޔާރަތް ދޮށުން ދާއިރު އެ އިހުސާސް ކުރެވޭނެ ބާވައެވެ. ކަނބާ އައިސާ ރަނިކިލެގެފާނުގެ ޒިޔާރަތުގެ މަތިން ދުވެފައި ދާއިރު އެ އިއްޒަތާއި ޤަދަރު ކޮބައި ބާވައެވެ؟

ނަމަވެސް ހަމަ އަޑަށް ބާރުލައިފައި އެންމެން ވެސް މިއަދު ކިޔަންވީ އޮނަރަބަލް މުޙައްމަދު ޖަމީލް ދީދީގެ ޅެންބައިތެވެ.

"ޝަހީދުންގެ އީދޭ ކުރާށޭ ހަނދާން، ބަހީ ދެން އެހިތްވަރު އަލުން އައުކުރާން

ބަހީދެން މި ޤައުމަށް ޓަކައި ޖާނުދޭން ، ބަހީދެން އެކީގައި މުޅީން ހޭދަވާން '

އެޑިޓަރުގެ ނޯޓް: މިއީ މިހާރަކަށް އައިސް ، ހަމައެކަނި ކަލަންޑަރުގެ ގަނޑެއްގައި މި ދުވަސް ފާހަގަ ކުރެވިފައި އޮންނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މުޙައްމަދު ނަޝީދު(ކާނަލް) ފާޅު ކުރައްވައިފައިވާ ޚިޔާލެކެވެ. ޝަހީދުންގެ ދުވަހަކީ މާތް ވެގެންވާ އިސްލާމް ދީނާއި ގައުމުގެ ޙައްޤުގައި ޢަލިރަސްގެފާނުގެ ފުރާނަފުޅުން އަގު ދެއްކެވި ދުވަހެވެ. މި ދުވަސް ފާހަގަ ކުރަނީ އެ ރަސްގެފާނު ޝަހީދުވެވައިގެންނެވި ދުވަސްކަމަށްވާ ޝައުބާން މަހުގެ އެއްވަނަ ދުވަހުއެވެ.

Ads by Ooredoo
  1. ރަނގަލު ވާހަކައެއް

  2. އުއްތަމަ އުސްތާޛް

    ވަރަށް ރަނގަޅު ލިޔުމެއް ޒާތީކަމެއްނެތްްް މައްސަލައަށްްް އިންސާފު ކޮށްފައިވާ ބެލެންސް ލިޔުމެއް.